ބޮލީވުޑުގެ ނަންވިދާ ބަތަލު އަކްޝޭ ކުމާރު- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ ނަންވިދާ ބަތަލު އަކްޝޭ ކުމާރު- ގޫގުލް ފޮޓޯސް
އަހަރެއްތެރޭ 4 ފިލްމު ކުޅޭ ކަމަށް ބުނެ ބޮލީވުޑުގެ ނަންވިދާ ބަތަލު އަކްޝޭ ކުމާރަށް ފާޑުކިޔަމުން ދާ ފަރާތްތަކަށް އޭނަަ ރައްދުދީފިއެވެ.

ބޮލީވުޑުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން އަހަރެއްތެރޭގައި އާންމުކޮށް 1-2 ފިލްމު ކުޅޭއިރު، އަކްޝޭ ކުމާރު މަޝްހޫރުވެފައިވަނީ އަހަރަކު 3-4 ފިލްމު ކުޅޭ އެކްޓަރެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ އަކްޝޭ އަކީ އޭނާ ކުޅޭ ފިލްމުތަކުގެ ޝޫޓިން ވަރަށް އަވަހަށް ނިންމާލާ އަދި މަސައްކަތަށް ވަރަށް ފަރުވާތެރި، ގަޑިއަށް ފަރުވާތެރި އެކްޓަރެއްގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ ބަތަލެކެވެ.

އަކްޝޭ މިގޮތަށް ގިނަ ފިލްމު ކުޅޭތީ އެތައް. ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވަމުންދާތާ މިހާރު ދުވަސްތަކެއް ވެފައިވާއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެގޮތަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދީފައެވެ.

އެގޮތުން ޔޫޓުއިބު ވީޑިއޯއެއްގައި ގަޒަލް އަލަގް އާއެކު ދެކެވުނު ވާހަކަތަކެއްގައި އަކްޝޭ ބުނެފައިވަނީ އޭނާ ގިނަ ފިލްމު ކުޅޭތީ ވަރަށް ގިނަ މީހުން އެކަމަށް ފާޑުކިޔާ ކަމަށާއި، އަދި އެހެން ފަންނާނުންނެކޭވެސް އެއްފަދައިން އަހަރަކު ފިލްމެއް ނުކުޅެނީ ކީއްވެތޯ ބުނެ ވަރަށް މީހުން ސުވާލު އުފައްދާ ކަމަށެވެ. މިގޮތަށް ވާހަކަ ދައްކާ ފަރާތްތަކަށް ރައްދު ދެމުން އަކްޝޭ ބުނެފައިވަނީ އެއީ އޭނާގެ ވަޒީފާ ކަމަށާއި އެއް ފިލްމު ކުޅުމަށްފަހު އަހަރުގެ ބާކީތިބި ދުވަސްތަކުގައި އޭނާ ކުރާނެ އެހެން ކަމެއް ނެތްކަމަށެވެ. އަދި މީގެ އިތުރުން ފިލްމު ނުކުޅެ، އޭނާއަށް ފާޑުކިޔަމުންދާ މީހުންގެ ގޭދޮށަށް ދާންވީތޯ ބުނެ އަކްޝޭ ވަނީ ސުވާލުކޮށްފައެވެ.

މި ވީޑިއޯގައި އަކްޝޭ ވަނީ މަސައްކަތް ކޮށް ވަޒީފާ އަދާ ކުރުމުގެ މުހިންމު ކަމުގެ ވާހަކަވެސް ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ މިޒަމާނުގައި ރަނގަޅު ވަޒީފާއެއް ލިބުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ވަޒީފާ އަދާކުރަމުންދާ މީހުންނަކީ ވަރަށް ނަސީބުވެރި ފަރާތްތަކެއް ކަމަށެވެ. އަދި މީގެ އިތުރުން އޭނާ ބުނެފައިވަނީ ވަޒީފާ އާއި މަސައްކަތްތައް މިހާރު ހޯދަން އެހާ އުނދަގޫ އިރު، ވަޒިފާއެއް ނުވަތަ މަސައްކަތެއް ލިބުމުން އެކަމެއް ކުރަން ޖެހޭ ކަމަށެވެ.

ދާދި ފަހުން ފޯބްސް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ވަނީ އޭނަަގެ ފަހުގެ ބައެއް ފިލްމުތަކުގެ ނާކާމިޔާބީއާ ބެހޭ ގޮތުންވެސް ވާހަކަ ވެސް ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ކޮންމެ ފިލްމެއް އުފެއްދުމަށްވެސް އެ ފިލްމެއްގައި އުޅޭ ފަރާތްތަކުން ވަރަށް ބުރަ މަސައްކަތް ކުރާ ކަމަށާއި ކޮންމެ ފިލްމެއްވެސް ނާކާމިޔާބުވާތަން ފެނުމަކީ ހިތްދަތި ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނަަ ބުނެފައިވަނީ ނާކާމިޔާބީތަކުގެ ސަބަބުން އެތައް ކަމެއް ދަސްވެ ރަނގަޅު ކުރަންޖެހޭ ކަންތައްތައް އެނގިގެން ދާ ކަމަށާއި، އެންމެންވެސް ނާކާމިޔާބީއާއި ކުރިމަތިލާން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ އެކަންކަމުން އިބުރަތް ހާސިލް ކޮށް ދެން މަސައްކަތްކުރާ ފިލްމުގައި އެކަންތައް ރަނގަޅު ކުރަން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ކޭލް ކޭލް މޭ" އިންނެވެ. މި ފިލްމުގެ މުހިންމު ރޯލުތައް ކުޅޭ ތަރިންގެ ތެރޭގައި ތާޕްސީ ޕަންނޫ، ފަރުދީން ޚާން، ވާނީ ކަޕޫރު، އެމީ ވިރްކު، އަދިތިޔާ ސީލްގެ އިތުރުން ޕްރަގްޔާ ޖައިސްވާލް ހިމެނެއެވެ. މި ފިލްމު ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 15ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން