ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް އަމިއްލަ އަތުން 23 މިލިއަން ޑޮލަރު ހަރަދުކުރެއްވި ކަމަށާއި، އެހެން ނަމަވެސް ކުރެއްވި އުއްމީދާއި، ދެކެވަޑައިގެންނެވި ހުވަފެންތައް ޙާސިލް ވެފައި ނުވާތީ ރައީސް ޞާލިޙް އިސްތިޢުފާ ދެއްވުމަށް ޑީއާރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައީސް ޞާލިޙަށް ފޮނުއްވި ސިޓީއެއްގައި ޖާބިރު ވަނީ، ދިވެހި ރައްޔިތުން ރައީސް ޞާލިޙް ވެރިކަމަށް ގެނައީ ނުހަނު އުއްމީދުތަކާއި ހުވަފެންތައް ހާސިލުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައި އެތަކެއް ވައުދުތަކެއް ވެވަޑައިގެން ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން އަމަލުކުރަމުން ދަނީ ރައްޔިތުންނަށްވީ ވައުދުތަކާ ޚިލާފަށް ކަމަށް ވާތީ ރައީސް ޞާލިޙް އިސްތިޢުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

މިއަދު މި ފެނިގެންދަނީ ވެވަޑައިގެންފައިވާ ވައުދުތަކާއި ހިލާފަށް މި ސަރުކާރުން އަމަލުކުރަމުންދާ މަންޒަރު ކަމަށާއި، އެގޮތުން ކޯވިޑް-19 އާއި ގުޅިގެން އެތައް މުވައްޒަފުންގެ ވަޒީފާ ގެއްލި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާއަތުގައި މުޅި އުމުރު ހޭދަކުރި ރައްޔިތުން ބިކަވެ، މަސްވެރިންނާއި ދަނޑުވެރިންނަށް ހަމަ އަގުގައި ވިޔަފާރި ކުރެވޭނެ ގޮތެއް ނެތް ކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބިދޭސީންގެ ނުރައްކާ ބޮޑުވެ، ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދާތީ، ރައީސް ޞާލިޙް ގައުމުގެ އެންމެ އިސް މަގާމުގައި ހުންނެވުމަށް ނުކުޅެދިފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ. އަދި ދިވެހި ރައްޔިތުން ދަންނަވާ ގޮތުންނަމަ މި ސަރުކާރު މިހާރު "ފެއިލް" ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކަންކަން މިހެން ހުރުމުގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އިގްތިސާދަށް މިއައި ކުއްލި ލޮޅުމުގައި ދިވެހި އާއިލާތަކަށް ލިބިފައިވާ ގެއްލުންތަކާއި ހިތާމަތަކުން ރައްޔިތުން މިންޖުކުރުމަށްޓަކައި މަސްވެރިންނާއި، ދަނޑުވެރިންނާއި، ވަޒީފާ ގެއްލިފައި ތިބި މުވައްޒަފުންނާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނާ އެކީގައި ޑީއާރްޕީން ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވާލާ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައިވެއެވެ.

އަދި ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މަސައްކަތް ފެށުމަށްޓަކައި ވަގުތުން ވަގުތަށް އިހުތިޖާޖަށް ނިކުތުމަށް ޑީއާރުޕީ އޮތީ ތައްޔާރުގައި ކަމަށްވެސް ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު