ސަރުކާރުން ބޮޑެތި އިސްރާފުތައް ކުރާއިރު، ދިވެހި އަމިއްލަ ވިޔަފާރިވެރިން ބޭންކުން ތިންހަތަރު މިލިޔަން ޑޮލަރުގެ ލޯނު ނުދީގެން ބަނގުރޫޓުވެގެން އެބަދާކަމަށާ، މިޙާލަތަށް ރައްޔިތުން ވެއްޓިގެންދާއިރު ސަރުކާރު އޮންނަނީ ބަލަންކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ސަރުކާރުން ބޮޑެތި އިސްރާފުތައް ކުރާއިރު އަމިއްލަ ފަރާތަކުގެ ޙާލަތު މިހާހިސާބަށް ދާއިރު، ސަރުކާރުން އޮތީ ބަލަހައްޓައިގެން ކަމަށެވެ. ސަރުކާރުން މިހުރިހާ ލާރި ދަރަންޏަށް ނަގައިގެން މި ސަކަރާތް ގަންނައިރު، "މީ ދިވެހިންނޭ، ދިވެހިން އަތުގައި ހުރި ތަންތަން އެވަރުގެ ލާރިކޮޅެއް ދީގެން ސަލާމަތްކުރެވެން ހުރި ކަންކަން ނުކުރީމާ ދެން ސުވާލު އުފެދޭކަމަށް ގާސިމް ވިދާޅުވިއެވެ.

ދިވެހި އަމިއްލަ ވިޔަފާރިވެރިޔާއަށް ލާރި ކޮޅެއް ދީގެން އޭނާ ހިންގަންއުޅޭ ރިސޯޓު އޮޕަރޭޓްކުރަން ފަށައިފިއްޔާ ޖީއެސްޓީވެސް ލިބޭނެކަމަށާ، އެނޫން އެފަދަ ހުރިހާ އެއްޗެއްވެސް ލިބޭނެކަމަށެވެ. މިހާރު މިހުރިހާ ދަރަނިތައް އަރައިގެންދިޔައިރު، 20 ބިލިޔަނާއި ހަމަޔަށް ދަރަނިވެރިވެގެންދާއިރު، ގައުމަށް އިތުރު އާމްދަނީއެއް ލިބޭނެ އެއްވެސް ކަމެއް ސަރުކާރަށް ކުރެވިފައި ނެތްކަމަށް ޤާސިމް ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން ބުނަންވީ ވަރަށް ސަކްސެސްފުލް އޮޕަރޭޝަނެއް ކޮށްފައޭ މިސަރުކާރުން ދިއައީ؟ ހަމަ ސުމެއްގަ ދިޔައީ. ދައުލަތް ދަރަނިވެރިކުރުވައި، ގައުމުގެ ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވައި، މުޅިން ހުވަފެނެއްގެ މަންޒަރު ދައްކާފަ ދިއައީ. މާދަމާ ތިބެންޖެހޭ ހާލު ވިސްނާލީމާ މިކަން އެނގޭނީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ޖުމްހޫރީ ޕާޓީއާއެކު ހެދި ކޯލިޝަން އެއްބަސްވުންތަކާ އެއްގޮތަށް އެއިން އެއްވެސް ސަރުކާރަކުން ޢަމަލުނުކުރާކަމަށެވެ. އެހެންނަމަވެސް ސަރުކަރުތަކުން ގާނޫނާއި އެއްގޮތަށް، ކަންކަން ކުރޭތޯބަލަން މަޑުންތިބީކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރުކާރުންވެސް އެކަން ކުރި މަންޒަރު ނުފެނުނުކަމަށާ، ޖުމްހޫރީ ޕާޓީން މިފަހަރުގެ ރިޔާސީ އިންތިޚާބަށް މިނުކުތީ އެކަން ބަދަލުކޮށް ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދިނުމަށްކަމަށް ޤާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ނިކަމެތިންނަށް ހަމަޖެހިލައިގެން އުފާފާގަތިކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަކީ އަމާޒެއްކަމަށް ޤާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން