ތަފާތު ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ތައްޔާރީތައް އެޗްޑީސީ އިން ފަށައިފިއެވެ.

"މައި ހުޅުމާލެ ޢީދު އުފާ ޕަވަރޑް ބައި ދިރާގު" ނަމުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި އިވެންޓަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެއްކަމަށް އެޗްޑީސީ އިން ހާމަކޮށްފައިވެއެވެ. މި އިވެންޓުގެ ޓައިޓަލް ސްޕޮންސަރ ގެ ގޮތުގައި ހަމަޖެހިފައިވަނީ ދިރާގެވެ. އަދި ގޯލްޑް ސްޕޮންސަރ ގެ ގޮތުގައި ހަމަޖެހިފައިވަނީ ޝީޝާ މޯލްޑިވްސްއެވެ.

އަޟްހާ އީދުގެ ފޯރިގަދަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިމުގެ ފޯރިގަދަ ހަރަކާތުންނެވެ.

އަދި ހުޅުމާލޭގައި މިއަހަރު އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފޭސް 1ގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2ގެ ކްރިކެޓް ސްޓޭޑިއަމްގައެވެ. ޢީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެކަމަށް އެޗްޑީސީ އިން ހާމަކޮށްފައިވެއެވެ.



މީގެ އިތުރުން، 16 އަދި 17 ޖޫން ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢީދުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނެއެވެ. މި ޢީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދާނެއެވެ.

ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތެވެ. މީގެ އިތުރުން މި އީދު ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއަރ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދާ "މައި ހުޅުމާލެ ޢީދު އުފާ" އާ އެކު މިއަހަރުގެ އަޟްހާ ޢީދު ވެގެންދާނީ ވަރަށް ފޯރިގަދަ ޢީދަކަށެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން