މަރްޔަމް ނަހްދާ ވަޙީދު   9 އޯގަސްޓު 2024 - 1:8
ހުޅުމާލެ ފަޅުގައި ވަރަށް ކުނި ގިނަ- ފޮޓޯ: މަރްޔަމް ނަހްދާ ވަހީދު
ހުޅުމާލެ ފަޅުގައި ވަރަށް ކުނި ގިނަ- ފޮޓޯ: މަރްޔަމް ނަހްދާ ވަހީދު
ދިވެހިރާއްޖެއަކީ ވަރަށްވެސް ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމަކަށް ވީއިރު، ދިވެހިން ދަނީ ތިމާވެއްޓަަށް ދިމާވާ އެކިއެކި ކަންކަން އެކި ގޮތްގޮތަށް ތަޖުރިބާ ކުރަމުންނެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން އޯޒޯން ފަށަލަ ތުނިވެ ދުނިޔޭގެ ހޫނުމިން މައްޗަށްގޮސް، މޫސުމަށް މި އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ހަމައެކަނި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާކަމެއްކަމަށް ނުވިނަމަވެސް މިގޮތަށް ދެކޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއްނޫނެވެ.

ތިމާވެށި ހަލާކުވެގެން ދަނީ މޫސުމީ ބަދަލުތަކުގެ ސަަބަބުން ކަމަށް ބުނެ ވަރަށް ގިނަ މީހުން ވާހަކަ ދައްކަމުންދިޔަ ނަމަވެސް، އެގޮތަށް ބުނެ މިކަންތައް އޮއްބާލެވޭކަށް ނެތެވެ. ސަބަބަކީ އަޅުގަނޑުމެންގެ ތިމާވެށި ހަލާކު ވަނީ ހަމަ އަޅުގަނޑުމެންގެ ގޮތެއް ނެތުމުން ކަމަށް ވާތީއެވެ. ތިމާވެއްޓަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު އަޅުގަނޑުމެންނަށް އެކި ގޮތް ގޮތުން ކުރާއިރު، މިކަން މެދުވެރިވާން މި ޖެހެނީވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުންނެވެ.

މިސާލަކަށް ބަލާނަމަ ކުނީގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. ހެނދުނުގެ ވަގުތުގައި އެއްގަމު ތޮށި ނުވަތަ މޫދު ފެންނަ ހިސާބަށް ގޮސް ހުއްޓިލާއިރު ފެނިގެންދަނީ ވަރަށް ހިތްދަތި މަންޒަރެކެވެ. ކަނޑަށް އެކިކަހަލަ ކުންޏާއި ފަނާ ނުވާ ޒާތުގެ ޕްލާސްޓިކުގެ ބާވަތްތައް އަޅާފައި ހުންނަތަނެވެ.

ޕްލާސްޓިކަކީ ތިމާވެއްޓަށް އޮތް އެންމެ ބޮޑު އެއް ނުރައްކާކަން ނޭނގޭބަޔަކު މިހާރު މި ރާއްޖޭގައި އުޅޭނެހެނެއް ހިޔެއްނުވެއެވެ. މިކަން އެނގުނު ނަމަވެސް މިއީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މޫދަށާއި ފަޅުތަކަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅުފަދަ ތަކެތި އެޅުމަކީ ރާއްޖޭގައި އާންމުވެފައިވާ ވަރަށްވެސް ބޮޑު މައްސަލަ އެކެވެ.

މިގޮތަށް ކަނޑަށް ކުނި އެޅުމުގެ ސަބަބުން ދިވެހިން އެކަމަކާމެދު އެންމެ ފަހުރުވެރިވަމުން އަންނަ، ދިވެހި ރާއްޖޭގެ ކަނޑާއި، ކަނޑުގައިވާ ދިރުންތަކާއި، ފަޅުތައް ހަޑިވެ ހަލާކުވެގެންދެއެވެ. އަދި ފަރުތަކުގައި ޕްލާސްޓިކު ގިނަވެ، ފަރުތައްވެސް މަރުވެ، ހަލާކުވެގެން ދެއެވެ. ހަމަ އެހެންމެ ކަނޑުގައިވާ ދިރުންތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، އެ މާހައުލުގައި ދިރިއުޅޭ މަސްމަހާމެހި ސަރަހައްދު ދޫކޮށް ދެއެވެ.

ރާއްޖޭގެ ކަނޑުފަޅުގެ ނަލަކަމާއި ޗާލޫކަން ގެއްލުވާމިލަނީ އެކަން ދަމަހައްޓައި އޭފމގެ ފައިދާ ހޯދާން ތިބި ދިވެހިންގެ އަތްތަކުންނެވެ. ގޮތެއް ނެތުމުންނެވެ. ތިމާ މޫދަށް ކުނިތައް އުކާލާއިރު މާދުރު ނޫން ހިސާބެއްގައި ފެންނަން އެހުންނަނީ ކުނި އަޅާ ބޮޑެތި ބާލިދީ ނުވަތަ ވަށިގަނޑު ތަކެވެ. ބޯލާ ހުސްކޮށްލާ ފެންފުޅިއާއި ދަޅު ކުނި އަޅާން ހުންނަ ޚާއްސަ ވަށިގަނޑަށް ނުވަތަ ބާލިދީއަށް ލުމުގެ ބަދަލުގައި އަތަށް ފަސޭހަ ކޮށްލަން ނުވަތަ ހައްޓަށް ފަސޭހަ ކޮށްލަން ވައްޓާލަނީ ނުވަތަ އެއްލާލަނީ ކަނޑަށެވެ. މިހެން މިކަން ކުރަނީ ތިމާވެއްޓާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނާލުމެއް އަޅާލުމެއް ނުގެންގުޅޭތީއެވެ.

ތިމާވެއްޓަށް ލިބޭ ކޮންމެ ގެއްލުމަކީ ސީދާގޮތުންވެސް، އަދި ނުސީދާ ގޮތުންވެސް އަޅުގަނޑުމެންނަށް ލިބޭ ގެއްލުމެކެވެ. ވިސްނާލުމެއްނެތި ކަނޑަށް ކުނި އަޅާއިރު، ތިމާ އުފައްދާ ކުނި އަނބުރާ ތިމާގެ ހަށިގަނޑަށް ވަދެގެންދާނެ ކަމެއް ރޭކާވެސް ނުލާ ކަހަލައެވެ.

ތިމާ އުކާލާ ޕްލާސްޓިކު ކޮތަޅުތައް އަނބުރާ ގޮސް މި ވަންނަނީ ތިމާގެ އަމިއްލަ ހަށިގަނޑަށެވެ. އާނއެކެވެ. މިހެން މިކަން މެދުވެރިވާ ގޮތް ތަންކޮޅެއް ފުންކޮށް ވިސްނާލައިފިނަމަ އެނގޭނެއެވެ.

ކަނޑަށް މި އަޅާ ކުނި، އަދި ޕްލާސްޓިކު ވެގެން ދަނީ މަސްމަހާމެހީގެ ކާނާއަށެވެ. ނޫނީ އެތަކެތީގެ ދަންތުރައަކަށެވެ. އަޅުގަނޑުމެން ދިވެހިން ގިނައިން ކައި އުޅެނީ ކަނޑު މަހެވެ. ތިމާ ކެއުމަށް ބޭނުންކުރާ މަސްމަހާމެހީގެ ބަނޑުގައި ހުސް ޕްލާސްޓިކެވެ. އޭގެ ނުބައި، ނުރައްކާތެރި ކެމިކަލްތަކެވެ. އެކެމިކަލްތަކުގެ ސަބަބުން ތިމާ ކެއުމަށް ބޭނުންކުރާ މަހަކީ ތިމާއަށް ގެއްލުންދޭ ހަތިޔާރަކަށް ނުވަތަ ވިހައަކަށް ވާއިރު، ދެން ތިމާގެ އަތުގައި އޮންނަ ޕްލާސްޓިކު ކޮތަޅު ނަގައި ކަނޑަށް ހޫރާލުމުގެ ކުރިން މިކަންކަމާމެދު ފުންކޮށް ވިސްނާލުން ވަރަށް ވެސް މުހިންމެވެ.

އަނެއް ކަމަކީ ތަރައްގީގެ ނަމުގައި ގޮސް ވެށި ހަލާކު ކޮށްލުމެވެ. މިއީވެސް މިއަދު ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. ތަރައްގީކުރުމަށް ކަމަށް ބުނެ ހިޔާ ލިބޭ ބޮޑެތި ގަސްތައް ކެނޑުން މިވަނީ އާންމު ކަމަކަށް ވެފައެވެ. އެތައް އަހަރުތަކެއް ވަންދެން ރަށްތައް ހިމާޔަށްކުރަމުންދިޔަ ބޮޑެތި ގަސްތައް ކަނޑާލަނީ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ.

މީގެ އިތުރުން ބޮޑެތި އިމާރާތްތައް ތަރައްގީ ކުރުމަށްޓަކައި ހޭޅިފަށުގައި ނުވަތަ ގޮނޑުދޮށުގައި ހުންނަ ވެލިކޮޅު ނެގުންވެސް މިވަނީ އާންމު ކަމަކަށް ވެފައެވެ. މިކަންކަމުގެ އަސަރު ރަށްރަށަށް ކުރަމުންދަނީ ހީވެސް ނުކުރާހާ ހަލުވި މިނުގައެވެ. ރަށް ގިރުން މިވަނީ އާންމު ކަމަަކަށް ވެފައެވެ. މިކަން މިހެން މިވަނީ ހަމަ އަޅުގަނޑުމެންގެ އިހުމާލުންނެވެ. ފަހަށް ނުވިސްނާތިބެ ކުރެވޭ ކަންކަމުންނެވެ.

އެހެންކަމުން އަމިއްލަ އަތުން ތިމާވެއްޓަށް ދެމުންމިދާ ގެއްލުމާމެދު އަމިއްލަ ނަފުސާ ކޮންމެ މީހަކުވެސް ސުވާލުކޮށްލަންޖެހެއެވެ. ތިމާވެށި ހިމާޔަށް ކުރަން ރާއްޖޭގައި ހެދިފައިހުރި ގަވާއިދުތަކަށް އިހުތިރާމްކޮށް، އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅެމުންމިދާ ތިމާވެއްޓާ ބީރައްޓެހި އާދަތައް ދޫކޮށްލަން ޖެހެއެވެ.

އެހެން ނޫންނަމަ ރާއްޖޭގެ ކަނޑުތަކާއި ފަޅުތައް ހަލާކުވެ، ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލިގެން ދާނެއެެވެ. ވީމާ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. އަދި ހަމަ އެހެންމެ، ތިމާވެށި ރައްކާތެރި ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަން ދެނެގެން، ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ވެށި ހިމާޔަތް ކުރަން އަޅުގަނޑުމެން ނުކުރި މަސައްކަތެއް ކުރާނެ ބަޔަކު ނުތިބޭނެކަން ހިތާ ރޫހުން ގަބޫލު ކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން