އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލަނީ.
އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލަނީ.
މަސްތުވާތަކެތީގެ ވަބާއަކީ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމީ ޝައްކު ހިނގާނެ ކަމެއް ނޫނެވެ. ގައުމަށް ދިމާވެފައިވާ މި ބޮޑު ބަލިމަޑުކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ވެސް ހައްލެއް ހޯދިފައިނުވާ ބަލިމަޑުކަމެކެވެ. އެތަކެތި ވަންނަ ދޮރުތަކެއްވެސް ތަޅެއް ނުލެވެއެވެ. އޭގެ ވިޔަފާރިއެއްވެސް ނުހުއްޓުވެއެވެ. އެޖަރީމާ ހިންގާ އިސް މީހުންގެ ގަޔަކު އަތްލާންވީ ގޮތަކަށް، އަތްލާންވީ މިންވަރަކަށް އަތެއްވެސް ނުލެވެއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޒުވާން ޖީލެއް ހަލާކުވެގޮސް ނިމި އެބަލިމަޑުކަމުގެ ތެރެއަށް އައު ޖީލެއް އުފަންވީއެވެ. އެތަކެތީގެ ވިޔަފާރި ކުރާ މަހްޖަނުންގެ މުއްސަދިކަމާއި ލިބޭ ފައިސާގެ ވާހަކައަކީ އެންމެ ދަންނަ ބޮޑު ސިއްރެކެވެ. އެމީހުން ފާއޮހޮރުވައިގެން ކުރާ ބުރަ މަސައްކަތެއް ނުފެނެއެވެ. އެކަމަކު އެމީހުންގެ ނަމުގައި އަގު ބޮޑެތި ކާރުތަކާއި ޔޮޓުތަކާއި އޮޑިފަހަރު ހުންނަކަމާއި ބޮޑެތި ވިޔަފާރިތަކަށް އިންވެސްޓުކުރާ ކަމީ ދައުލަތަށް ވެސް އެނގޭ ބޮޑު ސިއްރެކެވެ.

ދާދިފަހުން ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގެ ސަރީއަތް ނިމި ހުކުމް ކުރުމުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، އެ މައްސަލަ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެޖެންޑާކޮށްފައިވާއިރު، ރައްޔިތުންނަށް ކަމެއް ސާފްކޮށްދިނުމަކީ ގޯހެއްތޯ އެވެ؟

ސަރީއަތުން ގޮތެއް ކަނޑައެޅި ހުކުމްކޮށްފައިވާ މައްސަލައެއްގެ މައުލޫމާތު ފުލުހުން ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި ދެފުއް ފެންނަ ސިޔާސަތުގެ ދަށުން ރައްޔިތަކަށް ކަމެއް އޮޅުން ފިލުވައި ދެއްވުމަކީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ވީގޮތެއް ނުވިސްނުނެވެ.

ދިވެހި ފުލުހުން މިމައްސަލައިގައި ކޮށްފައިވާ ބުރަ މަސައްކަތް މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހާމަކޮށްލުމުން ރައްޔިތުންގެ ހިތުގައި ފުލުހުންނަށް ހާއްސަ ގަދަރެއް ދެވިގެން ދިޔަ އެވެ. ފުލުހުން ކޮށްފައިވާ މަސައްކަތަށް ރައްޔިތުންގެ ތާއީދާއި ލޯތްބާއި ތަޢުރީފު ބަންޑުންކޮށްލި އެވެ.

ފުލުހުން ހާމަ ކުރި މައުލޫމާތުތަކަށް ބިނާކޮށް ކޮންމެ ރައްޔިތެއްވެސް އަމިއްލައަށް ސަރީއަތް ހިންގާ ހުކުމް ކޮށްލި އެވެ. މައްސަލަ ވަރަށް ސާފެވެ. ރާއްޖޭގެ ފަޑިޔާރުގެ ފެއިލްވެފައިވާ ކަމަށް މިހާރު ވެސް ރައްޔިތުން ކުރަމުންދާ ދައުވާއަށް އިތުރު ފޯރިއެއް ލިބުނު ކަހަލަ އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ސޯސަލް މީޑިޔާ އާއި އެކަމާއި ގުޅޭ ހަބަރުތަކުގެ ކޮމެންޓް ސެކްސަނުން ރައްޔިތުންގެ އުދާސްތައް ސާފުކޮށް ހާމަވެ އެވެ. އެކަމުގައި ފުލުހުން ކުރި މަސައްކަތާއި ހޯދާފައިވާ ހެކިތަކަށް ރައްޔިތުންގެ ހިތުގައި އޮތީ އިހްތިރާމާއި ލޯތްބެވެ.

ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ފުލުހުން ދާދިފަހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލާގައި ލިބިފައިވާ ހެކިތަކާއި ފުލުހުން އެމައްސަލައިގައި ކޮށްފައިވާ މަސައްކަތް ރައްޔިތުންނަށް ހާމަކޮށްފަ އެވެ. އެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކިތައް ހުރިކަމަށް ފުލުހުން ބުނާ އިރު އެމައްސަލަ ކޯޓުގައި ސާބިތު ނުވި ސަބަބުތަކެއް ވެސް ހުންނާނެ އެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުން ބުނެފައި ވަނީ މިނިސްޓަރު އިހުސާނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިހާރު ތާވަލް ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުވާކޮށްފައި ވަނީ ގދ. ހޯނޑެއްދޫ އިރުމަތީގޭ އަހުމަދު ސުނައިނާއި އެރަށު އަލޯރާ އަހުމަދު މުޖާހިދުގެ އިތުރުން އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. މީގެ ތެރެއިން ޒުބައިރުގެ މައްޗައް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާ އިރު އެހެން އެންމެން ކުރިމިނަލް ކޯޓުން ވަނީ މިނިވަން ކޮށްފަ އެވެ.



ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ އެތައް ބަޔަކު ހައްޔަރުކޮށް އެތައް މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކޮންމެ އަހަރަކު ފުލުހުން އަތުލައިގަނެ އެވެ. އެހެންނަމަވެސް އެ މިފަދަ ގިނަ މައްސަލަ ތަކުގައި ފަނޑިޔާރުގެއިން އަދަބު ކަނޑައަޅާ ހިސާބުން ކަން ވެގެން ދަނީ ބިލާހަކަށެވެ. މިކަންކަން ހިނގާމަގު ފުލުހުންނަށް ވެސް އަދި މިފަދަ ކަންކަން ދިރާސާ ކުރާ ފަރާތްތަކަށް ވެސް އެނގެއެވެ. މަސްތުވާތަކެތީގެ ނެޓުވޯކުތައް މުލުން ލުހެލެވޭ ވަރަށްވުރެ ހުރީ މާ އަޑިއަށް ފައިބައިފައެވެ. ހުރިހާ ކަމަކާއި ގުޅި ލާމެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޥަަަަނޗހޮ

25-Apr-2024

އިސްލާމީ ޝަރީއަތް ނުހިންގަންޔާ ޢަދުލު ވެރި ކަމެއް ނޯންނާނެ!



ޓްރެންޑިން