ކުރެއްދޫ އައިލެންޑް ރިސޯޓު
ކުރެއްދޫ އައިލެންޑް ރިސޯޓު
އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުންވެސް ރިޕޯޓް ނުކުރި މައްސަލާގައި ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ތުރުކީ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ގާޒީ އިބްރާހިމް އަލީ ސޮއިކުރައްވައި ޑޮކްޓަރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރުގައި ވަނީ އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވާއިރު، އެކަމުގެ މައުލޫމާތު ލިބި ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވާކަމަށެވެ.

އަދި އެކަމުގެ ސަބަބުން ކޯވިޑް-19 ރާއްޖޭގައި ފެތުރި އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތް ކުރި ފަރާތްތަކުން އެކަން އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ، އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާ ކުޑަކޮށް އަމަލުކޮށް އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މާޗް 23 އިން އޭޕްރިލް 22 ގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަމުރުކުރާކަމަށެވެ.

އެހެންކަމުން މައްސަލައިގެ ތަހުގީގު ނުނިމެނީސް އޭނާ ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ، އޭނާގެ ޕާސްޕޯޓް ނުވަތަ ޓްރެވެލް ޑޮކިއުމެންޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދިޔަ އިޓަލީ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އެއީ ރާއްޖެއިން ކޯވިޑް-19 ފެނުމަށް ދިމާވި އަސްލުކަމަށް ސިއްޙީދާއިރާގެ ތަޖްރިބާކާރުން އޭރު ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން