ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލަފާފުޅެއް އަރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ސިލްސިލާ ބައްދަލުވުންތައް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސް ތަކަކަށްފަހު މިއަދު ބޭއްވި ބައްދަލު ވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ ކޮމެޓީތަކުން މިހާރު ދިރާސާތަކެއް ހައްދަވަމުން އަންނަ ކަމަށެވެ. އަދި އެ ދިރާސާތަކަށްފަހުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ރައްޔިތުންގެ މަޖިލީހުން ލަފާފުޅެއް އަރުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން މި ދަނޑިވަޅުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާ ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު މަޖިލީހުގެ ކޮމެޓީތަކުން ކުރަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ފަތުރުވެރިން ދެން ރާއްޖެ އަންނަން ފަށާނެ ދުވަހެއް ލަފާކުރުމާއި، އިޤްތިޞާދު ކުރިއަރަން ފަށާނެ ދުވަސް ލަފާކުރުން ފަދަ ކަންކަން ކުރިއަށްގެންދާނެ ކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސް ޞާލިޙަށް އަންނަހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ލަފައެއް އެރުވޭވަރު ވާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީ އިންތިހާއަށް ދަށަށް ދާނެކަމަށާއި، އޭގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް ދަތިތައް ކުރިމަތިވާނެކަން ފާހަގަ ކުރަށްވަމުން، މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދައްޗެއްކަން ޤަބޫލުކުރަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން