ރައީސް ނަޝީދު
ރައީސް ނަޝީދު
ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫތަކުން އަރައިގަންނަ ބައެއްކަމަށާއި، ޑިމޮކްރަސީ އޮތީ ގޭބަންދުގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީޚްގައި އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފައްޓަވައި ދެއްވުމުގެ ގޮތުން މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މުޅިދުނިޔެ މިއޮތީ ކޯވިޑް ރޯގާގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި، ދިވެހިންނަކީ އަބަދުވެސް ދަތިއުނދަގުލުން އަރައިގަންނަ ބައެއްކަމަށެވެ. މިގޮތުން ޤާނޫނުއަސާސީ އެކުލަވާލަން ފެށީ ސުނާމީ އަށް ފަހު ކަމަށް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކާރިސާތަކަށް ކުރިމަތިލައި ގައުމެއްގެ ގޮތުގައި ހިންގާނޭ ވަރަށް ފުރިހަމަ އިންތިޒާމެއް ގާނޫނުއަސާސީން ފަހިކޮށްދީފައިވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުން ކަމަށެވެ. އަދި މެމްބަރުން ތިބެންވާނީ ރައްޔިތުންނާއި ފަސޭހައިން ގުޅޭގޮތަށް ކަމަށާއި، ޝަކުވާތައް އަޑުއިވޭގޮތަށް މެމްބަރުން ތިބުން މުހިންމުކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. ރައްޔިތުން ހިތްއެދޭވަރަށް ކަންކަން ނުކުރެވިދާނެ ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެހެން ނަމަވެސް މިއީ މެމްބަރުން ރައްޔިތުންނާއި ގުޅި އެކީގައި ތިބެންވީ ވަގުތު ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވަނީ ކޯވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި، ރައީސް ޞާލިޙް އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތައް ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން