ޚާރިޖީ ވަޒީރު މޫސާ ޒަމީރު (މ) އާއި ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު (ވ) އާއި ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ
ޚާރިޖީ ވަޒީރު މޫސާ ޒަމީރު (މ) އާއި ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު (ވ) އާއި ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ
ސްރީލަންކާއަކީ ދިވެހީން ދިރިއުޅޭ އަދި ގޮސް އައިސްވާ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އަބަދުވެސް ވަރަށް ގިނަ އާއިލާ ތަކެއް ދިރިއުޅެމުން ގެންދާ އަދި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ދިވެހީން ޒިޔާރަތްކުރާ ގައުމެކެވެ. ކޮވިޑްގެ އާލަމީ ވަބާއާއިއެކު ލަންކާއަށް ކުރިމަތިވި އިގުތިޞާދީ ހީނަރުކަމާއެކު ކުރިމަތިވި "ހަނަފަސްކަމުގެ" ދަތި އުނދަގޫ ތަކުގެ ތެރޭގައި ދިވެހި ބައެއް އާއިލާތައް ލަންކާ ދޫކޮށް ދިޔަ ނަމަވެސް މިހާރު އަނެއްކާވެސް މަޑުމަޑުން ލަންކާގައި އޮންނަ ދިވެހީންގެ އާބާދީ އިތުރުވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

ސްރީ ލަންކާއަށް ދިވެހީންގެ ހިތްތައް ލަންބުވައިދޭ އެއްކަމަކީ ޒަމާނުއްސުރެ އޮތް ގާތް އަޚުވަންތަ ގުޅުމާއި އެގައުމުގައި ދިރިއުޅެން ދިވެހީންނަށް ފަސޭހަ ވުމާއި ދަތުރުވެރިންނަށް ފަތުރުވެރި ވިސާ ލިބުން ފަސޭހަވުމާއި ވަގުތީ ދިރިއުޅުމަށް ދޭ ވިސާ ނުވަތަ ރެސިޑެންސް ވިސާ ލިބުން ފަސޭހަވުމެވެ. ލަންކާއާއި ރާއްޖެއާއި ދެމެދު އޮތް ވިސާ އެއްބަސްވުމުގެ ދަށުން ދިވެހީންނަށް މިދެންނެވި ވިސާތައް ލިބުމުގައި މިހާތަނަށް ވެސް މާބޮޑު ދަތި އުނދަގޫ ކަމެއް ކުރިމަތިވެފައެއް ނެތެވެ.

ޚާއްޞަކޮށް ބަލި މީހުންނަށާއި ތަޢުލީމު ހާސިލުކުރަން އަންނަ ދިވެހީންނަށް ނުވަތަ ދިވެހި ކުދީންނަށް ލަންކާއިން އަބަދުވެސް ވަރަށް އުފަލާއެކު މަރުހަބާ ކިޔައެވެ. މިއީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ އޮތް ގުޅުމެކެވެ. މިހާރުވެސް މާލޭގެ ބޮޑެތި އަދި މަތީ ފަންތީގެ އާއިލާތަކަށް ބަލައިލިއަސް މަޝްހޫރު ޢިލްމީ ބޭބޭފުޅުންނަށް ބަލައިލިއަސް ލަންކާގެ ސްކޫލްތަކުން ދަސްވެނިވެފައިވާ އެތައް ސަތޭކަ ދިވެހީންގެ ނަންތައް އެ ލިސްޓުގައި ލިޔެވިދާނެއެވެ.

ނަމަވެސް މިފަހުން ލަންކާގެ ވިސާގެ އުސޫލުތަކަށް ގެނައި ބަދަލު ތަކަކާއި ގުޅިގެން ދިވެހީންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ވެރިވިއެވެ. ވިސާ ހޯދުމުގައި ތަކުލީފު ތަކެއް އުފުލާން ވެސް ޖެހުނެވެ. އެންމެ ބޮޑު މައްސަލައަކަށްވި އެއްކަމަކީ ލަންކާއަށް އެތެރެ ވުމާއެކު ދިވެހީންނަށް ހިލޭ ލިބޭ 30 ދުވަހުގެ ފަތުރުވެރި ވިސާ އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އުފުލާން ޖެހުނު ތަކުލީފެވެ. ދެގައުމުގެ ދެމެދުގައި އޮތް ވިސާގެ އެއްބަސް ވުމުގައި މިދެންނެވި ފަތުރުވެރި ވިސާ އަކީ 90 ދުވަހާއި ހަމައަށް ދަންމައި ލެވޭ ގޮތަށް އޮންނަ ވިސާއެއް ކަމަށް ވިޔަސް ފަހުން ގެނައި ބަދަލު ތަކާއެކު ލަންކާއަށް ވަންނައިރު ލިބޭ 30 ދުވަހުގެ ވިސާ އިތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވީއެވެ.

ހުސްވި މެއި މަހުގެ މެދުތެރެއިން ފެށިގެން އެއްކަލަ 30 ދުވަސް ދަންމާލަން ބޭނުންވާ މީހުންނަށް އެމަގު ބަންދުވީއެވެ. ވިސާގެ އުސޫލަށް ގެނައި ބަދަލުތަކުގެ ތެރެއިން ކޮންމެވެސް ހިސާބަކުން ކުންޏެއް ޖެހުނީއެވެ. ނުވަތަ އެއުސޫލަށް ބަދަލެއް އައީއެވެ. މިކަން ރަސްމީކޮށް ދިވެހީންނަށް އެނގިފައި ނެތީމާ ކުރީންވެސް އުޅެމުން އައި ގޮތަށް ލަލިތާއި، ސިދާރްތާއި، ސަމީރާމެން އަތަށް ޕާސްޕޯޓާއި ލާރިކޮޅެއް ދީގެން ވިސާގެ މުއްދަތު ދަންމާލަމުންއައި ގޮތަށް އެކަން ނުކުރެވުނީއެވެ.

މިހާހިސާބުން ދިވެހީންގެ އުދާސްތައް ބަންޑުން ކުރާން ފެށިއެވެ. ރުޅިގަދަ މީހުން ހިތަށް އެރިހައި އެއްޗެއް ގޮވާން ފެށީއެވެ. ކޮންމެ ކަމެއްގައި ސިޔާސީ ކުލަ ޖެހޭ ބީދައިން މިކަމުގައި ވެސް ސިޔާސީ ކުލަ ޖައްސައިގެން އިތުރަށް ދަރުއަޅާ ރޯކުރާ ބަޔަކުވެސް އުފެދުނީއެވެ. ނަމަވެސް ދިވެހި ޚާރިޖިއްޔާއިން މިކަމުގައި ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅައި ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އިދިކޮޅުން މިސަރުކާރުގެ ޚާރިޖީ ސިޔާސަތާމެދު ދައްކަމުންއައި ނުބައި ތަސައްވަރަކީ ހަގީގަތެއް ނޫންކަން ޔަގީންވެގެން ދިއުމެވެ.

ސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހިނގާ ޖޫން މަހުގެ ހަތަރަކުން ހަޔަކަށް ލަންކާއަށް ކުރެއްވި ދަތުރުފުޅާއި މި ހައްސާސް ދުވަސްވަރާއި ދިމާވުމަކީ އިއްތިފާގަކަށް ވިޔަސް އަދި ނުވިޔަސް ޚާރިޖީ ވަޒީރުގެ ދަތުރުފުޅު މިފަހަރު ވެގެން މި ދިޔައީ ދިވެހީންގެ ކަންބޮޑުވުންތަކަށް ހަމަ ރަނގަޅު ތަސައްލީއެއް ލިބިގެން ދިޔަ ކާމިޔާބު ދަތުރުފުޅަކަށެވެ. މިދެންނެވި ވިސާގެ މައްސަލައިގައި ސަރުކާރުން މަސައްކަތް ފަށައިގެން އުޅެނިކޮށް ލަންކާގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސީދާ ދިވެހި ރައްޔިތުންނާ ގުޅުން ހުރި އެންމެ މުހިންމު މަސައްކަތްޕުޅަކަށް އެމަނިކުފާނުވެސް ހެއްދެވީ ދިވެހީންނަށް ކުރިމަތިވެފައި އޮތް ވިސާގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވުމުގެ މަސައްކަތްޕުޅެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އަވަހަށް ހައްލު ހޯއްދަވައި ދެއްވުމާއި، ކޮންމެ ކަމެއްގައި ވެސް ދިވެހީންނަށް، ދިވެހި ގައުމަށް އިސްކަން ދިނުމުގެ ސިޔާސަތެވެ. އެމަނިކުފާނު ގެންގުޅުއްވާ "ދިވެހި ރާއްޖެ ފުރަތަމަ" ސިޔާސަތު ތަންފީޒު ކުރައްވައި ގައުމުތަކަށް އެކަން ވިސްނައި ދެއްވުމުގައި އަދި އެސިޔާސަތު ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ބޭފުޅަކީ މިއަދުގެ ޚާރިޖީ ވަޒީރެވެ.

އެމަނިކުފާނު ލަންކާއަށް ކުރެއްވި ދަތުރުފުޅުން ވެސް އެކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ލަންކާ ރައީސާއި ބޮޑު ވަޒީރާއި އަދި ވެސް އެގައުމުގެ އިސް ވެރީންނާއި ވިޔަފާރިވެރިންނާއި ސިޔާސީ އެކި ބޭފުޅުންނާއި ބައްދަލުކުރަށްވައި ސަރުކާރުގެ، ރައީސް ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ނިކަން ރަނގަޅަށް ވިއްކަވައިފިއެވެ. މިއިން ކޮންމެ ބައްދަލުވުމެއްގައި ވެސް މިނިސްޓަރ ޒަމީރު އެންމެ އިސްކަމެއް ދެއްވީ ރާއްޖެއާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމާއެކު އިތުރު ދާއިރާތަކުން ރާއްޖެއަށް ފައިދާވާނެ ކަންކަމަށް މަގުފަހި ކުރުމަށް މަޝްވަރާތަކުގެ މިސްރާބު ބެހެއްޓެވުމަށެވެ. މިދެންނެވި ވިސާގެ މައްސަލައިގައި ދިވެހީން ބޭނުންވާ މިންވަރަށް ވުރެވެސް ނުވަތަ އުއްމީދު ކޮށްގެން ތިބި މިންވަރަށް ވުރެވެސް ރަނގަޅު ނަތީޖާއެއް ނެރެވުނީ ހަގީގަތުގައި އެ އަމާޒަށް ވާސިލުވާން މިސްރާބު ހިއްޕެވީމައެވެ.

ޚާރިޖީ ވަޒީރުގެ މި ތާރީޚީ ދަތުރުފުޅު ނިންމަވާލެއްވީ ދިވެހީންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެންސްދެއްވަމުންނެވެ. އިދިކީލި ފަރާތްތަކުން މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާމެދު ދައްކާ ވާހަކަ ތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ، ދެއުޅި އެއްނުވާ ވާހަކަ ތަކެއްކަން ހާމަކޮށްދެއްވަމުންނެވެ.

ޚާރިޖީ ވަޒީރުގެ މިފަހަރުގެ މަސައްކަތްޕުޅުގެ ނަތީޖާއަކަށްވީ ކުރިން ވިސާ ދިން ގޮތަށްވުރެ ރަނގަޅަށް އެއަށްވުރެ ފަސޭހަކޮށް ދިވެހީންނަށް ވިސާގެ ކަންކަން ހަމަޖެހިގެން ދިއުމެވެ. ކުރިން ލަންކާއަށް އެތެރެވާއިރު ދެމުން އައި 30 ދުވަހުގެ ވިސާގެ ބަދަލުގައި މިހާރު ލަންކާއަށް ދިވެހީން އެތެރެވާނީ 90 ދުވަހުގެ ވިސާ ޖަހައިގެންނެވެ. ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންގެ އަތުން މިހާރު އަހަރަކު އެއްފަހަރު ވިސާއަށް ނަގާ 200 ޑޮލަރުގެ ފީއަކީވެސް ކިޔަވާ ސްކޫލް ނުވަތަ ކޮލެޖުގެ ކޯސް ނުވަތަ ސްކޫލްގެ ތަޢުލީމީ މަރުހަލާ ނިމެންދެން އެއްފަހަރު ދައްކަން ޖެހޭ ފީއެއް ކަމުގައި ހަމަޖެހިގެން ދިޔައީއެވެ. މީނޫނަސް ލަންކާގައި އަލަށް ތަޢާރަފުކުރި އީ-ވިސާ ނިޒާމުގެ ތެރެއިން، ލަންކާއަށް އައުމުގެ ކުރިން ވަރަށް ލުއި ފަސޭހަކޮށް އެކި މުއްދަތުތަކަށް ވިސާނަގައިގެން ލަންކާއަށް އައިސް ގޮސް އުޅެވޭނެ މަގުވެސް ދިވެހީންނަށް މިހާރު ވަނީ ތަނަވަސް ވެފައެވެ. މީގެއިތުރުން ރިޓަޔަމެންޓް ވިސާގެ ނަމުގައި އިސް ރަށްވެހީންނަށް ޚާއްޞަ ވިސާއެއް ލަންކާއިން ތަޢާރަފު ކުރުމާމެދުވެސް މަޝްވަރާކުރެވި ކުރިއެރުންތައް ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މިކަންކަމުން އެނގި ޔަގީންވަނީ މިސަރުކާރުގެ އަދި ރައީސް ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ދޯހަޅި ނޫންކަމެވެ. އަދި ސަރުކާރުގެ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޚާރިޖީ ވުޒާރާގެ، އަދި ވަޒީރު ޒަމީރުގެ ޚާރިޖީ މަސައްކަތުގެ މިސްރާބު ވަރަށް ވެސް ރަނގަޅު ކަމެވެ. އެހާމެ ހަރުދަނާ ކަމެވެ. އިދިކޮޅުން ހީކުރި ގޮތާއި ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކާއި ނަތީޖާ މާ ބޮޑަށް ވެސް ތަފާތުވެފައި ރަނގަޅު ކަމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން