ރައީސް ޞާލިޙްގެ ދެކަނބަލުން
ރައީސް ޞާލިޙްގެ ދެކަނބަލުން
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެމެރިކާ ދަތުރުފުޅުގެ ޚަރަދު ރިސީޓްތައް ދޭން ދައުލަތުން ސުޕްރީމް ކޯޓުގައި ދެކޮޅު ހަދައިފިއެވެ.

މި މައްސަލައަކީ ރައީސް ޞާލިޙް އދ. ގައި ތަގުރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ބައިވެރިންގެ ޖުމުލަ އަދަދާއި ނަމާއި އެ ދަތުރުގައި ބައިވެރިވި ހައިސިއްޔަތާއި ދަތުރަށް ޖުމުލަ ހަރަދުވި މިންވަރާއި ވަކިވަކި ކަންކަމަށް ހަރަދުވި މިންވަރު ތަފުސީލުކޮށް އެނގޭނެހެން ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށައެޅި މައްސަލައެކެވެ.

ރައީސް ޞާލިޙްގެ އެ ދަތުރުފުޅުގެ ޚަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައިކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް ދަޢުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ މައްސަލައިގެ އަޑުއެހުމުގައި ދަޢުލަތުން ބުނެފައިވަނީ ރައީސް ޞާލިޙްގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރަސީދުތައްވެސް ހިމެނޭހެން އެ މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ.

އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާ ގޮތުން ރަސީދުތަކާ ނުލައިވެސް ދަތުރުފުޅުގެ މައުލޫމާތު ހާމަކުރެވިދާނެ ކަމަށާއި ގާނޫނުގައި ހާމަކުރަން ބުނާ މައުލޫމާތުތަކުގެ ތެރޭގައި ރަސީދުތައް ނުހިމެނޭ ކަމަށްވެސް ދަޢުލަތުން ވަނީ ބުނެފައެވެ.

އެހެންކަމުން ހައިކޯޓުގެ ނިންމުން ބާތިލުކުރަން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.

މިއަދުގެ އަޑުއެހުމުގައި ދަޢުލަތަށް ރައްދު ދެމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބުނީ ހަރަދުތަކުގެ ރިސިޓްތައް ދޭން އެންގީ ރައީސް އޮފީހުން ދޫކުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތަކަމަށް އައި.ކޮމް. އޮފީހުން ކޯޓުގައި ބުނެފައިވެއެވެ.

މިމައްސަލާގައި މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވުމުން އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރެއްވުމަށްފަހު ފަނޑިޔާރުންގެ ބެންޗުން ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން