އެހާރާއި މިހާރުގެ އީދު ހަރަކާތްތަކުގެ ތެރެއިން.
އެހާރާއި މިހާރުގެ އީދު ހަރަކާތްތަކުގެ ތެރެއިން.
މިފަހަރުގެ އީދު ފާހަގަ ކުރި ގޮތް ގިނަ ސިޔާސީ ފަރާތްތަކަށް ކަމު ނުދާކަން ފާހަގަކޮށް މީސްމީޑިއާ މެދުވެރިކޮށް އަޑު އުފުލުމާއި ފާޑުކިއުން މިވަނީ އިތުރުވެފައެވެ. ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވެފައިވަނީ އީދު ކުޅިވަރު ތެރެއަށް ދީނީ ކަންކަމާއި، ސިޔާސީ ކަންކަން ވެއްދުމެވެ.

އެގޮތުން ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ޘަޤާފަތް ދިރުވައި އާލާކުރާއިރު، އެހެން ދީންތަކާއި ލާދީނީ މުޖުތަމައުތަކުން ފެންނަ ވިޔާނުދާ ފުރެއްދެ، ބާޠިލު އާދަކާދަތައް ރާއްޖެއަށް ތައާރަފުކޮށް ދިރުވައި އާލާ ކުރަން ނުޖެހޭނެކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ވެސް ވިދާޅުވެފައިވެއެވެ. މީގެއިތުރުން، އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތައް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް އިސްލާމީ ކަންތަައްތަކާ ބެހޭ ވަޒީރު، މުހައްމަދު ޝަހީމު އަލީ ސައީދު ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން މިފަހަރު ޢީދު ފާހަގަ ކުރުމުގައި ފެނިފައިވާ އެފަދަ ބައެއް ކަންކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި އީދު ފާހަގަކުރުން

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ވެސް، އީދު ފާހަގަ ކުރުމުގައި ކުލަ ގަދަ ސަގާފީ ހަރަކާތްތަކާއެކު އީދު ފާހަގަކުރުމަކީ އާންމުކަމެކެވެ. ޒަމާނާއި ހާލަތަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް އަންނަ ތަރައްގީއާއެކު ބަދަލުވަމުންދާ ސަގާފަތްތަކާ އެއްގޮތަށް މި ބަވަނަ ވެފައިވާ ދުނިޔޭގެ މުޖުތަމައުތަކުން ފެންނަ ބައެއް ކަހަލަ ސަގާފަތްތަކާއި ތަހުޒީބީ ކުލަތައް ރާއްޖޭގެ މުޖުތަމައުން ވެސް ނުފެނެޔެކޭ ނޫނީ ނުވަދެއެކޭ ދެންނެވޭކަށް ނެތެވެ.

ދިވެހިންގެ ތެރޭގައި އެންމެ ކުލަގަދަކޮށް ފާހަގަ ކުރާ އީދަކީ އަޟްހާ އީދު ނޫނީ ބޮޑު އީދެވެ. އެގޮތުން އީދު ފާހަގަ ކުރަން ފެށުމުގެ ގޮތުން އީދު ވިލޭރޭ ވެދުމާ ދިޔުމާއި، ޢީދު ހުޅު ރޯކުރުން ނުވަތަ ޢީދު މަޅި ލުމަކީ އީދުގައި ނުފެނި ނުދާނެ ކަމެކެވެ. އީދު ދުވަހުގެ ހަރަކާތްތައް ފެށެނީ ޖަމާޢަތުގައި ކުރެވޭ އީދު ނަމާދުންނެވެ. ދެން އޮންނާނީ އަވަންޓެރިންނާއި، އާއިލާ ތަކާއި އެކު، އީދު ދުވަހުގެ ހެނދުނުގެ ސަޔަށް އިންސާފު ކުރުމެވެ. އެއަށްފަހު އީދަށް އެކުގައި ކައްކައި ސަލަވާތް ކިޔަވައި ކާންދިނުން މިއީ ވެސް ވަރަށް ފޯރިއާއެކު ކުރާކަމެކެވެ.



ތާރީހުގެ ނަޒަރަކުން އީދު ކުޅިވަރުތައް

ތާރީހީ ނަޒަރަކުން ބަލައިފިނަމަ ސަގާފީ ގޮތުން އެތަކެއް ބައިވަރު ހަރަކާތްތަކެއް އީދު ކުޅިވަރުގެ ގޮތުގައި ކުޅެއެވެ. އެގޮތުން، ދަފި ނެގުމާއި، ކޯޑި ކެނޑުން, ހިއްޗަށް ވަޑައިގަތުން އަދި ބޮޑު މަސް ބޭނުން މިއީ ބޮޑެތި ހަރަކާތްތަކުގެ ގޮތުގައި ގިނަބަޔަކު ބައިވެރިވާ ކުޅިވަރުތަކެވެ. މިކުޅިވަރުތަކުގެ ތެރެއިން، އިހުގެ ރަސް ރަސް ކަލުންގެ ރަސްމީ ވަންތަކަން ދައްކުވައި ދިނުމުގެ އިތުރުން، އިހުގެ ފުލޯކު ވާހަކަ ތަކައް ބިނާކޮށް، ތަފާތު ވައްތަރުގެ މާލި ހަދައިގެން އުޅޭ ތަން ވެސް ފެނިގެން ދެއެވެ.

މީގެ ތެރޭގައި، ދެލި މާލި، މަށި މާލި، ދަޅު މާލި ފަދަ މާލި ތައް ފެނިގެން ދެއެވެ. ދެން އޮތީ، ބޮޑު ބެރުޖެހުމާއި، ބަނޑިޔާ ޖެހުމާއި، ދަނޑި ޖެހުން، ތާރަ ޖެހުން, ލަނގިރި ޖެހުން ފަދަ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެވެ. މިއީ އެކި އުމުރުފުރާގެ މީހުން އެއްތަންވެ، އީދު ފާހަގަކުރުމަށް މީގެ އެތަކެއް އަހަރު ކުރިންވެސް ކުރަމުން އައި ކަންކަމެވެ. މީގެ އިތުރުން، ބައެއް ރަށްރަށުގައި އީދު ދުވަހު ނުވަތަ ވަޅު އީދު ދުވަހު ހެނދުނު ހެނދުނާ ފެންކުޅި ފަށައި، އިރު އޮއްސުމާހަމައަށް ފެންކުޅި ކުޅުންވެސް އޮވެއެވެ.

ރާއްޖޭގައި މިކަން ސަގާފީ ކަމެއްގެ ގޮތުގައި ކުރި ނަމަވެސް ފެން ޖެހުމާއި ޢީދު ބޮލަށް ގޮންޖެހުން ފަދަ ކަންކަމަކީ އޭގެ ފަހަތުގައި އެހެން ކަހަލަ ސިއްރު ތަކެއް އެކުލެވިގެންވާ ކަންތައްތަކެއް ކަމުގައި ބެލެވެއެވެ. އެގޮތުން ހުއްސަރިބައި އަންހެނުން ފިރިހެނުން ގަޔަށް ފެންޖެހީމާ ނަގައިގަނެގެން ކޮނޑަށް ލައިގެން ގެންގޮސް ގިފިލީގައި ހުންނަ ވަޅަށް ނުވަތަ މޫދަށްލައި އަންހެން ކުއްޖާ އިންނާން އެއްބަސް ނުވަނީސް ވަޅުން ނުވަތަ މޫދުން އެރިޔަނުދީ ހިފެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.

ޢީދު ބޮލަށް ގޮންޖެހުމަކީ ވެސް ހަމަ މިޒާތުގެ ކަމެކެވެ. ރޭގަނޑު ޒުވާން އަންހެން ކުއްޖަކު ލައްވާ ޒުވާން ފިރިހެނެއް ނުވަތަ އެކުއްޖާ ދެވާން ބޭނުންވާ ފިރިހެނެއްގެ ބޮލަށް ގޮންޖައްސުވައެވެ. އަދި ގޮންޖެހީމާ އަންހެން ކުއްޖާ ނަގައި ގަނެގެން ގެންގޮސް މޫދަށްލައި އިންނާން އެއްބަސް ކުރުވައެވެ.

ކޯޑި ކެނޑުމަކީވެސް މިފަދަ ކަމެކެވެ. ކޯޑި ކަނޑާލާ ޒުވާން ފިރިހެންމީހާ ގެންގޮސް ފޮރުވައިގެން ގެންގުޅެނީ އަންހެނުންނެވެ. ކޯޑި ކެނޑީމާ އޭނާ ގައިގާ އުނގުޅޭ ނުބައި ވަސްދުވާ އެއްޗެހި ފިލުވައިދީ ސާފުކޮށްދީ ފެންވަރުވާ ހަދައިދޭނީ އަންހެންވެރީންނެވެ. މިކަންވެސް އެކި ރަށްރަށުގައި ކޮށްއުޅެނީ އެކި ގޮތަށެވެ.

ފެންކުޅީގެ ތެރެއަށް ކުލަ ވަނީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ތަޢާރަފުކުރި "ކަލަ ރަން" ތަކުންނޭ ބުނެވިދާނެއެވެ. ތެދެކެވެ. އެންމެ ވަރުގަދައަށް ކުލަ ޢީދު ފާހަގަ ކުރާ އެއް ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. އެއީ އެމީހުންގެ ދީނީ ޢީދެއް ކަމަށްވާ ހޯލީ ފާހަގަ ކުރުމުގައި ކުރާ ކަމެކެވެ. ދެޖިންސް މަސްހުނި ވެގެން ނަށާ ލަވަކިޔާ، މަސްތުގެ ބުއިންތަކާއެކު ކުރާ ކަމެކެވެ. އެއީ ރާއްޖޭގެ ސަގާފަތާއި ގުޅުންހުރި އަދި އިސްލާމް ދީނާވެސް ގުޅުންހުރި ކަމެއް ނޫނެވެ. އެކަން ރާއްޖޭގެ ސަގާފަތުގެ ތެރެއަށް ގަދަކަމުން ބަޔަކު ވެއްދީއެވެ.



އީދު ސިޔާސީ ވުން

ދިވެހިރާއްޖެއަށް ސިޔާސީ ކަންކަން ތައާރަފް ވުމާއިއެކު، އެކި ހަރަކާތްތައް މެދުވެރިކޮށް ސިޔާސީ ގޮތުން އެއިރެއްގެ ސަރުކާރުން ނިންމާ ނިންމުންތަކާއި، ސިޔާސީ ފަރާތްތަކުން ބުނާ ބަސް ބަހާ ދެކޮޅަށް އަޑު އުފުލުމާއި، މަޖާޒީ ގޮތުން ހަޖޫޖަހައި އުޅުން މިފަހަކުން ވަނީ އާންމުވެފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ބޮޑު އީދާ ދިމާކޮށް މާލި ޕެރޭޑް ބާއްވާއިރު، އެއިރެއްގައި ސިޔާސީ ގޮތުން އެންމެ ފާހަގަކުރެވޭ ކަންކަން ރަމްޒުކޮށްދިނުން، ނުވަތަ، ސިޔާސީ ފަރާތްތަކުން އާންމުންނަށް ވެފައިވާ ވައުުދު ފުއްދައި ނުދޭކަން ރަމްޒުކޮށް ހަޖޫ ޖަހައި މާލި ހަދާތަން ފެންނަތާވެސް އަހަރުތަކެއް ވެދާނެއެވެ. ނަމަވެސް މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެއިރެއްގައި އޮންނަ ސަރުކާރަކުންވެސް އަދި އެހަރަކާތެއް ކުރިއަށްދާ ރަށެއްގެ ރަށު ކައުންސިލަކުންވެސް އިލްތިމާސްކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އީދުގެ ކުޅިވަރުތަކާއި ދީން

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. މިހެން ކަމުން، އީދު ކަހަލަ ބޮޑެތި ހަފްލާތައް ފާހަގަކުރާއިރު، އިސްލާމްދީނާ އިސްލާމީ އާދަކާދަ ތަކާ ތަޢާރަޒު ނުވާހެން އީދު ފާހަގަކުރުމަކީ މުހިންމުކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތުން މިއަހަރުގެ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަކުރަމުން ދިޔައިރު، ގިނަ ދީނީ ޢިލްމުވެރިން ވަނީ މީސްމީޑިއާ މެދުވެރިކޮށް މިފަދަ ކަންކަމަށް ސަމާލުވުމަށް އެތަކެއް ފަހަރެއްގެ މަތިން އިލްތިމާސްކޮށްފައެވެ.

ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް ބޮޑަށް ހުރީ، މާލި ހަދާއިރު، އިންސާނީ ވަންތަކަން ގެއްލި ޖިންނި ޝައިތޯނުން ރަމްޒުކޮށްދޭ ސިފަ ޖެއްސުމާއި، ފިރިހެނުން އަންހެން ހެދުމާއި، އަދި އަންހެނުންނާއި ފިރިހެނުން މަސްހުނިވާނޭ ގޮތަށް އީދު ހަރަކާތްތައް ކުރިއަށް ގެންދިއުމާއިމެދުއެވެ.

މިފަހަރު ފެނިގެންދިޔަ މިފަދަ އަމަލުތަކާއިމެދު ސިޔާސީ ބޭފުޅުންނާއި، ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، އީދު ކުޅިވަރުގެ ތެރެއަށް ހުޅަނގާއި އަވަށްޓެރި ގައުމުތަކުގެ ފުރެއްދެ ސަގާފަތްތަކާއި ހަރަކާތްތައް ވައްދައި، ދިވެހި ސަގާފަތޭ ކިޔައި އެކަންކަން އާލާކޮށް ދިރުވުމަކީ އެންމެ ރަނގަޅު ގޮތްބާއޭ ބުނެ މީސްމީޑިއާގައި ސުވާލު ކުރާ މީހުންވެސް މަދެއް ނޫނެވެ.

މިސާލަކަށް ބަލާނަމަ، ކުރިން ދެންނެވި ފަދައިން އީދު ފާހަގަ ކުރުމުގެ ގޮތުން ކުލަ ޖެހުމަކީ ތާރީހީ ގޮތުން ބެލިޔަސް، އަދި ސަގާފީ ގޮތުން ބެލިޔަސް އިހުޒަމާނުގައި ކުރަމުން އައި ކަމެއް ނޫނެވެ. ކުލަޖެހުން މިއީ އަވަށްޓެރި އިންޑިއާގައި ހިންދޫ ދީނުގެ މީހުން 'ފެސްޓިވަލް އޮފް ކަލަރސް' ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ރާއްޖޭގައި ކުލަޖެހުން ފުރަތަމަ ފެށުނީ ކާކުލަ ބޭނުންކޮށް ކުލަ ފެން ޖެހުމަށެވެ. އޭގެ ކުރިން މުޅިންވެސް ޖަހަމުން އައީ ފެނެވެ. ކޮތަޅު ކޮތަޅަށް އަޅައިގެންވެސް ޖެހީ ފެނެވެ. ނަމަވެސް މިހާރު ކުލަ ޖެހުމަށް ބޭނުންކުރަނީ އަވަށްޓެރި އިންޑިއާގައި ހޯލީ ފާހަގަކުރަން ބޭނުން ކުރާ ކުލަ ޕައުޑަރެވެ. ކުލަ ފެން ޖެހުމަށްވެސް މިހާރު ގިނަފަހަރު ބޭނުންކުރަނީ މިބުނާ ކުލަ ޕައުޑަރާއި ފެން އެއްކޮށް ތައްޔާރުކޮށެވެ.

މިނޫންވެސް ދިވެހި ސަގާފަތުގެ ތެރެއަށް މަސްހުނި ކުރުވި، ދިވެހި އިސްލާމީ ސަގާފަތާ ތައާރަޒުވާ އެތައް ކަމެއް ޢީދު ފާހަގަ ކުރުމުގެ ނަމުގައި ކުރަމުންދާއިރު، އަންނަން އޮތް ޖީލުތަކަށް ދިވެހިރާއްޖޭގެ މި ސަގާފަތް ފެންނާނެ ނުވަތަ ސިފަ ކުރެވޭނެ ގޮތަކާއިމެދު މިހާރު ވެސް މިވަނީ ސުވާލު އުފެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން