ސްކޫލްތަކުގެ އިމްތިހާނުތައް އަވަސް ނުކުރާ ގޮތަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އަންނަމަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ސްކޫލު ކުދިންގެ އިމްތިހާނު ދިމާވާތީ، އިމްތިހާނު އަވަސް ކުރުމަށް މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވެފައިވަނީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއުއާ މަޝްވަރާ ކުރެއްވުމަށްފަހު ސްކޫލްތަކުގެ އިމްތިހާނުތައް އަވަސް ނުކުރާ ގޮތަށް ހަމަޖައްސަވާނެކަމަށެވެ.

އަދި އެގޮތަށް އެކަން ކުރާއިރު، ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތި ނުވާނެ ގޮތަށް ނިންމުންތައް ނިންމަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިރާސީ އަހަރުގެ ކަލަންޑަރުގައި ގްރޭޑް ހަތެއް، އަށެއް އަދި ނުވައެއްގެ ދެވަނަ ޓާމްގެ ޓެސްޓު ބާއްވާ ތާރީހުގެ ގޮތުގައި ކަނޑައަޅާފައި އޮތީ އޭޕްރީލް 16 އިން 27 އާ ދެމެދުގައެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ޓެސްޓު ބާއްވަން ކަނޑައަޅާފައި އޮތް ދުވަސް އިންތިހާބުގެ ތެރެއަށް ވަންނާތީ ޓެސްޓު ބާއްވާ ދުވަހަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެެހެންކަމުން ދެވަނަ ޓާމްގެ އިމްތިހާން 27 މާޗުން 25 އޭޕްރީލް އާ ދެމެދު ރަސްމީ ދުވަސްތަކުގައި ބާއްވައި ނިންމުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް އަންގައިފަ އެވެ.

އޭގެ އިތުރުން އޭޕްރީލް 20ވާ ހޮނިހިރު ދުވަހު ޓެސްޓު ނަގާނަމަ އީސީން އެ ސްކޫލަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް ވެސް މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން