ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވިތާ މިހިނގާ އެޕްރީލް މަހުގެ 17 އަށް މިވީ އެންމެ ފަސް މަސް ދުވަހެވެ. ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެން ވެރިކަން ކުރައްވަން ފެއްޓެވިތާ އެންމެ ފަސް މަސް ދުވަހުން ރާއްޖޭގެ އެންމެ ގިނަ ބައެއްގެ އިތުބާރާއި ތާއީދާއި ލޯބި އޮތް ސިޔާސީ ލީޑަރަކަށް ނުވަތަ ރައީސަކަށް ރައީސް ޑރ. މުހައްމަދު ވެގެންދިޔަ ސަބަބާއި މެދު ސުވާލު އުފައްދާނެ އެއްބަޔަކީ ރާއްޖޭގެ އިސް ސިޔާސީ ލީޑަރުންނެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ރައީސް މުއިއްޒަށް ވުރެ ދޮށީ ބޭފުުޅުންނެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ކުރީން ރައީސްކަމާއި މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ރައީސް ކަމާއި މުޅި ސިޔާސީ ހަޔާތުގައި ބޮޑެތި ސިޔާސީ ޕާޓީތަކުގެ ރައީސްކަން ކުރެއްވި ބޭބޭފުޅުންނެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ކުރިމަތިލެއްވި ގައުމީ ތިން އިންތިޚާބުގައި ވެސް ވާދަކުރެއްވީ ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ތަޢާރަފުކުރުމުގައި އެންމެ އިސްދައުރެއް އަދާކޮށް އަދި ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ހަރަކާތްކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާއެވެ. އެގޮތުން ޑރ. މުއިއްޒު އެންމެ ފުރަތަމަ ސިޔާސީ ގޮތުން ގައުމީ އިންތިހާބެއްގައި ވާދަކުރެއްވީ މާލޭ މޭޔަރު ހޮވުމަށް އެންމެ ފުރަތަމަ ވަކިން ބޭއްވި އިންތިހާބުގައެވެ. އެއީ ރާއްޖޭގައި މަލްޓި ޕާޓީ ނިޒާމު ގާއިމުކޮށް އާ ގާނޫނު އަސާސީގެ ދަށުން އުފަންވި ކައުންސިލް ތަކުގެ ދާއިރާތަކުގެ ތެރެއިން އެމްޑީޕީން ރަސްކަން ކުރަމުން ގެންދިތަ މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބެވެ. އެއަށްފަހު މޭޔަރު ކަމުގެ ދައުރު ހަމަނުވަނީސް ދެން އެމަނިކުފާނު ކުރިމަތިލެއްވީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބާއެވެ. އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ހުސްވި އަހަރު ބޭއްވި ރިޔާސީ އިންތިޚާބެވެ.

ވަރަށް ހަނި އުނދަގޫ މަގަކުން އޭރުގެ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ހޯއްދަވައިގެން ވަރަށް ހިކުމަތްތެރިކަމާއެކު އެއިންތިޚާބަށް ނުކުމެ ވަޑައިގެންނެވި އިރު މުޅި ކޯލިޝަން ވެސް އޮތީ ދެބައިވެ ދާނެ ކޮޅެއްވެސް ނޭގޭފަދަ ހާލަތެއްގައެވެ. އެހާލަތުގައި ސިޔާސީ ގޮތުން ރާއްޖޭގެ އެންމެ ގިނަ ލީޑަރުން ޖެހިލުންވާ ރައީސް ޔާމީންގެ ވިސްނުންފުޅާ ވެސް ދެކޮޅަށް ވަރަށް ހިތްވަރާއެކު ނުކުމެވަޑައިގެން އިންތިޚާބުގައި ވާދަކުރެއްވީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއެވެ. ވެރިކަމުގެ އާރާއި ބާރާއި ނުފޫޒާއި ދެކޮޅަށް ޑރ. މުއިއްޒު އިންތިޚާބަށް ނުކުމެވަޑައިގެން ފުރަތަމަ ބުރުން ވެސް ބޮޑު ކާމިޔާބެއް ހޯއްދަވައިގެން ދެވަނަ ބުރުން ވެސް އެމްޑީޕީ ބަލި ކުރެއްވީ އެމަނިކުފާނާ ދިމާއަށް ޒާތީ ގޮތުން އައި ވަރުގަދަ ހަމަލާތަކާއި ދޮގު ތުހުމަތުތަކާއި ހުތުރު ފާޑުކިއުންތަކާއި މަލާމާތަށް ބެލުމެއް ނެތި އެވެ. އެމަނިކުފާނު ރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓާއި އިދިކޮޅު ފަރާތްތަކުން ޒާތީ ގޮތުން ކިޔަމުން އައި އެއްޗެހީގެ ރައްދުގައި އެއިން އެއްވެސް ބޭފުޅަކަށް ރައްދުވާ ގޮތުން ޒާތީ ގޮތުން އެއްވެސް ހުތުރު ބައެއް ވިދާޅު ނުވެއެވެ.

ހުސްވި އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި ކުރިމަތި ލެއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެމަނިކުފާނު ރައްޔިތުންނަށް ވިއްކެވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކެވެ. ބާރު ސްޕީޑްގައި އެވަޢުދުތައް ފުއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަމުގެ ވާހަކައެވެ. އަދި ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވައި މަޖިލީހުގެ އަޣުލަބިއްޔަތު ދީފިނަމަ އެވަޢުދުތައް ބާރު ސްޕީޑުގައި ރަނުން ރަނަށް ފުއްދުމަށްފަހު އެއަށް ވުރެ އިތުރަށް ވެސް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ. ކުރީގެ ވެރިކަމުގައި ގައުމު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި ގައުމުގެ އިގުތިޞާދު ކޮޅަށް ޖައްސަވައި މާލީ ފުދުންތެރިކަން އިތުރު ކުރަށްވައި ގައުމަށް ހަމަޖެހުމާއި އަމާންކަން ގެނަސްދެއްވައި އިސްލާމު ދީނުގެ ވަހުދަތު ވަރުގަދަ ކުރަށްވައި ބީވަމުންދިޔަ ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަނބުރާ ހޯއްދަވައި ދިވެހީން ގޮވައިގެން ހަގީގީ ދިވެހީންގެ ރާއްޖެއަށް ދަތުރުފުޅު ކުރައްވާނެ ކަމުގެ ޔަގީންކަމެވެ.

އެމަނިކުފާނު ރައްޔިތުންނަށް ދެއްވީ ތަރައްގީގެ ނަމުގައި ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސަވައި އިންތިޚާބަު ތަކަށް ކަޑަޖަހާ އުސޫލުން ފަށައި، ހުއްޓިފައި ހުރި މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަމެވެ. ދައުރު ނިމެން މަހަކަށްވުރެ ކުޑަވެފައި ވަނިކޮށް ފަޅުތަކުންނާއި ކަނޑުތަކުން މާލޭގެ ރައްޔިތުންނަށް ދީފައި ހުރި ގޯތިތައް ބިން ހިއްކަވައިގެން ހަގީގީ އެއްޗަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަގީންކަމެވެ. ސާޅީސް އަހަރުގެ ތެރޭގައި ފައިސާ ޗާޕު ނުކުރާ ވަރަށް ފަސް އަހަރުގެ ތެރޭގައި ފައިސާ ޗާޕުކޮށް ފުނޑާލާފައިވާ ރާއްޖޭގެ މާލީ ނިޒާމު އަލުން ރަނގަޅުކޮށް ފައިސާ ޗާޕުކުރުން ހުއްޓާލައި ބޭރު ފައިސާގެ އަގު ދަށްކުރާނެ ކަމުގެ ޔަގީންކަމެވެ. ސާޅީސް އަހަރުން ނުނަގާ ވަރަށް ހުސްވި ފަސް އަހަރު ނަގާފައިވާ ދަރަނިތައް ދައްކައި ޚަރަދު ކުޑަކޮށް ފޭދިގެންދާ ފައިސާއާއި ގާތް ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ބަހަމުންދިޔަ ފައިސާ ބެހުން ނިމުމަކަށް ގެންނާނެ ކަމުގެ ޔަގީންކަމެވެ. ރާއްޖޭޣައި ފަތުރުވެރިކަން ފުޅާކުރަށްވައި އިގުސާދީ ބޮޑެތި މަޝްރޫޢޫތައް ހިންގަވައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކޮށްދެއްވައި ކައުންސިލްތައް ބާރުވެރި ކުރުވައި އާބަން ސެންޓަރުތައް ގާއިމުކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ.

އެމަނިކުފާނު މިވާޙަކަތައް ދެއްކެވީ ވަރަށް ވެސް އިޚުލާސްތެރިކަމާއެކު ހެއުހިތުންކަން އެމަނިކުފާނު ގެންދެވީ ބަހާއި އަމަލުން ވެސް ދައްކަވަމުންނެވެ. އިދިކޮޅުން ހަދަމުން ދިޔަ ދޮގުތަކާއި އަޅުވަމުން ގެންދިޔަ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނޫންކަން ރައްޔިތުންނަށް ގަބޫލުކުރެވުނީ އެމަނިކުފާނު އެވާހަކަތައް ދިފާއު ކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި އެމީހުން ދެއްކި ކަހަލަ ހަގީގަތެއް ނެތް ވާހަކަތައް ދައްކަވައިގެނެއް ނޫނެވެ. އެމަނިކުފާނު ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވީ ރައްޔިތުންނަށް އިޚުލާސްތެރި ކަމާއެކު ޚިދުމަތް ކުރަށްވާނެ ކަމުގެ ޔަގީންކަމެވެ. ރައްޔިތުންގެ ހައްގަކަށް އަރައި ނުގަންނަވާނެ ކަމުގެ ޔަގީންކަމެވެ. އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ ކަމާއި ބަދަލު ނުހިއްޕަވާނެ ކަމުގެ ޔަގީންކަމެވެ.

ވެރިކަމުގައި ހުންވައިގެން ރަށްރަށަށް އަރާވަޑައިގެންނެވީ އިދިކޮޅު މީހުން ރަށުން ބާލާފައެއް ނޫނެވެ. އަދި އެމީހުން ދާޖަހައިގެން ގެންގޮސް ޖަންގައްޔަށްލައި ބަންދުކޮށްގެނެއް ވެސް ނޫނެވެ. މާލޭގެ މަގުމަތިން ވެސް އެމަނިކުފާނާއި ޚިޔާލު ތަފާތު މީހުން ދިމާކޮށް އެމަނިކުފާނުގެ އަގު ވައްޓާލައި އެމަނިކުފާނުގެ މަސައްކަތަށް ހުރަސް އަޅާން މަސައްކަތް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ރުޅިވެރި މޫނުފުޅެއް ނުދައްކަވައެވެ. ބަދަލެއް ނުހިއްޕަވައެވެ. އަދަބެއް ނުދެއްވައެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ރަށަށް ވަޑައިގެން އެންމެ ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވައި އެންމެ ގިނަ ކައުސިލްތަކާއި ބައްދަލުކުރައްވައި އެންމެ ގިނަ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ލީޑަރަކީ ރައީސް ޑރ. މުއިއްޒެވެ. މިއީ އެއްވެސް ބޭފުޅަކަށް ދެބަސް ނުވެވޭނެ ހަގީގަތެކެވެ. މިހުރިހާ ބައްދަލު ވުމެއްގައި އަދި މުހިންމު ކެމްޕޭން ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެން އެދެއްކެވި ވާހަކަފުޅުތައް އާންމު ރައްޔިތުން އަޑުއެހީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ކޮންމެ ބަސްފުޅެއް ވެސް ވިދާޅުވަމުން ގެންދެވީ އޯގާތެރިކަމާއެކު ލޯތްބާއި އިހުތިރާމާއެކުގައެވެ. ރައްޔިތުންނަށް ދެއްވީ ފޮނި އުއްމީދު ތަކެވެ. އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކަފުޅަކީ ތެދުވެރިކަމާއި އިހުލާތްތެރިކަމާއެކު ހެއު ހިތްޕުޅުގެ އަޑިން ދައްކަވާ ވާހަކަފުޅެއްކަން ރައްޔިތުންނަށް ތަކުރާރުކޮށް ކަށަވަރުކޮށްދެއްވިއެވެ. އަދި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ދެމި ހުންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ރައްޔިތުންގެ ޚިދުމަތުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ޓީމު ދެމި ތިއްބަވާނެ ކަމާއި ނިދިކުރައްވާން ނުތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ރައްޔިތުން އިތުބާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު ސާފު އަޣުލަބިއްޔަތު ދިނީ ހަގީގަތުގައި ވެސް އެމަނިކުފާނު ރައްޔިތުންނަށް ދެއްވި ޔަގީންކަމާއި އެމަނިކުފާނުގެ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަން ގަބޫލުކުރެވިގެންނެވެ. ރައްޔިތުން އެމަނިކުފާނު ބަލައިގަތީ އެމަނިކުފާނު ދެއްކެވި މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އިޚުލާސްތެރިކަމުގެ ސަބަބުންނެވެ. އިސްލާމީ ރިވެތި އަޚުލާގު އިސްކުރަށްވައި ރައްޔިތުންނަށް ދެއްކެވި ނަމޫނާގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޢަލީ

25-Apr-2024

ދިވެހިރާއްޖޭގައި މިހާރު މި ނެގޭ ވޯޓަކުން ދައްކައެއް ނުދޭ ކެނޑިޑޭޓް އަށް އޮންނަ ލޯތްބާއި، އިޙްތިރާމެއް. ރަށްރަށަށް ބަލާއިރު، ގޮފިތަކުގައި ތިބޭ މީހުން މަސައްކަތް ކުރަނީ އަމިއްލަ ފައިދާއަށް. ވެރިކަމަށް ހޮވުމަށްފަހު، ފެނަކަ ކަހަލަ ތަންތަނުން ވަޒީފާ ނުދީގެން، ޕާޓީގެ ޚަރަކާތްތަކަށް ނުނިކުންނަށް، ނުވަތަ ރައީސް މުޢިއްޒަށް ފާޑުކީ އަމިއްލަ ޕާޓީގެ ކިތައް މީހުންތޯ. އާއިލާ މީހުންނަށް ވަޒީފާ ދޭން އުޅުނީ ކިތައް މީހުންތޯ؟ މަޖިލިސް އިންތިހާބުގައި ވަޒީފާ ދީގެން ކިތައް އާއިލާތަކުގެ ވޯޓުތައް އަނބުރާލެވުނުތޯ؟ މިއީ ލޯތްބޭ ކިޔަންޏާ ދެން ނޭނގެ



ޓްރެންޑިން