ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި އެތައް މަޤާމެއްގައި އުޅުއްވިކަމަށާ، އަދި ދައުލަތުގެ ނުފޫޒުގަދަ ބާރުގަދަ އެތައް މަޤާމެއްވެސް ފުރުއްވިކަމަށާ، ނަމަވެސް ދުވަހަކުވެސް ދައުލަތުގެ ފަޅި ލާރިއެއްގައިވެސް ޖެހިފައި ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އދ.މަހިބަދޫގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ދައުލަތުގެ އިސް އެތައް މަގާމެއް ފުރުއްވިއިރު، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެވިދާނެ އެތައް ފުރުސަތެއް އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވިކަމަށެވެ. ނަމަވެސް، ދުވަހަކުވެސް ނުހައްގުން، ދައުލަތުގެ ފަޅި ލާރިއެއްގައި ވެސް ޖެހިފައި ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަކަމެއްގެ ތުހުމަތުގައި ދުވަހަކުވެސް ދައުލަތުގެ އިދާރާއަކުން އެމަނިކުފާނާ ސުވާލެއްވެސް ކޮށްފައި ނުވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހީމަކީ މިހާރު ރާއްޖޭގައި މިއޮތް މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމު ގެނައުމަށް އެންމެ އިސްސަފުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ސިޔާސީ އިސްލާޙީ މަސައްކަތުގެ އެންމެ އިސް އެއް މޭސްތިރިއެވެ. އަދި މިހާރު ޢަމަލުކުރަމުން މިދާ ފެހި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީވެސް ޤާސިމެވެ. އަދި މި ނިޒާމުގެތެރެއިން އުފެދުނު ކޮންމެ ސަރުކާރެއްވެސް މިހާތަނަށް އުފެދިފައިވަނީ ޤާސިމް އިބްރާހީމްގެ ވަރަށްބޮޑު ބައިވެރިވުމަކާއި އެހީތެރިކަމަކާއެކުއެވެ.

ޤާސިމް ވިދާޅުވީ މިހާތަނަށް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރު ފިޔަވައި ދެން އައި ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންނަށް ކެހި ދީފައިވާކަމަށެވެ. އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މިކަންކަމާމެދު ވިސްނުމަށާއި ދައުލަތުގެ ފައިސާއަށް އަމާނާތްތެރި ރައްޔިތުންނަށް އިޚްލާސްތެރި ބަޔަކަށް ފުރުސަތު ދިނުމަށް ޤާސިމް އެދިވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން