ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފުލުހުން ދެމިތިބޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުން ފާހަގަކޮށް މިއަދު ދެއްވި ޚިޠާބުގައެވެ. ފުލުހުންގެ މަގްސަދަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރާ އިތުބާރު ކުރެވޭ ބަޔަކަށް ވުން ކަމަށާއި، ރައްޔިތުންގެ އިތުބާރު ފުލުހުންނާ މެދު އޮތުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

އެގޮތުން ފުލުހުންނާ ގުޅުން ބަދަހިވުމުން، މުޖުތަމަޢަކީ ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ އެދުންތަކަށް ރިޢާޔަތްކޮށް ފުލުހުންގެ ޚިދުމަތްތައް ބައްޓަން ކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފާއިތުވެގެންދިޔަ އަހަރަކީ ފުލުހުން ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކޮށް، އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަހަރެއް ކަމަށެވެ. އެ މަސައްކަތްތައް ކޮށްފައިވަނީ ފާއިތުވި އަހަރު އިފްތިތާހުކުރި ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށްކަން ސީޕީ ފާހަގަ ކުރެއްވިއެވެ. އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި، ޖުމްލަ 73 ޕްރޮޖެކްޓެއް އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން މި އަހަރު ޚާއްޞަ އަހަންމިއްޔަތު ކަމެއް ދޭން ޖެހޭ 15 ކަމެއް ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން 2018 ވަނަ އަހަރު ފެށި، ނެއިބާހުޑް ޕޮލިސްގެ ޚިދުމަތް ފުޅާކޮށް، މާލޭގެ އިތުރަށް އައްޑޫ އަދި ފުވައްމުލަށް ސިޓީގައިވެސް މި ޚިދުމަތް ތައާރަފްކޮށްފައިވާ ކަމުގައި ސީޕީ ހަމީދު ވިދާޅުވިއެވެ. މީގެއިތުރުން ކޯވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތު ބަދަލުވިހާ އަވަހަކަށް އިތުރު ހަ އަތޮޅެއްގައި، ޚިދުމަތް ތައާރަފްކުރާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރަށް އަތޮޅު ތެރޭގައި މިހާރު ފުލުހުންގެ ޚިދުމަތް ދެމުން އަންނަ 118 ރަށުގެ އިތުރުން، އެހެނިހެން ރަށްރަށުގައިވެސް ޤާއިމްވެތިބޭ ފުލުހުންގެ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގައި ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ މަސައްކަތްތަކުގެ ތެރެއިން އާންމުން އެންމެ ބޭނުންވާ އެއް ކަމަކީ ކުށާއި، ކުށުގެ ބިރުވެރިކަން ނެތިގެން ދިއުމެވެ. އެގޮތުން 2018 ވަނަ އަހަރާ އަޅާބަލާ 2019 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތައް ގިނަކަން ފާހަގަކުރައްވައި ވިދާޅުވީ އެ މައްސަލަތައް ގިނަވި ނަމަވެސް، ޕްރޮސެކިއުޓްކުރަން ފޮނުވި މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި ކުރާ މަސައްކަތްތައް ކާމިޔާބުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކޮށް، އޮންލައިންކޮށް ފުލުހުންގެ ގިނަ ޚިދުމަތްތަކަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، ފުލުހުންގެ ޚިދުމަތުގައި ބޮޑީބޯން ކެމެރާ ބޭނުންކޮށް ޖަވާބުދާރީވުމަށް އޮތް އިތުބާރު ބޮޑުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މުނާސަބަތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ، ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އެކުވެރި އަދި އިތުބާރު ކުރެވޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން