ވ. ތިނަދޫއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން، ކަރަންޓީން ކުރުމަށް ގެންދިޔަ އިޓަލީގެ ފަތުރުވެރިޔާ އެ ބައްޔަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ފަރާތުގެ ޓެސްޓްގެ ނަތީޖާ ދެއްކީ ނެގަޓިވް ކަމަށެވެ. ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރެވޭނެެ ކަމަށެވެ.

މިކަމާގުޅިގެން ވ. ތިނަދޫ ގެ "ކޮންޓެކްޓް ޓްރޭސިންގ" ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތް ކަމަށް ވެސް އެޗްޕިއޭއިން ބުނެފައިވެއެވެ.

ތިނަދޫއިން ގެންދިޔަ ފަރާތް ނެގަޓިވް ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، ކުރެއްދޫ އައިލެންޑު ރިސޯޓުންވެސް އިއްޔެ ވަނީ އެރިސޯޓުގެ ޑޮކްޓަރު ކަރަންޓީނު ކުރަން ގެންގޮސްފައެވެ. އޭނާ ކަރަންޓީން ކުރުމާއި އެކު އެރަށްވެސް ވަނީ ވަގުތީ ގޮތުން އަރާފޭބުން ބަންދު ކޮށްފައެވެ.

އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒަރއެއް ބޭނުން ކޮށްގެން ގިނަ ގިނައިން އަތް ސާފު ކުރުން ހިމެއެވެ. ރޯގާގެ އަލާމާތެއް ފެނި ކެއްސާ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ނިވާކުރުމާއި އެހެން މީހުންގެ ރައްކަލަށްޓަކައި އެފަދަ މީހުން މާސްކް އަޅައިގެން ނޫނީ އާންމުންގެ ތެރެއަށް ނުކުމެ ނޫޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދީފައިވެއެވެ. މީގެއިތުރުން އަތް ދޮވެ ސާފުކޮށްގެން ނޫނީ އަނގައާއި ނޭފަތާއި ލޯ ނުވަތަ މޫނުގައި އަތް ނުލުމަށާއި ކަރުތެރެ ހިކުނަނުދީ އަވަސް އަވަހަށް ފެން ބުއިމަށާއި ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށްވެސް ލަފާދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން