މިސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހޭދަކުރެއްވި 19 މަސްދުވަހުގެތެރޭގައި ދުވަހަކުވެސް ޤާނޫނާ ޤަވާޢިދާ ޚިލާފުކަމެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އޭނާއަށް އަންގަވާފައި ނުވާކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ އިންތިޚާބީ އެޖެންޓު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕެއިންގައި މިހާރު އއ.އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެތެރެއިން މަތިވެރީގައި ވާހަކަ ދައްކަވަމުން ޢަލީ ވަޙީދުވަނީ މަތިވެރީ ފިނޮޅާއި މަތިވެރީގައި ހުންނަ ކާޒާމިއާ ގެސްޓުހައުސްއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ޖަވާބުދެއްވާފައެވެ.

ޢަލީވަޙީދު ވިދާޅުވީ އޭނާ ވަޒީރުކަމުގައި ހުންނެވި 19 މަސްދުވަހުގެ ތެރޭގައި ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އޭނާއަށް ޤާނޫނާ ޤަވާޢިދާ ޚިލާފުކަމެއް ކުރުމަށް އަންގަވާފައި ނުވާކަމަށާ، އަދި އެފަދަ އަމުރެއް ކުރެއްވިނަމަވެސް އޭނާއަކީ އެފަދަކަމެއް ކުރާނެ މީހެއް ނޫންކަމަށެވެ.

މަތިވެރި ކާޒާ މިއާއާއި މަތިވެރި ފިނޮޅުގެ މައްސަލާގައި ކަންކަން ހިނގާފައިވާގޮތް ވަރަށް ސާފުކޮށް މިއަދުވެސް ފެންނަން އޮންނާނެކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ. މިކަން ހިނގައިދިޔަގޮތް ޓުއަރިޒަމް މިނިސްޓްރީގެ ލިޔެކިއުންތަކުން ފެންނަން އޮންނާނެކަމަށާ، މި ދެމައްސަލައަކީ އޭނާގެ ވަޒީރުކަމުގެ ދުވަސްވަރު ކުރިމަތިވެވަޑައިގަތް ނިންމަވަން އެންމެ އުނދަގޫ ނިންމެވުންކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަން ނިންމަވާފައިވާނީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ވަރަށް ސާފުކޮށްކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ. މި ދެމައްސަލައާ ގުޅޭ އެއްބަސްވުމަކީވެސް މިސަރުކާރު އައިއިރުވެސް ހަދާފައި އޮތް ދެ އެއްބަސްވުންކަމަށާ، އެކަމާ ގުޅިގެން މިސަރުކާރުން ނިންމެވި ނިންމެވުންތައް އަދި މިނިސްޓްރީއަށް ދިޔަ މީހުން ދެއްކި ހުރިހާ ވާހަކައަކާއި ލިޔެކިއުންތައްވެސް މިހާރުވެސް ޓުއަރިޒަމް މިނިސްޓްރީގައި ހުންނާނެކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ ރާއްޖޭގެ އެކިމަޤާމުގައި ހުވާކޮށްގެން ތިބޭމީހުން ކަންކަން ނިންމަންޖެހޭނީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށްކަމަށެވެ. އެގޮތުން މަތިވެރީ ފިނޮޅާއި ކާޒާމިއާގެ މައްސަލާގައި ނިންމި ކޮންމެ ނިންމުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ލަފާފުޅާއެކު ބަންޑާރަނައިބުގެ ޤާނޫނީ ލަފާގެ މަތިން ނިންމާފައިވާ ކަމެއްކަމަށާ، އެކަމުގައި ޤާނޫނީ އިމުން ބޭރު އެއްވެސްކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ އޭނާއަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން ދެއްވި ފުރުސަތެއްގައި ޓުއަރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކަށްވިޔަސް ދުވަހަކުވެސް ޤާސިމް އިބްރާހީމްގެވެސް އަދި ޖުމްހޫރީ ޕާޓީގެވެސް ނުރަނގަޅު އެއްވެސް ނުފޫޒެއް ފޯރާފައި ނެތްކަމަށެވެ. އަދި ޤާސިމްގެ ވިޔަފާރިއަށް ސަރުކާރުގެ ތެރެއިން ލިބުނު ވިޔަފާރިއާ ގުޅުންހުރި ބަދަލެއްވެސް ދީފައިވާނީ ޤާނޫނޫ ޤަވާއިދާ އެއްގޮތަށްކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ. އަދި އެއިން ކަމަކާގުޅިގެން ދުވަހަކުވެސް ޤާސިމް ގުޅުއްވާފައިވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންނާއި ޤާސިމްގެ ހުރި ތަފާތަކީ އިޚްލާސްތެރިކަންކަމަށެވެ. އަދި އަމިއްލަފުޅު މުދަލާއި ފައިސާއިން ރައްޔިތުންނަށް ހޭދަކުރެއްވުންކަމަށް ވެސް

އަލީ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކަށް ނުވަތަ ވަޒީރުކަމުގައި ވަކި މީހަކު ހުރެގެން ސަރުކާރުގެ މަޤާމުގައި ހުންނަވައިގެން ކުރައްވާ ކަންކަމަކީ މަޤާމުގެ މަސްއޫލިއްޔަތުކަމަށާ، އެއީ އެކަމަށްޓަކައި ވަކި މީހަކަށް ޝުކުރު އަދާކުރަންޖެހޭކަމެއް ނޫންކަމަށް ޢަލީ ވިދާޅުވިއެވެ. އެއީ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ކުރައްވާފައިވާ ކަމެއްކަމަށާ، އެހެންނަމަވެސް ޤާސިމް މިހާތަނަށް ރައްޔިތުންނަށް ކޮށްދެއްވި ކަންކަމާއި ރަށްރަށުގެ ތަރައްޤީއަށް ކޮށްދެއްވި ކަންކަމަކީ ރައްޔިތުންގެ ނަމުގައި ދަރަނި ނަގައިގެން ނުވަތަ ދައުލަތުގެ ފައިސާއިން ކުރެއްވި ކަންކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެއީ ޤާސިމްގެ އަމިއްލަ މުދަލުން އަމިއްލަ ފައިސާއިން ހެޔޮހިތުން ރައްޔިތުންނަށްޓަކައި ކޮށްދެއްވި ކަންކަން ކަމުގައި ޢަލީ ވަޙީދު ވިދާޅުވިއެވެ. އެހެންކަމުން މިއީ ޤާސިމާ އެހެން ލީޑަރުންގެ ތަފާތުކަމަށް އަލީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން