އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ދިވެހި ޑޮކްޓަރަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި ކޯވިޑް-19 އަށް އޭނާގެ އަނބިމީހާ ފައްސިވީ ރޯގާގެ އަލާމާތްތަކެއް ހުރުމުން ޓެސްޓްކޮށްގެން ބެލުމުން ކަމަށެވެ. ޑޮކްޓަރު ބުނެފައިވަނީ އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދިނުމަށް އޭނާ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދެ ހަފްތާވެއްޖެ ކަމަށާއި އެ ބަލި ގެއަށް ގެނައީ އޭނާ ކަމަށެވެ. ކޯވިޑް-19 އަށް އޭނާވެސް ޓެސްޓު ކުރި ކަމަށް ބުނެފައިވާއިރު އޭގެ ނަތީޖާ ޙިއްސާ ކޮށްފައެއް ނުވެއެވެ.

ޑޮކްޓަރު ބުނެފައިވާ ގޮތުގައި އަނބިމީހާ މިހާރު ހުރީ އަމިއްލައަށް އެކަހެރިވެގެންނެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި، ފަރުވާގެ ސަބަބުން ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ޑޮކްޓަރު ހާމަކޮށްފައިވެއެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކު، ކޯވިޑް-19 އަށް ޕޮޒިޓިވްވީއިރު، އެ ގައުމުން ރާއްޖެ އައި ދިވެއްސަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް ރާއްޖެ އައުމާއެކު އޭނާ ހުރީ ކަރަންޓީންގައި ކަމަށްވުމުން، އޭނާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޔޫއޭއީގައި ވެސް ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވި ކަމަށް މީޑިއާގައި ހަބަރު ފެތުރުނެވެ. އެކަމަކު، ދިވެހި ސަރުކާރުން އެކަށް އަދި ކަށަވަރުކޮށެއް ނުދެއެވެ.

ރާއްޖެ އިން ކޯވިޑް-19 ޖެހިފައިވާ 16 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެތެރެއިން 9 މީހަކު މުޅިން ރަނގަޅުވެފައިވާއިރު، މިހާރު ތިބި މީހުންގެ ތެރެއިން ވެސް ފަރުވާދޭން ޖެހިފައި ވަނީ މަދު ބަޔަކަށެވެ. މީގެތެރެއިން ދެމީހަކު ބައްޔަށް ޕޮޒިޓިވްވީކަން ކަށަވަރު ވެފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން