ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނުއަސާސީއެއް ލިޔެ ޢަމަލުކުރަންފެށީ މީގެ 90 ވަރަކަށް އަހަރު ކުރިން 22 ޑިސެންބަރު 1932 ގައެވެ. އޭރު ރަސްކަމުގެ ތަޚުތުގައި އިންނެވީ ހުރާ ދަރިކޮޅުގެ 10 ވަނަ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 އެވެ. މިއީ ރާއްޖޭގައި އޮތް ބޯދާ ރަސްކަމުގެ ނިޒާމް ބަލިކަށިވާން ފެށި ހިސާބެވެ.
ރާއްޖޭގައި ރަސްކަމެއް ހިންގަމުން އަންނަތާ އެއްހާސް އަހަރަށްވުރެ ގިނަދުވަސްވީ ފަހުން، ހަމައެކަނި "ވެރިކަމުގެ ބޮޑުން" ބޭނުންވެގެން، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ރިޔާސަތުގައި، 1953 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހު ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން 21 އޮގަސްޓް 1953 ގައި "ރައްޔިތުންނާއި، ބޮޑުން" ނިކުމެ އިންޤިލާބު ކޮށްލީ އެންމެ ހަތްމަހާ އެކާވީސްދުވަސް ތެރޭގައެވެ.
21 އޮގަސްޓް 1953 އިން 6 މާޗް 1954 އާ ހަމައަށް ދިވެހިރާއްޖޭގެ ވެރިކަން ހިންގަމުން އައީ އިބްރާހީމް ފާމުދޭރި ކިލެގެފާނާއި ވެލާނާގެ އިބްރާހީމް މުޙައްމަދު ދީދީ އިސްވެ ތިއްބަވައިގެން "އިންޤިލާބު ކޮމެޓީއެއްގެ" ލަފާގެ މަތީންނެވެ. މި ދުވަސްވަރު ޖުމްހޫރީ ޤާނޫނުއަސާސީގެ ބަދަލުގައި، ރަސްކަމުގެ އުޞޫލަށް ފެތޭ އާ ޤާނޫނު އަސާސީއެއް އެކުލަވާލައި 31 ޖެނުއަރީ 1954 ގައި ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނުއަސާސީ ފާސްކުރިއެވެ. އެއަށްފަހު 5 ފެބްރުއަރީ 1954 ގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި މާލޭގައި ޢާއްމު ވޯޓެއް ނަގައި އަލުން ރަސްކަމުގެ ނިޒާމް ޤާއިމުކޮށް އޭގެ ދަށުން 21 ފެބްރުއަރީ 1954 ގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ ތަޚުތަށް މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނު އިންތިޚާބުކުރިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރަސްކަމަކަށް ބަދަލުކޮށް 7 މާރިޗް 1954 ގައި މުހައްމަދު ފަރީދުދީދީ އިސްކޮށް ހުންނަވައިގެން އެރަސްކަމުގެ ފުރަތަމަ ބޮޑުވަޒީރަކަށް ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތީން 11 މާރިޗް 1954 ގައި ހަމަޖެއްސެވީ އެއްގަމުގޭ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. މިގޮތަށް ރަސްކަން ހިންގަވާތާ ހަތަރު އަހަރުފަހުން 1957 ގެ ޑިސެންބަރު 12 ގައި އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ބަދަލުގައި ވެލާނާގޭ އިބްރާހިމް ނާސިރު ބޮޑުވަޒީރުކަމަށް އައްޔަނު ކުރެއްވިއެވެ. ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމް ދެވަނަ ފަހަރަށް ނިމިދިޔުމުގެ ފެށުމަކީ މިއީއެވެ.
ރާއްޖޭގެ ތާރީޚީ ފަތްފުއްތައް ހެކިދޭ ގޮތުން އަލުން ރަސްކަމެއް ޤާއިމުކުރެވުނުތާ 13 އަހަރު ފަހުން 15 މާޗު 1968 ގައި "ދިވެހި ރުކަކާއި، ތަރިއެއް" ދައްކަވައިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އިބްރާހިމް ނާސިރު ނެންގެވިއެވެ. ނިޒާމީ މިވޯޓުގައި ރައްޔިތުންގެ ނިންމުމަކީ "ދިވެހި ރުކެވެ." އެގޮތުގެމަތިން ދެވަނަ ޖުމްހޫރިއްޔާގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ވޯޓުން ހޮވިވަޑައިގަތީ އެހާތަނާ ހަމައަށް ރާއްޖޭގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިބްރާހިމް ނާސިރެވެ. ރައީސް ނާސިރު ވަނީ 11 ނޮވެމްބަރު 1968 އިން 11 ނޮވެމްބަރު 1978 އަށް 10 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރަށްވާފައެވެ.
ރައީސް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު އެކިގޮތްގޮތުން އެވެރިކަން ފުރޮޅައިލަން "ސިޔާސީ ބޮޑުން" މަސައްކަތް ކޮށްފައިވެއެވެ. 1974 ވަނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހު ހިނގައިދިޔަ "ބޮޑު ބުރާސްފަތީގެ" ހާދިސާ އާއި އޭގެ އަނެއް އަހަރުގެ މާޗް 6 ވީ ބުރާސްފަތި ދުވަހު ހިނގައިދިޔަ "ކަޅު ބުރާސްފަތީގެ" ހާދިސާ އޭގެ ތެރެއިން ފާހަގަ ކުރެވެއެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ޓްރާންސްޕޯޓު މިނިސްޓަރަކަށް ހުންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމެވުމުންނެވެ. ރައީސް މައުމޫނު ރާއްޖޭގެ ވެރިކަމަށް އައްޔަން ކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ 92.9 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ. ޖުމްލަ ތިރީސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫނު އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވީ 11 ނޮވެމްބަރު 1978 ގައެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައިވެސް އެކި ފަހަރު މަތިން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިއެވެ. އެގޮތުން 1980 އަދި 1983 ގައިވެސް ރައީސް މައުމޫނުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ތާރީހު ލިޔުންތަކުގައި ވެއެވެ. ހަމައެއާއެކު 1988 ވަނަ އަހަރުގެ "ނޮވެމްބަރު ތިނެއްގެ" ހާދިސާ އަކީ ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ބިރުވެރި ދުވަހެވެ.
ތިރީސް އަހަރު ވެރިކަން ކުރެއްވުމަށްފަހު ރައީސް މައުމޫނުގެ ވެރިކަން ނިމިފައިވަނީ އައު ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގަތުމަށް ފަހުއެވެ. ރައީސް މައުމޫނު ރާއްޖޭގެ ވެރިކަން ކުރެއްވީ 1978 ވަނަ އަހަރުގެ ނޮވެމްބަރު 11 އިން 2008 ވަނަ އަހަރުގެ ނޮވެމްބަރު 10 އަށެވެ.
ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާ ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސްއަކަށް އިންތިހާބުވެ ވަޑައިގަތީ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ހިލޭ ސިއްޙީ ޚިދުމަތްލިބޭ އާސަންދަ ތަޢާރަފް ކުރެއްވުމާއި ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމުގެ މަސައްކަތް ފެއްޓެވިއެވެ. ރާއްޖޭގެ ރަށްރަށުގައި ލޯކަލް ކައުންސިލްތައް ޤާއިމުކުރެއްވިއެވެ.
ގާތްގަނޑަކަށް ތިން އަހަރެއްހައި ދުވަހު (ދުވަހުން ބަލާ ނަމަ 1183 ދުވަހު) ވެރިކަން ކުރެއްވުމަށްފަހު އޭރު ސިޔާސީ މައިދާނުގައި ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރާއެކު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.
ރައީސް ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވުމުން ދައުރުގެ ބާކީބައިގައި ވެރިކަން ކުރެއްވީ އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ޑރ. ވަޙީދު ރައީސްކަމުގެ ހުވާ ކުރެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމިފައިވަނީ ބަޣާވާތަކުންތޯ ބެލުމަށް ރައީސް ވަހީދު ތަހުގީގެއް ހިންގެވިއެވެ. އެ ތަޙުޤީޤަށްފަހު އެކުލަވާލި "ކޯނީ" ރިޕޯޓުގައި ބުނެފައިވަނީ 7 ފެބުރުއަރީގައި ހިނގައިދިޔައީ ބަޣާވާތެއް ނޫން ކަމަށެވެ. އެރިޕޯޓް ރައީސް ނަޝީދުވެސް ވަނީ ޤަބޫލުކުރަށްވާކަމަށް ވިދާޅުވެފައެވެ.
ރައީސް ވަހީދު ވެރިކަން ކުރެއްވީ 2012 ފެބްރުއަރީ ހަތަކުން 2013 ނޮވެމްބަރު 16 އަށެވެ. 2013 ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވިއިރު، ރައީސެއް އިންތިހާބު ނުކުރެވޭތީ ނޮވެމްބަރު 16ގެ ނިޔަލަށް ވެރިކަމުގައި ރައީސް ޑރ. ވަހީދު ދެމިހުންނެވިއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން ދެވަނަ ފަހަރަށް އިންތިޚާބު ބާއްވަން ޖެހުމުން އޭގެކުރިން ދެމިގެންއައި ނޮވެމްބަރު 11 ގައި ވެރިކަމުގެ ހުވާކުރުމުގެ ސަޤާފަތަށް ނިމުން އައިސްފައިވެއެވެ.
ރައީސް ވަހީދުގެ ވެރިކަމަށްފަހު 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ދިވެހިޖުމްހޫރިއްޔާގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވީ ރައީސް ޔާމީން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީނަކީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމުގެ ކޮއްކޯފުޅެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގަވާފައިވެއެވެ. އެގޮތުން ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތާއި، ހުޅުމާލެ ފޭސް ދޭކާއި، ބޯހިޔާވަހިކަމަށް ފެށި "ހިޔާ" މަޝްރޫއު ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ވެރިކަން ކުރެއްވުމަށް އެކިގޮންޖެހުންތައް ކުރިމަތިވެ ވަޑައިގަތެވެ. އެގޮތުން ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމާއި ވެރިކަންކުރާ ޕާޓީ ޕީޕީއެމް ބައިބައިވުމާއި "އެކެއް ފެބްރުއަރީގެ ސުޕްރީމްކޯޓުގެ އަމުރު" ފާހަގަ ކޮށްލެވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވެ، ވެރިކަމުން ފައިބައި ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް 2018ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލިކަމަށްބުނެ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ޗެލެންޖު ކޮށްފައިވެއެވެ. ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ އެފަދަކަމެއް ހިނގާފައިނުވާކަމަށެވެ.
2008ގައި ތަޞްދީޤުކުރި ޤާނޫނުއަސާސީގެ ދަށުން އެއްބުރުން ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެއްވި ހަމައެކަނި ރައީސަކީ 2018 ވަނަ އަހަރު ވެރިކަމަށް އިންތިޚާބުވި ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމާއި، މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމުން ގުޅާލުމުގެ މަސައްކަތް ފެއްޓެވިއެވެ. ހަމައެއާއެކު އާބާދީއަށް ބެއްލެވުމެއްނެތި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ޢުމްރާނީ ތަރައްޤީގެ އެތަށް ޕްރޮޖެކްޓެއް ހިންގެވިއެވެ. އެމަނިކުފާނުގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ ސަރުކާރުން ކުރިއަށް ގެންދެވި "ހިލޭ ޑިގްރީ" ޕްރޮގްރާމެވެ.
މިއަދު ރާއްޖޭގެ 55 ވަނަ ޖުމްހޫރީދުވަސް ފާހަގަކުރަމުން ދާއިރު، ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހު ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރަށްވާނެއެވެ. 30 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ 54 އިންސައްތައިގެ ތަނަވަސް އަޣުލަބިއްޔަތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު