ބޭންްކް އޮފް މޯލްޑިވްސް މައި އޮފީސް
ބޭންްކް އޮފް މޯލްޑިވްސް މައި އޮފީސް
ބޭންކުން ލޯނަށް ލުއިދޭ ހަމަހަށް ނަގާ ލޯނުގެއިންޓްރެސްޓްގެ އިތުރުން އިތުރު އިންޓްރެސްޓެއް ނުނަގާނެ ކަމަށް ވިދާޅުވެ، ބޭންކް އޮފް މޯލްޑިވްސްއިން ލުއިދޭ ހަމަހުގެ އިންޓްރަސްޓާއިމެދު އަރާފައިވާ އޮޅުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމާއެކު އާންމުންނަށާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ކުޑަކޮށްދިނުމާއެކު ވިޔަފާރިތަކާއި ވަޒީފާތައް ދެމެހެއްޓުމަށް އެހީތެރި ވުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނިގެން ބޭންކް އޮފްމޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއިތަކެއް ހޯދައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން އާންމުންނާއި ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަހަށް ފަސް ކުރުމަށް ވަނީ ނިންމާފައެވެ.

މިކަން އިޢުލާން ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ލޯނު ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްދިނުމާއެކު އޭގެ ފަހުން ދައްކާއިރު 20 އިންސައްތައިގެ ލުޔެއްވެސް ދެއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ޤައުމީ ބޭންކުން މިކަން ހާމަކޮށް އާންމުކޮށްފައިވާ ލިޔުމުގައި ކުރިން ބުނެފައިވަނީ ލުއިދޭ ހަމަސް ދުވަހު ލޯނު ނުދެއްކި ނަމަވެސް ލޯނަށް އަރާ އިންޓްރަސްޓް ނަގާނެ ކަމަށާއި އަދި ހަމަސް ދުވަހުގެ އިންޓްރަސްޓް ލޯނުގެ ބާކީ އޮތް ބަޔަށް އެއްކޮށްގެން މަސްތަކަށް ބަހާލައިގެން ނަގާނެ ކަމަށެވެ.

މިމައްސަލައިގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، މި ހަމަހުގެ ލުޔަކީ ވަރަށް ބޮޑު އޮޅުވާލުމެއްކަމުގައި ސިފަކޮށް މީސްމީޑިޔާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން މިކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން އަނެއްކާވެސް ބަޔާނެއް ނެރެފައިވާއިރު ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ މިކަން އޮޅުން ފިލުވައި ދިނުމަށް ޓްވީޓެއް ކުރައްވާފައެވެ.

ބޭންކުން ނެރުނު ބަޔާނުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ބޭންކުން އަމަލުކުރަމުން އަންނަ އުސޫލު ތަކާ އެއްގޮތަށް މިކަން ހަމަޖައްސައި ދިނުމުގައި ކުރިމަތިވެފައިވާ މައްސަލަތައް އޮޅުން ފިލުވައިދީފައި ވެއެވެ. އަދި ހަމަ ކުރީގެ ބަޔާނުގައި ވެސް ބުނެފައިވާ ފަދައިން ލޯން ނުަދައްކާ ލުއި ދޭ ހަމަސް ދުވަހުގެ އިންޓްރަސްޓް ކުރިއަށް އޮތް މަސް ތަކުގައި ބަހާލައިގެން ދެއްކޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެބައި ލޯނުގެ ނުދައްކައި އޮތް ބަޔަށް އެއްކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ. މިވާހަކައަށްފަހު ބޭންކުން ބުނެފައި ވަނީ މި ހަމަސް ދުވަހު ލޯނަށް ނަގާ އިންޓްރަސްޓް ފިޔަވައި އިތުރު އެއްވެސް އިންޓްރަސްޓެއް ނުވަތަ ފައިސާއެއް ނުނަގާނެ ކަމަށެވެ.

ބީއެމްއެލުން ބުނެފައި ވަނީ މި ދަނޑިވަޅުގައި ބޭންކުން ވެވެން ހުރި ހުރިހާ އެހީއެއް ވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައްޔިތުންނަށް ލުއި ގޮތްތައް ހޯދާ ދިނުމަށް ކަމާބެހޭ ބައިނަލްއަގްވާމީ އިދާރާތަކާއި ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ފައިސާ ދެއްކުން ފަސްކުރުމަށް އެދި ފަސޭހައިން ހުށައެޅޭނެ ގޮތް މަގުފަހި ކޮށްދިނުމުގެ ގޮތުން ލޯނަށް ފައިސާ ނުދައްކާ މަސްތައް އެއް މަހަށް ވުރެ އިތުރު ނުވާނަމަ ފައިސާ ދެއްކުން ފަސްކުރަން ހުށައެޅޭނެ ކަމަށެވެ.

ލޯނު ދެއްކުމަށް ލުއިދޭ މި ހަމަސް ދުވަހުގެ އިންޓްރަސްޓް ނެގުމާމެދު އަރާފައވާ އޮޅުންތައް ސާފުކޮށް ދެއްވުމަށް ކުރައްވާފައިވާ ޓްވީޓްގައި ފިނޭންސް މިނިސްޓަރވެސް ދައްކަވާފައިވަނީ ބައިނަލްްއަޤްވާމީ މިންގަނޑުތަކަށް ފައްތައިގެން މިކަން ކުރުމަށް ބޭންކުން ވަރަށް ބޮޑު އަދި އުނދަގޫ ތަކުލީފުތަކެއް އުފުލާފައިވާ ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ ލޯނު ނުދައްކާ ލުއި ހަމަސް ދުވަހުގެ ތެރޭގައި ލޯނަށް ނަގާ އިންޓްރަސްޓްގެ މައްޗަށް އިންޓްރަސްޓް ނުނަގާނެ ކަމުގައެވެ. ނުވަތަ އެ ހަމަސް ދުވަހަށް ވާ ލޯނުގެ އިންޓްރަސްޓަށް އިންޓްރަސްޓް ނުނަގާނެ ކަމަށެވެ.

ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީއެމްއެލް އިން ޢަމަލު ކުރަމުންދަނީ އެ ބޭންކުން އަމަލު ކުރަން ޖެހޭ ގަވައިދުތަކުގެ ދަށުން ކަމަށެވެ. އަދި މިދުވަސްވަރު ރައްޔިތުންނަށް ދެވެންހުރި ހުރިހާ ލުޔެއް ދިނުމަށް ބީއެމްއެލް އިން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި، ކުރިއަށް އޮތްތާގައި ވެސް އަޅަންޖެހޭ ފިޔަވަޅުތައް އެ ބޭންކުން މޮނިޓާކޮށް އަޅަމުން ގެންދަވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން