ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ފުލުހުންނަކީ މިހާރަށް ވުރެވެސް ބޮޑަށް، ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު ރައްޔިތުންނާ މުޢާމަލާތު ކުރާ ބަޔަކަށް ވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި މިކަމަށް އިލްތިމާސްކުރައްވަމުން، ފުލުހުން މަސައްކަތުގައި އުޅޭއިރު ޤާނޫނުގެ ބާރަށް ވުރެ، އެމީހުންގެ ހިނިތުންވުމާއި އޯގާތެރިކަމުން، ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ ފުލުހުންގެ ދުވަސް މި ބައްދަލުކުރަނީ، ދިވެހި ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ޙަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައިކަން ފާހަގަކުރައްވައި، ފުލުހުންގެ ޚިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ޙިމާޔަތް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުންކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ރާއްޖެ ރައްކާތެރިކުރުމަށް ކުރާ ޤައުމީ މަސައްކަތުގައި، ނުރައްކަލާ ކުރިމަތިލައިގެން، ކުރީ ސަފަށް ނުކުމެ ފުލުހުން ކުރާ މަސައްކަތް ފާހަގަކުރައްވައި އެއީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ޚިދުމަތަކަށް ބަދަލުވި ފަހުން މިވީ އެންމެ 16 އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެކަން ފާހަގަކުރައްވައި އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކާމިޔާބުކުރުމަށް، ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި 5 އަހަރަށް އެކުލަވާލާފައިވާ، އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނަ އިރު، ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ބޮޑަށް، ފުލުހުންގެ މުއައްސަސާއަށް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ޤާނޫނަކަށް ވުމުން، ފުލުހުންގެ ޚިދުމަތް ހަރުދަނާވެ، ފުލުހުންގެ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މުޅި މުއައްސަސާއަށް އަންނަ ބަދަލުތަކާ އެކަށޭނަ ގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު ހޯދައި ދިނުމަށް، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދީ، ޞުލްޙަ މަސަލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަޤީންކަމާއި އިތުބާރު ހޯދައިދިނުމަށްޓަކައި، މުޖްތަމަޢުގައި ހިންގާ ކުށުގެ އެންމެހައި ޢަމަލުތައް މަދުކުރުމަށް، ފުލުހުން މިހާރަށް ވުރެ މުހިންމު ދައުރެއް އަދާކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ.

ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، މިއަހަރުގެ ތެރޭގައި ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެކަމުގައެވެ.

ފުލުހުންގެ ތަޙުޤީޤުތައް އަވަސްކޮށް، ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވަމުން ފުލުހުން ކުރާ އެ މުހިންމު މަސައްކަތުގެ ނަތީޖާ ފެންނާނީ، ވަށައިޖެހިފައިވާ ނިޒާމެއްގެ ގޮތުގައި، ހުރިހާ މުއައްސަސާތަކެއް އެކުއެކީގައި އެއް މިންވަރަކަށް މަސައްކަތް ކޮށްގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން