މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދު ތަކާއި ހުކުރު ނަމާދު ޖަމާއަތުގައި މިސްކިތުގައި ނުކުރުމަށް ނިންމާފައިވާ ނިންމުން އިތުރަށް ދެމެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯވިޑް-19 ރާއްޖެއިން ފެނިފައިވާތީ މިހާރުގެ ހާލަތަށް ބަލައި، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރި ކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މިމަހުގެ 18 ވާ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދިހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދު ތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތްއޮތުން އޭޕްރީލް މަހުގެ 04 ވާ ހޮނިހިރު ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ، އެރަށެއްގައި އެހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، އަދި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ،" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އެންގެވުމަށްވެސް ނިންމާފައިވާ ކަމަށެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުޢާކޮށް، އިސްތިޣުފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރި ވެފައެވެ.

ކޯވިޑް-19 ފެތުރެމުންދާތީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން