މަލޭގައި މިއަދު ކާފިއު ހިންގި ވަގުތު މާލޭގެ މަގެއްގެ މަތި
މަލޭގައި މިއަދު ކާފިއު ހިންގި ވަގުތު މާލޭގެ މަގެއްގެ މަތި
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާއެކު މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި މުއްދަތެއް ނެތްގޮތަށް އިއުލާނުކޮށްފައިވާ ކާފިއަށް އަމަލު ކުރަން ފެށުމާއެކު މާލޭގެ މަގުމަތި މުޅިން އަމާން ވެއްޖެއެވެ.

އެޗްޕީއޭއިން ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 05:00 އިން ފެށިގެން ރޭގަނޑު 08:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމަތީގައި ހިނގާބިނގާވެ އުޅުން މަނާކޮށްފައެވެ. މީގެ އިތުރުން ބަހާއި ފެރީގެ ޚިދުމަތްތައްވެސް ވަނީ ހުއްޓާލާފައެވެ. މިއަދުން ފެށިގެން މިނޫން ވަގުތު ތަކުގައިވެސް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމަތީގައި 3 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.



ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ މަގުމައްޗަށް ނުނުކުމެ ގޭގައި ތިބުމަސް އެޗްޕީއޭއިން އަންގާފައި ވީނަމަވެސް މާލޭގެ މަގުތަކަށް އަމާން ކަމެއް ނުވަތަ ހިމޭން ކަމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިއަދުގެ ކާފިއުގެ ގަޑި ފެށުމާއެކު މަގުތައް މުޅިން ހަމަހިމޭންވެ ދުއްވާ އެއްޗެއްސާއި ހިނގާބިނގާވެ އުޅޭ މީހުން މަގުތަކުން މުޅިން ވަނީ ހުސްވެފައެވެ.



ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މި އަމުރު ތަންފީޒު ކުރާ އެންމެ އިސް ފަރާތް ކަމަށްވާ ފުލުހުން ބުނެފައިވަނީ މި އަމުރާ ޚިލާފުވާ މީހުން ހުއްޓުވައި ޖޫރިމަނާވެސް ކުރާނެ ކަމަށެވެ. މިއަދުގެ ކާފިއު ގަޑި ފެށުނީއްސުރެ ފުލުހުން ދަނީ މާލެ އާއި މާލެ ހިމެނޭ ސަރަހައްދުތައް ބަލަހައްޓަމުންނެވެ.

މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ފިހާރަތައް ރޭގަނޑު 11:00 އިން ހެނދުނު 06:00 އަށް ބަންދުކޮށްފައި ބެހެއްޓުމަށާއި، ރެސްޓޯރަންޓް، ހޮޓާފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުންދޭ ޓޭކްއަވޭގެ ޚިދުމަތް މެންދަމު 12:00 އިން ފެށިގެން ހެނދުނު 06:00 އަށް މެދުކަނޑައިލުމަށާއި، އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ހަވީރު 05:00 އިން ހެނދުނު 06:00 އާއި ހަމައަށް ކުރިއަށް ނުގެންދިޔުމަށް ވެސް ވަނީ އަމުރުކޮށްފައެވެ



މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހާ އިދާރާތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން މިއަދު ފުލުހުން މަގުތަކުގައި ޕެޓްރޯލް ކުރަމުން ދިޔައިރު ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ވަނީ މާލޭގެ މަގުތަކަށް ނުކުމެ ވަޑައިގެން ފުލުހުންގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފައެވެ.



‎މަގުތައް ޕެޓްރޯލްކުރުމަށް ޖޫނިއަރ ފުލުހުންނާއެކު ޕޮލިސް ކޮމިޝަނަރ މަގުމައްޗަށް ނުކުމެވަޑައިގެންނެވި ކަމަށް ފުލުހުންގެ މީޑިއާ އިންވެސް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން