ސަފާރީ ތަކުގައި މަސައްކަތް ކުރާ މީހުން މުޒާހަރާ ކުރަނީ
ސަފާރީ ތަކުގައި މަސައްކަތް ކުރާ މީހުން މުޒާހަރާ ކުރަނީ
މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވް ދިނުމާއި މުސާރަ ނުދީ ވަޒީފާއިން ވަކި ކުރަމުން ދާތީ ސަފާރީ ތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކު މިއަދު ކަނޑު މަތީގައި މުޒާހަރާކޮށްފިއެވެ.

މިއަދު ވަރަށް ހަވީރު ކުރި މިމުޒާހަރާ އެމީހުން ކޮށްފައިވަނީ ހުޅުމާލެ ސަރަހައްދުގެ ކަނޑު މަތީގައެވެ. ލޯންޗު ތަކުގައި ނުކުމެ ތިބި ސަފާރީ ތަކުގެ މުވައްޒަފުން ތިބީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ އެކި ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެންނެވެ.

އަޑުގަދަކުރާ ބޭނުންކޮށްގެން އެމީހުންގެ ޝުޢޫރުތައް ފާޅު ކުރަމުން ބުނީ ސަފާރީ ތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް މުސާރަނުދީ އަދި ބައެއް މީހުންނަށް ނޯޕޭ ލީވް ދީފައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެމީހުންގެ މިމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު އަޅާ ނުލާ ކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައި ވެއެވެ.

އެމީހުން ބުނީ ލިވަބޯޑް ކިޔާ ސަފާރީތަކާ ބެހޭ ޖަމިއްޔާއެއްވެސް އޮންނަ ކަމަށާއި ނަމަވެސް އެޖަމިއްޔާއިންވެސް އެމީހުންގެ ހައްގުތައް ހޯދަން މަސައްކަތް ނުކުރާ ކަމަށެވެ. އެމީހުން ވަނީ އެޗްޕީއޭއިން އެމީހުން ސަފާރީ ތަކުގައި 14 ދުވަސް ވަންދެން ނުފޭބޭގޮތަށް ބަންދުކޮށްފައި ބައިތިއްބާފައި ތިބީ ކަމަށާއި އެމީހުން ކައިތޯ ނޫނީ އެމީހުންގެ އަނބިދަރީން ތިބި ހާލެއް ބަލައިލާނެ މީހަކުވެސް ނެތް ކަމަށާއި އަނބިދަރީންނަށް ކާންދެވޭނެ ގޮތްވެސް ނެތް ކަމަށެވެ.



ސަފާރީ ތަކުގެ މުވައްޒަފުން މިއަދު ވަނީ ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ރައީސް އޮފީހުގެ ފަރާތުން ކޯވިޑް-19 އާއި ބެހޭ މައުލޫމާތު ދެއްވާ އަންޑަރ ސެކްރެޓަރީ މަބްރޫކް ޢަޒީޒާއި ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް މައިމޫނާގެ ނަން ހިމެނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިން އައުން ހުއްޓި ރިޒޯޓްތަކަށް އާމްދަނީ ނުލިބޭތީ ރިޒޯޓްތައް ބަންދު ކުރަން ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން ގިނަ ރިޒޯޓްތަކުން ދަނީ މުވައްޒަފުން ވަކިކޮށް ނޯ ޕޭ ލީވް ނެގުމަށް މަޖުބޫރު ކުރަމުންނެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން