ހުސްވި އަހަރު ނިމެމުން ދަނިކޮށް ދުނިޔެއަށް ކުރިމަތިވި ނޮވެލް ކޮރޯނާ ވައިރަސްގެ ރޯގާ ބަލިމަޑުކަމުގެ ސަބުން އެންމެ ނުބައި އަސަރުކުރީ ދުނިޔޭގެ ގައުމު ތަކުގެ އިޤުތިޞާދަށެވެ. މި އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރާއްޖެފަދަ ނާޒުކު އިޤްތިޞާދުތައް އޮތް ކުދި ގައުމު ތަކަށެވެ. ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19، ރޯގާބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑަށް އަސަރު ކުރާނެ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭނެކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި ޖަމާއަތްތަކުން ވަނީ މާ ކުރިން ބުނެފައެވެ. ރާއްޖޭގެ އިޤުތިޞާދު ބިނާވެފައިވާ މައިގަނޑު ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. ދަޢުލަތުގެ އާމްދަނީއާއި ބޮޑެތި ވިޔަފާރިތަކާއި ގިނަ ރައްޔިތުންގެ މަހުމުސާރަ އާއި މަސައްކަތްތެރިކަމުގެ އާމްދަނީ ބިނާވެފައި ވަނީ މިދެންނެވި ފަތުރުވެރިކަމުގެ ސިނާޢަތުގެ މައްޗަށެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގިނަ ރައްޔިތުންގެ އާމްދަނީ ގުޅިފައިވަނީ އެސިނާޢަތާއެވެ. ކޯވިޑާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އެއާއެކު މިސިނާއަތުން ދައުލަތަށް އެކި ގޮތްގޮތުން ވަންނަމުންދިޔަ އާމްދަނީއާއި ރައްޔިތުންނަށް ލިބެމުން އައި އާމްދަނީވެސް މިވަނީ މުޅިން ހުއްޓިފައެވެ.

މިދަތިކަން ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ފޯރާފައިވާއިރު އަދި ކޯވިޑްގެ ސަބަބުން ދިމާވި ދަތިތަކާ އެކުވެސް ސަރުކާރުން ކުރިޔަށްގެންދިޔަ، ރަށްޔިތުންނާ ގުޅުންހުރި ތަރައްގީގެ މަޝްރޫޢުތަކާއި ރަށްރަށުގެ ތަރައްގީއާއި ގުޅިފައިވާ އެންމެ މުހިންމު ޕްރޮޖެކްޓްތައް ހުއްޓުމެއްނެތި، މަޑުޖެހުމެއްނެތި ކުރިޔަށްގެންގޮސްފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޮވިޑާއި ގުޅިގެން އިޤްތިޞާދީގޮތުންނާ އަދި އެހެނިހެންވެސް ގޮތްގޮތުން ކުރިމަތިވި ދަތިތަކާއެކުވެސް ރަށްޔިތުންނަށް އެންމެ މުހިންމު ދާއިރާތަކުގެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ފެނާ ނަރުދަމާގެ މަޝްރޫޢުތައް، ބަނދަރުގެ މަޝްރޫޢުތައް، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމާއި ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް ކުރިޔަށްގެންދާ ޓާޝަރީ ފެންވަރުގެ 5 ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތާއި އަދި ސްކޫލުތަކުގެ ކްލާސްރޫމުތަކާއި ހޯލްތައް އެޅުންފަދަ މަސައްކަތްވެސް އެއްވެސް ހުއްޓުމެއްނެތި ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.



ކޯވިޑާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކާއެކުވެސް ސަރުކާރު ވެރިކަމަށް އައިސް މިހާތަނަށް 196 ރަށެއްގައި ޖުމްލަ 966 ޕްރޮޖެކްޓް ކުރިޔަށްދާކަން ސަރުކާރުން ފާހަގަކުރައްވައެވެ. ހަމަ އެހެންމެ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި މިއަހަރަށް ކުރިޔަށްގެންދިއުމަށް ކަނޑައަޅާފައިވާ ކަންކަމުގެ 60 އިންސައްތަ މިހާރު ހުރީ މުޅިންހެން ނިމިފައެވެ. ސަރުކާރުގެ އެސްއޭޕީއަކީ މިސަރުކާރުގެ މެނިފެސްޓޯއާއި އަދި ވެފައިވާ ވަޢުދުތަކުގައިވާ ކަންކަން ފުރިހަމަ ކުރުމަށް މިދައުރުގެ ފަސްއަހަރު ދުވަހަށް މަސައްކަތްތައް ރާވާލައި ތާވަލްކޮށްފައިވާ ޕްލޭނެކެވެ.

އެސްއޭޕީގައި ރާވާލާފައިވާ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ މިނިސްޓްރީތަކާ އެކިއެކި މުވައްސަސާތަކުން އެކުލަވާލާފައިވާ އެނުއަލް މެނުއަލް ޕްލޭންތަކާއި އެއްގޮތަށް މިހާރުވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސްޓްރެޓެޖިކް އެކްޝަން ޕްލޭން ބެހިފައިވާ މައިގަނޑު 5 ދާއިރާއިން މިއަހަރަށް ކުރިޔަށްގެންދިއުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް ބަލާލާއިރުވެސް މިއިން ކޮންމެ ދާއިރާއަކުންވެސް އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މި 5 ދާއިރާގެ މަސައްކަތްތައް ހަމައެކަނި ސަރުކާރުގެ 20 މިނިސްޓްރީން ކުރިޔަށް ގެންގޮސްފައިވާ ގޮތަށް ބަލާލާއިރު، ނޫ އިޤްތިޞާދުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް 494 ހަރަކާތް ރޭވިފައިވާއިރު އޭގެ ތެރެއިން 23 އިންސައްތަ މަސައްކަތް މިހާރު ކުރިޔަށް ދާއިރު 36 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެހެންކަމުން އެދާއިރާގެ މިއަހަރަށް ކަނޑައަޅާފައިވާ 59 އިންސައްތަ ހަރަކާތް މިހާރު އޮތީ ނިމިފައި އަދި ކުރިޔަށްދާ ޙާލަތުގައި ހުރި މަސައްކަތްތަކުގެ ގޮތުގައެވެ.



އޯގާތެރިސަރުކާރުގެ ލަނޑުދަނޑި ޙާޞިލްކުރުމަށް 734 ހަރަކާތް ރޭވިފައިވާއިރު އޭގެ ތެރެއިން 51 އިންސައްތަ ހަރަކާތް ކުރިޔަށްދާއިރު، އޭގެތެރެއިން 15 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެހެންކަމުން މިދާއިރާގެ ޖުމްލަ 66 އިންސައްތަ މަސައްކަތް މިހާރު ހުރީ ކުރިޔަށްދާ އަދި ނިމިފައިވާ ހާލަތުގައެވެ.

ފަޚުރުވެރި ޢާއިލާގެ ދާއިރާއަށް ބަލާލާއިރު މިއަހަރަށް ރޭވިފައިވާ 416 ހަރަކާތުގެ ތެރެއިން 40 އިންސައްތަ މަސައްކަތް މިހާރުވެސް ކުރިޔަށް ދާއިރު މަސައްކަތުގެ 24 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޖަޒީރާ ދިރިއުޅުން، ލަނޑުދަނޑިތައް ޙާޞިލްކުރުމަށް 1130 ހަރަކާތް މިއަހަރަށް ރޭވިފައިވެއެވެ. އޭގެ ތެރެއިން 31 އިންސަތަ ކުރިޔަށްދާއިރު 24 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.



ހެޔޮވެރިކަމުގެ ދާއިރާއަށް ބަލާލާއިރު 48 އިންސައްތަ ކުރިޔަށްދާއިރު މިދާއިރާގެ މަސައްކަތް ތަކުގެ 28 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

ސަރުކާރުން ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އިސްކަންދެނީ ފަހަރަކު ތަނެއް ތަރައްޤީކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި ގުޅިލާމެހިފައިވާ ގޮތެއްގައި ހުރިހާ ތަނެއް އެކުގައި ތަރައްޤީކުރުމަށެވެ. އެގޮތުން މާލޭގެ ތޮއްޖެހުން ކުޑަކޮށް މާލެއަކީ ދިރިއުޅެން ފަސޭހަތަނަކަށް ހެދުމަށް މަޝްރޫޢުތައް ރޭވިގެން ކުރިޔަށްގެންދާއިރު އަތޮޅުތަކުގައި އެކި ރީޖަންތަކުގައި މާލެއާ އެއްފެންވަރެއްގެ ޚިދުމަތްލިބޭ ހޮސްޕިޓަލްފަދަ ތަންތަން ބިނާކޮށް މާލެ އަންނަން ނުޖެހި އަތޮޅުތަކުގައި ތިބެ ބޭނުންވާ ކަންކަން ހަމަޖެއްސުމަކީ ސަރުކާރުން މިކަމުގައި ގެންގުޅޭ ސިޔާސަތެވެ. އަދި ހިންގުމުގެ ކަންކަމުގައިވެސް ސިޓީކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް، އެ ސިޓީއެއްގެ ނުވަތަ އެ އަތޮޅެއްގެ ނުވަތަ އެރަށެއްގެ ކަންކަން ހިންގުމާއި ގޮތްނިންމުމުގެ ބާރުދީ، މާލީގޮތުންވެސް ކައުންސިލްތައް ބާރުވެރިކުރުވައިގެން ރާއްޖޭގެ އެކި ސަރަޙައްދުތައް އެކީގައި ތަރައްޤީކުރުމަކީ ސަރުކާރުން ތަރައްޤީގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާގޮތެވެ.



ނަތީޖާއަކަށް ވާނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް ތަރައްޤީގެ ފޮނިމީރުކަންލިބި ސަރުކާރުގެ މެނިފެސްޓޯގައިވާފަދައިން ސަރަޙައްދީ ތަރައްޤީ ޙާޞިލުކުރެވިގެން ޖަޒީރާ ދިރިއުޅުމެއް ހޯދުމުގެ ފުރުޞަތު ތަނަވަސްވެގެންދިއުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން