އަންނަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން މީހަކާ ހަވާލުކުރުމަށް ވޯޓުލާއިރު އެކަން ކުރުމުގެ ގާބިލްކަން ނެތް މީހަކާ ވެރިކަން ހަވާލުނުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ކޮންމެކަމެއް ކުރިކަމަށްވިޔަސް އެކަމެއް ކުރަން ޙަވާލުކުރަންވާނީ އެކަމެއް ކުރުމުގެ ޤާބިލްކަން ހުރި މީހަކާ ކަމަށެވެ. އެހެންނުނީ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށާ، އާޚިރުގައި ރައްޔިތުންނަށް ލިބޭނީ ނިކަމެތިކަންކަމުގައި ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެސިޓީން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ގިނަ ޢަދަދެއްގެ ޢާންމުރައްޔިތުން ޤާސިމްގެ އިސްތިޤުބާލުގައި ނުކުތެވެ. އަދި އެއަރޕޯޓު ސަރަޙައްދަށްވެސް އެތައްބަޔަކު އެއްވިއެވެ.

އައްޑޫ ސިޓީ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޤާސިމްވަނީ މި ވޭތުވެދިޔަ ސަރުކާރުތަކުން އައްޑޫސިޓީއާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން އައްޑޫ ސިޓީއާމެދު އިހުމާލުވެފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިހާރު ހިނގަމުން މިދާ ސަރުކާރުންވެސް ވަނީ އައްޑޫގެ ތަރައްޤީއަށް އިހުމާލުވެފައިކަމަށާ، ހާއްސަކޮށް އެސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ޤާސިމް ތުހުމަތުކުރެއްވިއެވެ.

އައްޑޫ ސިޓީގައި އޮންނަނީ އެންމެ ތިން ރިސޯޓުކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ މިއީ އައްޑުއަށް ހައްޤު މިންވަރު ނޫންކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ރިސޯޓުތައް ބަންދުކުރުމަށްފަހު އައްޑޫގެ ރިސޯޓުތައް ހުޅުވައި އަލުން ކުރިއަށް ގެންދިއުމަށް ސަރުކާރުން މާބޮޑު މަސައްކަތެއް ނުކުރައްވާކަމަށް ޤާސިމް ތުހުމަތުކުރެއްވިއެވެ.

ޤާސިމްގެ ވެރިކަމެއްގައި ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ ހެދިގެންދާތަން ފެންނާނެކަމަށާ، އަދި އޭގެއިތުރަށް ފަސް އަހަރު ހަމަވެގެންދާއިރު، މެދުކެނޑުމެއް ނެތި ދުވާލަކު ތިން ހަތަރު އިންޓަނޭޝަނަލް ފްލައިޓް އައްޑުއަށް ޖައްސާތަން ފެންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން