ކޮރޯނާވައިރަސް ނުވަތަ ކޯވިޑް 19 އަށް ޝައްކު ކުރެވޭ ހަ މީހަކު ކަރަންޓީނުގައި އެބަތިބި ކަމަށާއި އެފަދަ ޝައްކުވާ ކޭސްއެއްގެ ސަބަބުން ވ. ތިނަދޫއާއި ކުރެއްދޫ ރިޒޯޓް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމުގައި ސަރުކާރުން ބުނެފިއެވެ.

ހަލުއިކަމާއެކު މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް 19 އާއި ބެހޭގޮތުން ރޭ މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކުރެއްދޫ ރިޒޯޓް ބަންދު ކޮށްފައިވަނީ އެރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ދިޔަ މީހަކު ކޯވިޑް 19 އަށް ޕޮޒިޓީވް ވެފައިވާތީ އޭނާއާއި ގާތްވެ އުޅުނު މީހުން ހޯދައި ޓެސްޓް ކުރުމަށް ކަމުގައެވެ. ވ. ތިނަދޫ ވަގުތީ ގޮތުން ބަންދު ކުރީ އެރަށުގައި ޗެއްޓީ ހޭދަކުރަމުން ގެންދިޔަ ފަތުރުވެރިއަކަށް ޝައްކު ކުރެވިގެން އޭނާ ޓެސްޓްކޮށް ނަތީޖާ ލިބެންދެންނެވެ.

ސަރުކާރުން ބުނީ ކުރެއްދޫ ރިޒޯޓުގައި ޗުއްޓީ ހޭދަކޮށް އަނބުރާ ދިޔަފަހުން ކޯވިޑް 19 އަށް ޕޮޒިޓިވް ވި މީހާއަށް ރާއްޖެއިން ފަރުވާދިން ޑޮކްޓަރުގެ ގައިންވެސް ބަލީގެ އަލާމާތްތައް ފެންނާތީ އޭނާވެސް އެކަހެރި ކުރެވިފައިވާ ކަމަށެވެ. އަދި އިޓަލީގެ ފަތުރުވެރިޔާއާއި ގައިގޯޅިވެ އުޅުނު މީހުން ދެނެގަނެ އެމީހުން ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައިވެސް ރޭ މައުލޫމާތު ދެއްވި ދެ ވަޒީރުން ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ކޯވިޑް 19 އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ އިޓަލީވިލާތުގެ ފަތުރުވެރިން ރާއްޖެ އައުން ވަގުތީ ގޮތުން މަނާކުރަން ނިންމާފައިވާ ކަމުގައިވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ރައްކާތެރި ކަމަށް އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ބަންދުކޮށްފައިވާ އެއްވެސް ރަށަކުން އަދި ޕޮޒިޓިވް ކޭހެއް ނުފެންނަ ކަމަށާއި ނަމަވެސް މި ދެރަށަށް އަރާ ފޭބުން ބަންދުކުރީ ޓެސް ތަކުގެ ނަތީޖާ ލިބެންދެން ކަމަށެވެ. ކޯވިޑް 19 އަށް ޕޮޒިޓިވް ކޭސް އެއް ފެންނަ ރަށްރަށަށް އަރާފޭބުން މަނާކޮށް ރަށް ބަންދު ކުރުމަކީ މިކަމުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލު ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ޗައިނާ ފިޔަފައި މިހާރު ދުނިޔޭގައި ކޯވިޑް 19 ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ ޤައުމަކީ އިޓަލީ ވިލާތެވެ. އިއްޔެގެ ހަވީރާ ހަމައަށް އިޓަލީ ވިލާތުގައި 769 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 41 މީހަކު ބަލި ޖެހިގެން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒަރއެއް ބޭނުން ކޮށްގެން ގިނަ ގިނައިން އަތް ސާފު ކުރުން ހިމެއެވެ. ރޯގާގެ އަލާމާތެއް ފެނި ކެއްސާ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ނިވާކުރުމާއި އެހެން މީހުންގެ ރައްކަލަށްޓަކައި އެފަދަ މީހުން މާސްކް އަޅައިގެން ނޫނީ އާންމުންގެ ތެރެއަށް ނުކުމެ ނޫޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދީފައިވެއެވެ. މީގެއިތުރުން އަތް ދޮވެ ސާފުކޮށްގެން ނޫނީ އަނގައާއި ނޭފަތާއި ލޯ ނުވަތަ މޫނުގައި އަތް ނުލުމަށާއި ކަރުތެރެ ހިކުނަނުދީ އަވަސް އަވަހަށް ފެން ބުއިމަށާއި ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށްވެސް ލަފާދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން