ހުޅުމާލެފަޅުތެރެ؛ މިއީ ރާއްޖޭގައި ދުއްވާ ގިނަ ސަފާރީ، ޔޮޓް ފަހަރު އަޅާ ބަނދަރެއް
ހުޅުމާލެފަޅުތެރެ؛ މިއީ ރާއްޖޭގައި ދުއްވާ ގިނަ ސަފާރީ، ޔޮޓް ފަހަރު އަޅާ ބަނދަރެއް
ހުޅުމާލޭގެ ފަޅުގާ އޮތް ސަފާރީއެއްގައި ހިނގާދިޔަ ކަމަށް ބުނާ "ޖިންސީ އަނިޔާ"ގެ ވާހަކައަކީ މިފަހަކުން މީޑިއާގެ ސަމާލުކަމަށް އައި ވަރަށް ހައްސާސް މައްސަލައެކެވެ. އެއްވެސް މީހެއްގެ ނަން ނުބުނެ އަދި އެއީ ހިނގި ކަމެއް ކަމަށްވެސް ނުބުނެ މިލިއުން ލިޔާން މިޖެހުނީ ރާއްޖޭގެ އަމިއްލަ ލޯފާމަކުން އެވާހަކަ އެއްވެސް ސިފައެއްގައި މީޑިއާތަކުން ދެއްކުން ވެސް މިހާރު މަނާކޮށްފައި ވާތީއެވެ.

ރިޒާ އެންޑް ކޯ އެއެލްޕީ ނަމަކަށް ކިޔާ ލޯ ފާމަކުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ލޯފާމަކީ އެ ލޯފާމުން އެބުނާ ހާދިސާއެއްގެ ވިކްޓިމްގެ ފަރާތުން މިމައްސަލައިގާ ވަކާލާތުކުރާ ނޫނީ ގާނޫނީ ގޮތުން އެންމެހާ އެހީތެރިކަން ދޭ ފަރާތް ކަމަށެވެ. އަދި މީގެފަހުން އެ ލޯފާމުގެ ހުއްދަ ނުހޯދާ، އެލޯފާމުން އެބުނާ ހާދިސާއެއްގެ ވާހަކަ އެއްވެސް ސިފައެއްގައި އެއްވެސް ބާވަތެއްގެ މީޑިއާއެއްގައި ލިޔެވޭނީ ނޫނީ ޝާއިޢުކޮށް ބްރޯޑްކާސްޓް ކުރެވޭނީ އެކަން ކުރުމުގެ ކުރިން އެ ލޯފާމްގެ ހުއްދަ ހޯދައިގެން ކަމަށެވެ. އެހެންވީމާ އެބުނާ ހާދިސާއަކީ ފުލުހުންނަށް ހުށައެޅިގެން ރާއްޖޭގެ ގާނޫނީ އިމުގެ ތެރޭގައި ރަސްމީކޮށް ތަހުގީގު ކުރަމުން ގެންދާ މައްސަލައަކަށް ވީނަމަވެސް އަދި ފުލުހުން އެކަމާ ބެހޭ މައުލޫމާތެއް ރަސްމީކޮށް ހާމަ ކުރި ނަމަވެސް އަދި ދައުލަތުގެ އެހެން މުއައްސަސާއަކުން އެމައުލޫމާތު ދީގެން ނޫނީ ހާމަކޮށްގެން ވެސް ނޫހެއްގައި ޝާއިޢުލުރެވޭނީ މިދެންނެވި ލޯ ފާމުން ބުނާ ގޮތުން ނަމަ އެމީހުންގެ ހުއްދަ ލިބިގެން ކަމަށް އެ ލޯފާމުގެ ނޫސް ބަޔާނުން މާނަ ކުރެވޭތީ އެ ލޯފާމުން އެބުނާ ސަފާރީގެ ހާދިސާއާއި ބެހޭ އެއްވެސް ވާހަކައެއް އަޅުގަނޑުމެން "ރަސް އޮންލައިން" އަކު ނުލިޔާނަމެވެ.

އެކަމަކު ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނު ތަކާއި ރާއްޖޭގެ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބާރު ގާނޫނު ތަކުން ދީފައިވާ ފަރާތްތަކުގެ ބާރުތައް ކަނޑުވާލާ އަދި ރާއްޖޭގައި އަމަލު ކުރަމުން މިދާ ޒަމާނީ ޑިމޮކްރެސީއާއި ވެސް ފުށުއަރާފަދަ ގޮތަކަށް ރާއްޖޭގެ އަމިއްލަ ލޯފާމަކުން ނޫސް ބަޔާނެއް ނެރެ މިވެނި ހާދިސާއަކާއި ގުޅޭ ގޮތުން ތިމަންމެންގެ ހުއްދައެއް ނެތި އެ ހާދިސާގެ އެއްވެސް ވާހަކައެއް އެއްވެސް މީޑިއާއެއްގައި ނުގެނެސްދެވޭނެ ކަމަށާއި އެ ހާދިސާއެއްގެ ވާހަކަ މީޑިއާއަކުން ގެނައުމުގެ ކުރިން އެ ލޯފާމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި ހުއްދަ ނުހޯދައި ގެނަސްދީފިނަމަ އެފަރާތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެލޯފާމުން މިވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ ގާނޫނު އަސާސީން މީޑިއާއަށް ލިބިދޭ ގާނޫނީ ބާރުތަކާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަމާއި ގާނޫނު ތަކުން މިދެންނެވި މިނިވަންކަމާއި މައުލޫމާތު ފެތުރުމުގައި މީޑިއާތަކަށް ޖަހައިދީފައިވާ އިންތަކުގެ ތެރެއިން އެއްވެސް މައުލޫމާތެއް ފެތުރުމަށް ވަކި ހުއްދައެއް ނަގަން ޖެހޭނެ ކަމަށް ބުނެފައި ނެތް ކަމުގައި ވިޔަސް މި ދެންނެވި ލޯފާމުން އެދުނު އެދުމުގެ މަތީން އެ ފާމުން އެއިޝާރާތް ކުރާ ސަފާރީ ހާދިސާގެ ވާހަކަ މި ނޫހުގައި ޝާއިޢުއެއް ނުކުރާނަމެވެ. ރިޒާ އެންޑް ކޯ ލޯފާމުން އެ ހާދިސާގެ ތެރެއަށް ވަދެ އެބުނާ ވިކްޓިމެއްގެ ލޯޔަރެއްގެ ގޮތުގައި އެބުނާ ބޭރު މީހަކު އައްޔަން ކުރި ކަމެއް ނުވަތަ އައްޔަން ކުރި އިރެއް ރޭ އެ ލޯފާމުން ނެރުނު ބަޔާނުގައި ނެތުމުންނާއި އެބުނާ ސަފާރީގެ ހާދިސާ މިހާރު މިދާ މިސްރާބަށް ބަލާއިރު އެއީ ވެސް ސުވާލު އުފެދޭނެ ޖާގަ އޮތް ކަމަކަށް ވާތީ އެވާހަކަ ވެސް ފާހަގަ ކޮށްލާފައި ކުރިއަށްދާނަމެވެ.

ކުރިން ވެސް ދެންނެވި ފަދައިން މި ނޫހުގައި އަޅުގަނޑު މިލިޔަނީ ނުވަނަ މިގެނަސްދެނީ ރިޒާ އެންޑް ކޯ ލޯފާމުގެ ނޫސް ބަޔާނުގައި ބުނެފައިވާ ހާދިސާގެ ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑުގެ ޚިޔާލީ ވާހަކައެކެވެ. މި ލިޔުމަކީވެސް، މިދައްކާ ހުރިހާ ވާހަކައަކީވެސް އަޅުގަނޑުގެ ޚިޔާލީ ދުރުމީއަށް ފެންނަ ގޮތަށް ލިޔާ ޚިޔާލީ ވާހަކައެކެވެ. މި ލިޔުމުގައި ހިމެނޭ ވަހަކަތަކާއި މައުލޫމާތު ތަކާއި ގުޅުން ހުރި ހާދިސާއެއް ނުވަތަ ހާދިސާތަކެއް ދިވެހި ރާއްޖޭގައި ހިނގާފައި ހުރި ނަމަވެސް މި ލިއުމުގައި އެވަނީ ހިނގާފައިވާ ކަމަށް އަޅުގަނޑު ސިފަކުރާ ޚިޔާލީ ވާހަކައެކެވެ. ކުރިން މިދެންނެވި ލޯފާމުން އެބުނާ ހާދިސާގައި ހިމެނޭ އާންމު ނަންތައް މި ލިޔުމުގައި ހުރުމަކީ އެ ލޯފާމުން އެބުނާ ހާދިސާއާއި މި ލިޔުމާއި ގުޅުންހުރި ކަމެއް ކަމުގައި ނުބެއްލެވުން އެދެމެވެ. އަޅުގަނޑުގެ މިލިޔުމުގައި މި ގެނަސްދީފައިވާ ވާހަކަ ތަކަކީ އެއްވެސް ހާލެއްގައި މި ދިވެހި ރާއްޖޭގައި ހިނގާފައިވާ އެއްވެސް ހާދިސާއަކާއި، އަދި އެއްވެސް މީހަކާވެސް ގުޅުންހުރި ވާހަކައަކަށް ނުވާތީއެވެ.

މިއީ މީލާދީން އޮނަވިހި ވަނަ ގަރުނުގައި ދިވެހި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ހިނގާދިޔަ ހާދިސާއެކެވެ. އެރާއްޖޭގެ ރަށެއްގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ހިނގާދިޔަ ހާދިސާއެއްގެ ވާހަކައެވެ. އެ ސަފާރީއެއްގައި އެއްރެއަކު މެންދަމު ވަރަށް އާދަޔާ ޚިލާފު ހާދިސާއެއް ހިނގައިފިއެވެ. އެ ސާފާރީގައި ބަޔަކު ޕާޓީ ކޮށްލައި މަޖާކޮށްލީއެވެ. ދެން އެ މަޖަލުގައި ބައިވެރިވި އެގައުމުގައި އުޅޭ ބިދޭސީ އަންހެނަކު އެ ސަފާރީގައި ކަންތައް ގަނޑެއް ހިގައިގެން ފަތިސް ދަޅައިގައި މޫދަށް ފުންމާލީއެވެ. މިދަންނަވަނީ އަޅުގަނޑުމެން ކުޑައިރު ކިޔާ ގޮތަށް "މޫނުގައި ފުށްޖަހާ މާ މޫދަށް ލި" ވާހަކައެއް ނޫނެވެ. އެ ސަފާރީގައި ހުރި އަންހެނަކު މޫދަށް "ޑައިވް އެއް ޖަހާލި" ވާހަކައެވެ. ދެން އެގައުމުގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ތަކުން ލިޔުނީ ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރި ވާހަކައެވެ. އެ ބުނާ ހާދިސާ ހިނގީ އެގައުމުގެ ރަށެއްގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކަމާއި އެހާދިސާއާއި ގުޅުން ހުރި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާއި ނަމަވެސް އެމީހުން ތަހުގީގަށް ހައްޔަރު ކޮށްފައި ބައިތިއްބާން ނުފެންނާތީ ނުވަތަ އެވަރުގެ ކަމެއް ނެތީމާ އެދެމީހުން ދޫކޮށްލީ ކަމަށެވެ.

ދެން ވަރަށް ބާރަށް އެގައުމުގައި އެވާހަކަ ދައްކަން ފަށައިފިއެވެ. ފާޑެއްގެ އޮންލައިން "ފޮޅި" އެއްގައި އެވާހަކަ ނިކަން ތަފުސީލުކޮށް ލިޔެފިއެވެ. އެ ލިޔުމުގައި ސީދާ ވިކްޓިމާއި ނޫނީ ވިކްޓިމުގެ ނިކަން ގާތް މީހަކާ ހަވާލާދީ އެވާހަކަ ނިކަން ތަފުސީލުކޮށް މަންޒަރު ނުފެންނަ މީހަކަށްވެސް އެހާދިސާ ސިފަވާހެން ނިކަން ތަފުސީލުކޮށް ގެނަސްދީފިއެވެ. އޭގައި ބުނަނީ މިދެންނެވި ގައުމުގައި ހިނގި މިހާދިސާގައި އެ ބުނާ ދެ ފިރިހެނުން ކުރެ އެކަކު އެ އަންހެން މީހާ "ރޭޕް" ކުރީ ކަމަށެވެ. އެކަކު ކޮށްނިމިގެން އަނެކަކު ކުރަން އުޅުމުން އޭނާ މޫދަށް ފުންމާލީ ކަމަށެވެ. ދެން އެއްކަލަ މީހުން ވިކްޓިމް ނަގައި ބޮއްކުރާއަކަށް ލައިގެން ގެނަސް ރަށަށް ބޭލީ ކަމަށެވެ. ބޭލިތަނުން އެގައުމުގެ ފުލުހުންނޭ ކިޔާ ބަޔަކަށް އެތަން ފެނިގެން އައިސް ސުވާލު ކުރުމުން އަންހެން މީހާ އެވާހަކަ ކިޔައި ދިނީކަމަށެވެ. ދެން އެމައްސަލައިގައި ފުލުހުން ކަންކުރި ނާތަހުޒީބު ގޮތާއި އެމީހުންނަށް "ޓޯކީން" މީހަކު ގުޅައިގެން ވާހަކަ ދެއްކި ފަހުން މައްސަލަ އެނބުރިގެން ދިޔަ ގޮތާއި އެހާހިސާބުން ތުހުމަތު ކުރެވޭ ދެމީހުން ދޫކޮށްލި ކަމާއި މިހެން ގޮސް ނިކަން ސަޅިކޮށް އެވާހަކަ ލިޔެ ދޫކޮށްލައިފިއެވެ.

ދެން އެވާހަކަ މަޑުމަޑުން ހޫނުވަމުން ކެކެމުން ހިލެމުން ގޮސް ފެންމައްޗަށް އަރައިފިއެވެ. ވާނުވާއެއް ނޭނގި ނަމަވެސް އެގައުމުގެ ބައެއް މުއައްސަސާތައް ހޭލައިގެން ތެދުވެއްޖެ އެވެ. ކޮޅުކޮޅުމައްޗަށް ދުވެ ޖަލްސާތައް ބާއްވައި މައްސަލަ ބަލަން ނިންމައި ބޮޑު ކަންތައް ގަނޑަކަށް އެކަން ހަދާލައިފިއެވެ. އެބުނާ ހާދިސާއެއް ހިނގިތާ ސާޅީސް އަށްގަޑިއިރު ފަހުން އެ ގައުމުގެ އެހެން މީޑިއާއެއްގައި އެވާހަކަ އެހެން ގޮތަކަށް ގެނަސްދީފިއެވެ. މިދެންނެވި "ފޮޅީ" ގައި އެވާހަކަ ލިޔެފައިވާ ގޮތާއި މުޅިން އިދިކޮޅަށެވެ. މިފަހަރު އެނޫހަށް އިންޓަރވިއު ދިނީ ސީދާ ވިކްޓިމޯލައެވެ. ވިކްޓިމް އެނޫހަށް ކިޔައިދިން އިރު އެއީ ކުރިން މިދެންނެވި ނޫހުގައި ބުނި ފަދަ "ރޭޕް" ކޭހެއްވެސް ނޫނެވެ. އެފަދަ ކަމެއް ނުހިނގައެވެ. އެކަމަކު އެ މީހުން އެ އަންހެން މީހާގެ ލަދުވެތި ގުނަވަން ތަކެއްގައި އަތްލައި ބީހި ހެދި ކަމަށް ވެއެވެ. އަދި އެބުނާ ވަގުތެއްގައި އެބުނާ ސަފާރީގެ ޑެކްމަތީން އޭނާ މޫދަށް ފުންމާލި ކަމަށް ވެސް ވެއެވެ. އަދި އެބުނާ ކަހަލަ ބޮއްކުރައެއް ނުވަތަ ޖަލިޔާއަކަށް ނަގައިގެން އޭނާ އެއްގަމަށް ގެންދިޔަ ތަނުން އެގައުމުގެ ފުލުހުންނޭ ކިޔާ ބަޔަކާ ވެސް ދިމާވި ކަމަށް ވެއެވެ. ދިމާވެގެން އެބުނާ ތަންތަނުގައި އަތްލި ވާހަކަ ވެސް އެމީހުންނަށް ކޮންމެވެސް ގޮތަކުން އެނގުނު ކަމަށް އެ ނޫހުގައި ލިޔެފައި ވެއެވެ. އެކަމަކު ޔަގީނުންވެސް ފަހުން މި ވާހަކަ މި ގެނަސްދިން ނޫސް ނޫން އެހެން ނޫހަކަށް ވިކްޓިމް އެމައުލޫމާތެއް ނުދެއެވެ. މިއީ ހަމަ އެނޫހަށް ދިން ވަރަށް "އެކްސްކްލޫސިވް" އިންޓަރވިއު އެކެވެ.

ދެން ފުލުހުން ވެސް ބަޔާނެއް ނެރުނެވެ. މިބަޔާނުގައި އޮންނަނީ އެރާއްޖޭގެ މިދެންނެވި މަޝްހޫރު އޮންލައިން ނޫހުގައި ލިޔެފައި އޮތް ގޮތަށެވެ. ފުލުހުން ނެރުނު ބަޔާނުގައި ވެސް ހަމަ އެނޫހާއި ދާދި އެއްގޮތަކަށް އެހާދިސާ ހިނގާދިޔަ ގޮތް ސިފަކޮށްދީފައި އޮތެވެ.

ދެން އަޅުގަނޑުގެ ޚިޔާލަށް އައީ އަޅުގަނޑުގެ އަޚު، މަޝްހޫރު ވާހަކަ ލިއުންތެރިޔާ މޫސާ ސާޢިދު މިހާރު ލިއުއްވަމުން ގެންދަވާ ޚިޔާލީ ވާހަކައެއްގައި ގެނަސްދީފައިވާ ހާދިސާއެކެވެ. އޭނާ މިހާރު ލިއުއްވަމުން ގެންދަވާ ވާހަކައިގައި މިބައި ލިޔެ ނިންމާލާފައި އަޅުގަނޑަށް ކިޔައިދިނެވެ. އެކަމަކު މިއީ އެއްގޮތަކަށް ވެސް އެވާހަކައިގެ ކުރި މަރާކަން ވެގެން ގެނެސްދޭ ބައެއް ނޫނެވެ.

" ސަފާރީގައި މަޖާ ކުރުމަށްފަހު އޭގައި ތިބި ދެމީހަކާއެކު ޒުވާން ޖިންސުއްލަތީފު ނުކުތީ އޭގެ ޑެކް މައްޗަށެވެ. އެތަނުގައި ހީ ސަމާސާކޮށް މަޖާ ކުރަމުން ދަނިކޮށް ސަފާރީ ކައިރިން ވަރަށް ރީތި ކަހަނބެއް ދާތީ ފެނިއްޖެއެވެ. އޭތި ދިޔައީ ވަރަށް މަޑުމަޑުންނެވެ. ހީވަނީ އެމީހުން އެ ސަފާރީގެ ޑެކް މަތީގައި އެޖަހާ ސަކާރާތުގައި ބައިވެރިވާން އެސޮރުވެސް ބޭނުން ވަނީ ހެންނެވެ. އެމީހުން އޭގައި އެބުއި އެއްޗެއްގެ ރަހަ އެސޮރުގެ އަރުތެރޭގައި ވެސް ލައިފި ކަހަލައެވެ. ބަލާކަށް ނުހުރެ އެޒުވާނާ ވަގުތުން މޫދަށް ފުންމާލައިފިއެވެ. ކަހަނބު ދެކެވާ ލޯބިން ފަތަން ނޭނގޭ ކަމެއް ވެސް އެވަގުތަކު ހަނދާނަކަށް ނައެވެ. އެކަން އެނގުނީ ވެސް ފުންމާލި ފަހުންނެވެ. ދެން ބަކަތަޅަން ފެށުމުން އޭނާއާއެކު މަޖާ ކުރަން ތިބި ދެމީހުންނަށް ހޭވަރިކަން ވެގެން މޫދަށް ފުންމާލައިގެން އައިސް އޭނާ ސަލާމަތް ކޮށްގެން ޑިންގީ އަކަށް ލައިގެން ރަށާ ދިމާއަށް ދުއްވާލައިފިއެވެ. ޒުވާނާއަށް ހޭވެރިކަންވީ އެމީހުން ދަތުރުކުރި ޑިންގީން އޭނާ ފާލަން މައްޗަށް ބާލަން އުޅެނިކޮށެވެ. އޭނާ ލޯހުޅުވާލިއިރު އެންމެ ކައިރީގައި ގައިގައި ހިފަހައްޓައިގެން ތިބީ އެގައުމުގެ ދެ ފުލުހުންނެވެ. ކުއްލިއަކަށް ތެޅިގެންފައި، ހަޅޭއްލަވައި ގަނެވުނުހެން ހީވިއެވެ. ޒުވާނާ ލޯހުޅުވާލިއިރު އޮވެވުނީ އޭނާގެ ކޮޓަރީގައި އެނދުމަތީގައެވެ. އެއީ ހުވަފެނެއްކަން ޔަގީންވީ އެހާހިސާބުންނެވެ."

މޫސާ ސާޢިދުގެ ވާހަކައިގެ ތެރެއިން މިހާދިސާ މިގެނެސްދިނީ އަޅުގަނޑުގެ މި ޚިޔާލީ ވާހަކައާއި އެވާހަކައިގެ އެ ބަޔާއި ވަރަށް ބޮޑަށް ގުޅުން އޮތީމައެވެ. ދެން އޮތް ބައި ތިޔަބޭފުޅުންނަށް މި ނޫހުން ވަރަށް އަވަހަށް ވިދާޅުވާން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަމެވެ.

އަޅުގަނޑުގެ ޚިޔާލީ ހާދިސާއާއިގެން ކުރިއަށް ދާނަމެވެ. ދެން އެގައުމުގެ ފުލުހުން އެގައުމުގެ ބޮޑުގެރި ވަޅުންނަގާން ސައްލާ ކުރާ ބޮޑު މަޖިލީހުގެ ކުޑަ ކޮމިޓީއަކަށް ހާޒިރުކޮށްފިއެވެ. ދެން އެކޮމިޓީގައި އެވެރީން އެދެއްކީ އަދި މާ ތަފާތު ވާހަކަ ތަކެކެވެ. އެބުރާ ސަފާރީއަކުން އައި މީހުންނާ ބައްދަލުވި ފުލުހުންނާ ހަވާލާދީ އެވެރިން ބުނީ ސަފާރީން އައި އަންހެން މީހާ ޝަކުވާ ކުރީ އޭނާއާއެކު އައި ދެފިރިހެނުން އޭނާގެ ފޯނު ނުދީގެން ކަމަށެވެ. ދެން އޭނާ ދެއްކި ވާހަކަ ތަކުގެ ތެރެއިން ޝައްކު ތަކެއް ހިނގައިގެން ސުވާލު ކުރުމުން އެނގުނީ އެބުނާ ސަފާރީއެއްގައި ހނގީ ޖިންސީ ފުރައްސާރައެއް ކަމެވެ. އެދެމީހުން އަތްލީ އެޒުވާނާގެ ދެ ގުނަވަނެއްގައެވެ. ދެން އެ ފަތިސް ވަގުތު މޫދަށް ފުންމާލީއެވެ. ފުންމާލުމުން އެދެމީހުން އޭނާ ނަގައިގެން އެއްގަމަށް ގެނަސް ބާލަނިކޮށް އެހެން ދިޔަ ދެ ފުލުހުންނަށް ފެނިގެން އެތަނަށް ގޮސް ސުވާލު ކުރީއެވެ. ދެން އެދެމީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބައިގެން ތަހުގީގެއް ހިންގާ ވަރުގެ ކަމެއް ނުހިނގާތީއެވެ. ދެން ހުރިހާ ކަމެއް ވެސް ހިނގާ ދިޔައީ އެމީހުން ކަންކުރާ އާންމު އުސޫލުންނެވެ. އެހާދިސާއާއި ގުޅުންހުރި ދެމީހުން ދޫކޮށްލީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެންނެއް ނޫނެވެ. އެވަގުތު ޑިއުޓީގައި ހުރި ކޮމާންޑަރުގެ ތަޖުރިބާއިން އެކަން އެގޮތަށް ކުރާން ފެންނާ ތީއެވެ.

ދެން މިހާދިސާގެ ވާހަކަ އެމީހުން ކިޔައިދިނީ ނޫސްކޮންފަރެންސެއް ބާއްވާފައެވެ. އާ ވާހަކަތަކެއް ނެތެވެ. އެމީހުންނަށް އެހާތަނަށް އެނގިފައި އޮތީ ސަފާރީގައި ކޮންމެވެސް ކަމެއް ހިނގާދިޔަ ކަމެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ކޮން ކަމެއް ކަން ހަމަ އެއްގޮތަކަށް ވެސް ސާފުކޮށް ދަންނަވާކަށް ނޭނގެއެވެ.

ދެން މީހަކު މިހާރަކު އެވާހަކައެއް ދައްކަނީއަކީވެސް ނޫނެވެ. އެކަމަކު އިއްޔެރޭ ކުއްލިއަކަށް އެއްކަލަ ކުރިން މިދެންނެވި ރަޖިސްޓްރީ ނުކޮށް ނެރޭ ނޫހުން އެހެން އަންބާއެއް ކިޔަން ފަށައިފިއެވެ. މިހާރު ބުނަނީ އެނޫހަށް އެ ސަފާރީ ގައި ހިނގި ކަމަށް ބުނާ ކަމެއްގެ ވާހަކަ ބޮޑު ކޮށްލައިގެން ދިނީ އެގައުމުގެ މަޝްހޫރު ލޯޔަރެއް ކަމަށެވެ. އެ ސަފާރީ ހާދިސާއާއި ބެހޭގޮތުން އެ ނޫހުން ކުރިން ރިޕޯޓް ކުރި ފަދަ ހައްސާސް ހާދިސާއެއް އޭގައި އަމުދުން ނުވެސް ހިނގާ ކަމަށް ސިފަވާ ގޮތަށް ނެރެފައިވާ މި ބަޔާނުގައި ބުނެފައިވަނީ އެމީހުން ކުރިން އެވާހަކަ އެގޮތަށް ރިޕޯޓްކުރީ އެމީހުންނަށް މައުލޫމާތު ދިން ފަރާތުން އެވާހަކަ މާ ބޮޑުކޮށްލައިގެން ކިޔައިދިނީމައެވެ. ދެން އެ ނޫހެއް ހިންގާ މީހަކު، އެލިޔުމެއް ލިޔުނު މީހަކު އެކަމަށް މަޢާފަށް އެދި "ތައުބާ" ވެސް ވެއްޖެއެވެ. ދެން ކުރިން ވިކްޓިމްގެ އަސްލު އިންޓަވިއު ގެނަސްދިން ނޫހުގައި ވެސް އެވާހަކަ ޖަހައިފިއެވެ. ހެޑްލައިންގައި އޮންނަނީ ސަފާރީގައި ހިނގީ ރޭޕެއް ނޫން ކަމަށް އެބުނާ އޮންލައިން އަކުން ބުނެ މަޢާފަށް ވެސް އެދުނު ވާހަކައެވެ. މިހާރު މިއޮތީ ހަމަ އެއްބައްޓަމަކަށް އެއް ހަމައަކަށް އެވާހަކަ ފެތި ނިމިފައެވެ. މިހާރު މިއޮތީ ހަމަ ސަޅި ޑްރާމާއަކަށް އެކަންވެ ނިމިފައެވެ. އެބުނާ ރަޖިސްޓްރީ ނުކޮށް ނެރޭ "ފޮޅި" އަކީ އެގައުމުގެ ބޮޑު މަޖިލީހުގެ ގޮނޑިއެއްގައި ކުރިން އިންނެވި ޒުވާން މެންބަރަކު ހިންގާ ނޫހެއް ކަމަށް އެނގިފައި ވެއެވެ. އެއީ ކުރީން މީޑިއާއެއް ވެސް ހިންގެވި މެންބަރެއް ކަމަށް ވެސް އެނގިފައި ވެއެވެ.

ދެން އެގައުމުގެ މާ ބާރުގަދަ ޖަމާއަތަކުން މި ހާދިސާގެ ވާހަކަ ދެއްކުން ވެސް މަނާކޮށްފިއެވެ. ކުރިން ދެންނެވި އޮންލައިންގައި ކުރިން ޖެހި ރިޕޯޓާއި ފަހުން ނެރުނު ބަޔާންނުގައި ވެސް ހުރީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް މިދެންނެވި ޖަމާއަތުން ކަށަވަރު ކޮށްދީފިއެވެ. އަދި އެވާހަކަ ދެން އެއްވެސް މީޑިއާކަށް ނުދެއްކޭނެ ކަމަށް އަންގައި ވަރުގަދަ އިންޒާރުތަކެއް ދީ އެވާހަކަ ދެން އެއްވެސް މީހަކަށް ނުދެއްކޭނެހެން "ސަފާރީ ކޭސް، ތޯލާ ފުޅިއަކަށްލައި އުނގުރި ޖަހާ" ބަންދުކޮށް ސީލް ކޮށްފިއެވެ. އަޅުގަނޑުގެ މި ޚިޔާލީ ވާހަކަވެސް މިހާހިސާބުން ދެން މިޖެހުނީ ނިންމާލާށެވެ.

އަޅުގަނޑުގެ މި ޚިޔާލީ ވާހަކައަކީ ހަގީގަތުގައި ވެސް ހަމަ ޚިޔާލީ ވާހަކައެކެވެ. މިއީ އެއްވެސް ގައުމެއްގައި އެއްވެސް ރާއްޖެއެއްގައި ހިނގާފައިވާ ހާދިސާއެއް ނޫނެވެ. އެކަމަކު މިއީ ވިސްނާ ފިކުރު ކުރާ މީހަކަށް ހަމަ ރަނގަޅު ފިލާވަޅެކެވެ. އެ ރާއްޖޭގެ މީޑިއާގެ ހާލަތު ވަޒަން ކޮށްލާން ހަމަ ރަނގަޅު ހާދިސާއެކެވެ. އެރާއްޖޭގެ އިންސާފު އޮތް ގޮތާއި އެގައުމުގެ މުއައްސަސާތައް ހިނގާގޮތް ވަޒަންކޮށްލަން ހަމަ ރަނގަޅު ހާދިސާއެކެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކަހަނބު

25-Jul-2020

އަޅުގަނޑުގެ ކޮމެންޓް ވެސް މީ ޚިޔާލީ ކޮމެންޓެއް. ސާބަސް ލިޔުންތެރިޔާ އަށް.މި އާރޓިކަލް ވަރަށް ޕަވަރފުލް. ނޮޓް ޕޮލިޓިކަލީ. 😁


26

ނައިންޓީ

25-Jul-2020

ސާބަހެޔ ރަސް އޮންލައިނަށް. ނަމަނަމަ މީހެއްގެ ނަން ނުކިޔާތި. ނަމަނަމަ ލިޔުންތެރިކަން ނީލަމަށްނުލާތި. ނަމަނަމަ ނޫސްވެރިން ނުވިކޭތި! ނަމަނަމަ ތެދު މައްޗަށް ދޮގު ބޮޑުއަގު ދީފަ ނުގަންނާތި! ނަމަނަމަ ނުވިކޭތި! ނުވިކޭތި!


13

ޒަރީރު

24-Jul-2020

ވަރަށް ފުރިހަމަ ލިޔުމެއް ހެސްކިޔާފަ ސަޅި


23

ހަސަނު

24-Jul-2020

މަ ހުވާ މީ ވަރުގަދަ މޮޅެތި ލިޔުން ލިޔެލާ ފިސާރި ބަޔަކު ހިންގާ ނޫހެއް ކަލޭމެން ހަމަ ވަރަށް ގަދަ


35

ހަސަނު

24-Jul-2020

މަ ހުވާ މީ ވަރުގަދަ މޮޅެތި ލިޔުން ލިޔެލާ ފިސާރި ބަޔަކު ހިންގާ ނޫހެއް ކަލޭމެން ހަމަ ވަރަށް ގަދަ



ޓްރެންޑިން