މިހާރު މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް 19 އަށް ޝައްކު ކުރެވިގެން ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ކަރަންޓީން މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިކަމާ ގުޅިގެން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް 19 އަށް ޝައްކު ކުރެވޭ މި މީހާ ގެންނަނީ މޮނިޓަރކޮށް ޓެސްޓް ކުރުމަށް ކަމަށެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމުގައިވެސް އެޗްޕީއެން ބުނެފައިވެއެވެ.

އިޓަލީން އައި ދިވެއްސަކުވެސް ކޯވިޑް 19 އަށް ޝައްކު ކުރެވިގެން އިއްޔެ ކަރަންޓީން ކުރިއެވެ. ނަމަވެސް އޭނާ ޓެސްޓް ކުރުމަށްފަހު ބަލި ނެތުމުން މިހާރުވަނީ ދޫކޮށްލާފައެވެ. ވޭތިވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް 19 އަށް ޝައްކު ކުރެވިގެން ރާއްޖެއައި ތިން މީހަކު ކަރަންޓީންކޮށް ޓެސްޓް ކޮށްފައި ވެއެވެ.

ބަލީގެ އާލާމާތްތައް ފެނިގެން އިތުރު ދިވެއްސަކު ކަރަންޓީނުގައި ހުރިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ނަމަވެސް އޭނާ ބައްޔަށް ޕޮޒިޓިވް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހަލުއިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ފަރުވާއެއް އަދި ހޯދިފައި ނެތް ކޯވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން މިދުވަސްވަރު ބޭރު ޤައުމު ތަކަށް ދަތުރު ނުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނައިން މީހުން އެއްވެސް އުޅޭ ތަންތަނަށް ނުދިއުމަށާއި ގިނަ މީހުން އެއްތަނަކަށް އެއްވާން ޖެހޭ ފަދަ ހަރަކާތްތައް މި ދުވަސްވަރު ނުބޭއްވުމަށްވެސް ކަމާބެހޭ ފަރާތްތަކުން ލަފާދެއެއެވެ.

މިބަލިން ރައްކާތެރި ވުމުގެ ގޮތުން ސައިބޯނި ލައިގެން އަވަސް އަވަހަށް އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުން ކޮށްގެން އަވަސް އަވަހަށް އަތް ސާފު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ. މީގެއިތުރުން ތަންތާ އަތްލުމަށްފަހު އަވަހަށް އަތް ދޮވުމަށާއި އަތް ނުދޮވެ އެއްގޮތަކަށްވެސް ނޭފަތާއި އަނގައާއި ލޮލާއި މޫނުގައި އަތް ނުލުމަށް ސިއްޙީ މާހިރުން އިރުޝާދު ދެއެވެ. މީގެއިތުރުން އަވަށް އަވަހަށް ފެން ބުއިމަށާއި އަބަދުވެސް ކަރިތެރެ ހިކުނަނުދީ ބެހެއްޓުމަށްވެސް އެފަދަ ފަރާތްތަކުން އިރުޝާދު ދެއެވެ.

ކެއްސާ ކިނބިހި އަޅާނަމަ ކުޅު ބުރައިގެން ނުދާ ގޮތަށް ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުމަށާއި އެފަދަ މީހުން މާސްކް އަޅައިގެން އުޅުމަށްވެސް ސިއްޙަތާބެހޭ އިދާރާތަކުން އަންގާފައިވެއެވެ. ޚާއްޞަކޮށް ސިއްޙީ ގޮތުން ނާޒުކު އުމުރުފުރާގެ ކުޑަކުދިންނާއި އުމުރުން ދޮށީ މީހުން ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން