މުޅު މަޖިލީހުގެ ކޮމިޓީގައި ކުރީގެ ދެ ވަޒީރުން ޖަވާބުދާރީ ވަނީ
މުޅު މަޖިލީހުގެ ކޮމިޓީގައި ކުރީގެ ދެ ވަޒީރުން ޖަވާބުދާރީ ވަނީ
ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ގާނޫނުއަސާސީއާއި އިމްތިޔާޒް ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޖަލްސާތަކާއި، ކޮމިޓީތަކާއި، މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރިޔާސަތުގައި މީގެ ކުރިން ތިއްބެވި ބޭފުޅުންނާ ތަފާތުކޮށް ރައީސް ނަޝީދު ވަރަށް ގިނައިން މަޖިލީހުގެ ބަހުސް ތަކުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ކަންކަމުގައި ފެނިވަޑައިގަންނަވާ ގޮތާއި އަމިއްލަފުޅު ޚިޔާލުފުޅުތައް ދެއްވައެވެ. ރައީސް ނަޝީދު ވިދާޅުވަނީ އެއީ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވުން ނޫން ކަމަށެވެ. ހަމައެގޮތަށް މަޖިލީހަށް ދަރުކާރުގެ ވަޒީރުން ހާޒިރުކޮށް ވަޒީރުންނާއި ސުވާލު ކުރުމުގައި ވަޒީރުންގެ ޖަވާބުތަކަށް ފާޑު ވިދާޅުވެ އެވެ. އަދި މަޖިލީހަށް ހާޒިކުރާ ވަޒީރުން ޖަވާބު ދެއްވާ ގޮތަކުން އެބޭފުޅުންނަށް ސްކޫލް ކުދިންގެ ރިޕޯޓް ފޯމުގައި މާކްސް ދެއްވާ އުސޫލުން މާކްސް ދެއްވައިވެސް ހައްދަވައެވެ. އެމަނިކުފާނު ގަޔާވާ ދުވަހެއް ވެއްޖެއްޔާ "އޭ" ނުވަތަ "އޭ ޕްލަސް" އާއި "ސްޓާރ" ވެސް ދެއްވައެވެ. ވަރަށް ގިނައިން ބަހުސް ކުރެވޭ މައުޟޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި ތާރީހުގެ ކަންކަން ފާހަގަކޮށްދެއްވައެވެ. މަޖާޒީ ގޮތުން ހަޖޫ ޖައްސަވައި މަލާމާތުގެ ބަސްތައް ވިދާޅުވެ ހައްދަވައެވެ.

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ތަފާތު ރައީސަކީ ރައީސް މުހަންމަދު ނަޝީދެވެ. ރައްޔިތުންގެ މަޖިލީހަކީ މަދަރުސާ އަކަށް ހައްދަވައި ބަސްނާހާ މެމްބަރުންނަށް، މަދަރުސާގައި ޓީޗަރުން ދެއްވާ އަދަބު ރައީސް ނަޝީދު މެމްބަރުންނަށް ދެއްވާ ހައްދަވައެވެ. މިއީ މީގެ ކުރިން އެއްވެސް މަޖިލީހެއްގެ ރައީސެއްގެ ކިބައިން ފެނިގެން ގޮސްފައިވާ ކަންތައްތަކެއް ނޫނެވެ. މީގެ އިތުރުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެކި އެކި ވަޒީރުން ހާޒިރުކުރާ ޖަލްސާތަކުގައި ބަހުސްގައި ބައިވެރިވެވަޑައިގެން އެބޭފުޅުން ދެއްވާ ޖަވާބު ތަކާއި މެދު ރައީސް ނަޝީދު ނުރުހުން ފާޅުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ.

އިއްޔެގެ ޖަލްސާގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކުރި އިރު، އޭނާ ދެއްވި ބައެއް ޖަވާބުތައް ރައީސް ނަޝީދަށް ކަމު ނުގޮސްގެން ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އަބުދު ﷲ ޖިހާދާއި މުހަންމަދު މުނައްވަރާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ ރިޔާސަތުން ވަރަށް ތަފާތުކޮށް އަމަލުކުރި ތަން ފެނިގެންދިޔައެވެ. މެމްބަރުން ކުރައްވާ ސުވާލުތައް މަޖިލީހުގެ ރައީސް ތަރުޖަމާ ކޮށްދެއްވައެވެ. އަޖައިބުވެ އަންތަރީސްވާ ކަމަކީ މެމްބަރަކު ކުރައްވާ ސުވާލެއް ރައީސް ނަޝީދު ތަރުޖަމާ ކޮށްދެއްވާއިރު މެމްބަރު ކުރައްވަން ބޭނުންވާ ސުވާލުގެ މާނަ ވަރަށް ބޮޑަށް އޮޅިފައިވާ ކަމެވެ.

އިއްޔެ މަޖިލީހަށް ހާޒިރުކުރި ކުރީގެ ވަޒީރުންނާއި އޮޑިޓަރ ޖެނެރަލަށް ޖަވާބުދޭންވީ ކޮން ސުވާލެއް ކަމެއް ނޭގި ނުގުޅޭ ޖަވާބުތައް ދެއްވޭ ގޮތް މެދުވެރިވިއެވެ. ކުރައްވާ ސުވާލަށް ކުރީގެ ވަޒީރުން ޖަވާބު ދެއްވަމުން ގެންދަވަނިކޮށް އެބޭފުުން ހުއްޓުވައި އެއް ސުވާލެއް މަޖިލީހުގެ ރިޔާސަތުން ކުރައްވައެވެ. ހީވަނީ ވަކިއެއްޗެއް އެބޭފުޅުން ލައްވައި ވިދާޅުވާން ރިޔާސަތުން މަސައްކަތް ކުރެއްވި ހެންނެވެ. ރިޔާސަތުގައި އިންނަވައިގެން އަމިއްލަފުޅަށް ސުވާލުކުރެއްވުމުން ގިނަ ބަޔަކަށް މަންޒަރު ސިފަވީ އެކަހަލަ ގޮތަކަށެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު އުއްމީދު ކުރެއްވިވަރުގެ ނޫނީ ކުރެއްވި ކަހަލަ ޖަވާބު ތަކެއް އިއްޔެ ކުޅުއްވި ޑްރާމާއިން ލިބިވަޑައިގެންނެވި ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ޢޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ މިނިސްޓަރުންގެ ވާހަކަތަކުން ބޭޒާރުވެ ފަޟީހަތްވުން ނޫން ކަމެއްވިތަނެއް ނުފެނުނެވެ. އެބޭފުޅުންގެ ނުރުހުމާއި ނަފްރަތު އަމާޒުވުން ނޫން ކަމެއް ނުވިއެވެ. ވަރަށް ވެސް "ފެލި" އެވެ. އެކަމަަކު ހަމަ ބޭނުންވާ ކަހަލަ ނޫނީ ބޭނުންވާ ވަރުގެ ދިޔައެއް ނުފެލުނެވެ.

ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުމުގައި ގެންގުޅޭ އުސޫލާއި ޚިލާފު ކަމެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތެވެ. ފިނޭންސް މިނިސްޓްރީއާ މެދު މަޖިލީހުން ތުހުމަތުތަކެއް ކުރާ ނަމަ ރާއްޖެއާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ގެއްލިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި ވިދާޅުވިއެވެ. އެމަނިކުފާނަކީ އެމްޑީޕީ މެންބަރެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، މިކަން މިއަށް ވުރެ "ރީއްޗަށް" ވެސް ކުރެވޭނެ ކަމަށެވެ. 

މަޖިލީހަށް ފޮނުވަން ޖެހޭ ހުރިހާ މައުލޫމާތުތަކެއް ޖެމްސް، ނުވަތަ ސަރުކާރުގެ ލިޔެކިޔުން ބަދަލު ކުރާ ޕޯޓަލް މެދުވެރިކޮށް ފޮނުވާފައިވާނެ ކަމަށާއި އަދި އެ ލިޔުންތައް މަޖިލިސް އިދާރާގެ ކުދިން ހުޅުވައި ބަލާ ހަދާފައި ހުރިކަން ސިސްޓަމުން ފެންނަން ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން މި ސަރުކާރު އައިފަހުން، މަހަކު އެއްފަހަރު ދަރަނީގެ ތަފާސްހިސާބުތަކާއި ރާއްޖޭގެ ދަރަނީގެ ހާލަތު އަންގައިދޭ، ޑެޓް ބްލެޓިން ރިޕޯޓް ވެސް ނެރެމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ސޮވަރިން ޑީފޯލްޓަކަށް ނުދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ. ރާއްޖޭގެ ބޭރުގެ ދަރަނި ނުދެއްކިގެން ސޮވެރިން ޑިފޯލްޓް އަކަށް ނުދާނެ ކަމުގެ ޔަގީންކަން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ނަމަވެސް ދަރާފާނެ ހާލަތުގައި ރާއްޖެ ނެތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެފަދަ ހާލަތަކަށް ދިވެހި ދައުލަތް ތައްޔާރުވެފައިވާ ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ގައުމުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހަގީގަތް ހާމަކޮށްދިނުމުންވެސް ރައީސް ނަޝީދު ގޮތް ދޫކުރައްވާ ގޮތެއް ނުވިއެވެ. އެހެންކަމުން ރައީސް ނަޝީދުގެ އަސްލު މަގުސަދާއި ނިޔަތާއި މެދު މިހާރު މިވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އަނެއްކާ ވެސް ރައީސް ނަޝީދު ވިދާޅުވިގޮތަށް މިއީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން ކުޅުއްވާ ޑްރާމާ އެއްބާވައެވެ؟ މި ސުވާލަށް ޖަވާބު ދެއްވުމަށް ދިވެހި ރައްޔިތުންނަށް ދޫކޮށްލާނަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން