ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން އަދި ނިންމާފައި ނުވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އީސީން މިހެން ބުނެފައިވާއިރު، ކޮވިޑް19 އާ ގުޅިގެން އިންތިހާބުވެސް ފަސްކުރަން ޖެހިއްޖެ ނަމަ ފަސްކުރާނެ ކަމަށް ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އެކުލަވާލި ޓާސްކް ފޯސްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އީސީގެ ނައިބު ރައީސް އަޙުމަދު އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެއްވެސް ފަރާތަކުން އަންގާފައިނުވާ ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އެކަމަށް އެދިފައިނުވާ ކަމަށެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އިންތިހާބު ފަސްކުރުމާމެދު ނިންމުމެއް އަދި ނިންމާފައި ނުވާކަމަށާއި ނަމަވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހަކު ރާއްޖެއިން ފެނިއްޖެނަމަ ހާލަތު ބަދަލުވާނެ ކަމަށެވެ.

"ޔަގީންކަން ދެން އާންމުންގެ ސިއްހަތަށް ކޮމްޕްރައިމައިޒް ވާނެ އެއްވެސް ނިންމުމެއް، އެއީ އިންތިހާބު ފަސްކުރަން ޖެހިއްޖެއްޔާ އިންތިހާބު ފަސްވެސް ކުރާނެ. އެހެން ނަމަވެސް އެ ނިންމުން އަންނާނީ ހާލަތާ އެއްކޮށް." އަލީ ވަހީދު ވިދާޅުވިއެވެ.

އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒަރއެއް ބޭނުން ކޮށްގެން ގިނަ ގިނައިން އަތް ސާފު ކުރުން ހިމެއެވެ. ރޯގާގެ އަލާމާތެއް ފެނި ކެއްސާ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ނިވާކުރުމާއި އެހެން މީހުންގެ ރައްކަލަށްޓަކައި އެފަދަ މީހުން މާސްކް އަޅައިގެން ނޫނީ އާންމުންގެ ތެރެއަށް ނުކުމެ ނޫޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދީފައިވެއެވެ. މީގެއިތުރުން އަތް ދޮވެ ސާފުކޮށްގެން ނޫނީ އަނގައާއި ނޭފަތާއި ލޯ ނުވަތަ މޫނުގައި އަތް ނުލުމަށާއި ކަރުތެރެ ހިކުނަނުދީ އަވަސް އަވަހަށް ފެން ބުއިމަށާއި ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށްވެސް ލަފާދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން