ޓިއުބަރކިއުލޮސިސް ނުވަތަ ޓީބީ އަށް ޖަހައި އުޅޭ ބީސީޖީ ވެކްސިނުން މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ފަރުވާއަކަށް ވެދާނެ ކަމަށް ސައިންސްވެރިންގެ ތަހުލީލުތަކަކުން ދައްކައިފިއެވެ.

ޔޫއޭއީގައި ނެރޭ ޚަލީޖްޓައިމްސްގައި ލިޔެފައިވާ ގޮތުގައި އެކި ގައުމުތަކަށް ކޯވިޑް-19އިން އަސަރުކޮށްފައިވާ މިންވަރު ތަފާތުވާ ސަބަބުތައް ދެނެގަތުމަށްޓަކައި އެ ގައުމުތަކުގައި ބީސީޖީ ވެކްސިން ދިނުމުގައި ގެންގުޅޭ ސިޔާސަތު ތަކުގެ މައްޗަށް ބެލުމުން އެކަން ސާބިތު ކުރެވިފައިވާ ކަމަށެވެ.

ބީސީޖީ ވެކްސިނަކީ އެންމެ ގިނައިން ބޭނުންކުރެވޭ އެއް ވެކްސިންކަމަށްވާއިރު، އެއީ މެނިންޖައިޓިސްއާއި ކުޑަކުދިންނަށް ޖެހޭ ޓީބީ ނައްތާލުމަށް ބޭނުންކުރެވޭ ވެކްސިނެކެވެ. އަދި މި ވެކްސިނަކީ ނޭވާލާ ނިޒާމަށް ޖެހޭ ގިނަ ބަލިތަކުންވެސް ރައްކާތެރިކޮށްދޭ ވެކްސިނެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

އެމެރިކާގެ ނިއުޔޯކްގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ކޮލެޖް އޮފް އޮސްޓިއޯޕަތިކް މެޑިސިންގެ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އުސޫލެއްގެ ގޮތުން އެގައުމެއްގެ ހުރިހާ ފަރުދުންނަށް ބީސީޖީ ވެކްސިން ދިނުން ލާޒިމުނުކުރާ ގައުމުތައް ކަމުގައިވާ އިޓަލީ، ނެދަރލޭންޑްސް އަދި އެމެރިކާ ފަދަ ގައުމުތަކުގައި މި ބަލި ފެތުރޭ ބާރުމިން، އުސޫލެއްގެ ގޮތުން އެގައުމެއްގެ ހުރިހާ ފަރުދުންނަށް ބީސީޖީ ވެކްސިން ދިނުމުގެ ސިޔާސަތަށް އަމަލުކުރާ ގައުމުތަކަށް ވުރެ ހަލުއިކަމަށް ދިރާސާ ތަކުން ހާމަވެއެވެ. އެމެރިކާއާއި އީޔޫގެ ގިނަ ގައުމުތަކަށް ލިބުނު ތަރައްޤީއާއެކު ބީސީޖީ ވެކްސިން ދިނުމުގެ ސިޔާސަތުވެސް އެ ޤައުމުތަކުން ވަނީ ދޫކޮށްލާފައެވެ. އެގޮތުން، އެމެރިކާގައި ކޯވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 5000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި އިޓަލީގައި މި އަދަދު ވަނީ 13 ހާހަށްވުރެ މަތީގައެވެ.

މިފަދަ ދިރާސާއަކުން ދެއްކި ގޮތުގައި ބީސީޖީ ވެކްސިން ދިނުމުގެ އުސޫލުތަކަށް ފަހުގެ ތާރީހުތަކުގައި އަމަލު ކުރަން ފަށާފައިވާ އިރާން ފަދަ ގައުމުތަކުގައިވެސް މި ބަލި ފެތުރޭ ބާރުމިން އަވަހެވެ. އިރާނުގައި ވެކްސިން ދިނުމުގެ ސިޔާސަތަށް އަމަލުކުރަން ފެށީ 1984 ގައެވެ. 1947 އިން ފެށިގެން ބީސީޖީ ވެކްސިން ދިނުމުގެ ސިޔާސަތަށް އަމަލު ކުރަމުން ގެންދާ ޖަޕާނުގައި ބަލިޖެހިގެން މަރުވާ މީހުންގެ ނިސްބަތް މިލިއަން މީހުންގެ ނިސްބަތުން ހިސާބު ޖެހުމުން 100 ޕަސެންޓް ދަށްކަން ދިރާސާތަކުން ފާހަގަ ކުރެވިފައިވާ ކަމަށް ޚަލީޖް ޓައިމްސްއިން ރިޕޯޓްކޮށްފައިވެއެވެ.

އެހެންނަމަވެސް، ބަލި ފެތުރެމުންދާތާ މިހާރު 4 މަސް ވެފައިވާއިރުވެސް މި ބައްޔަށް ފަރުވާއެއް ހޯދޭ ގޮތެއް އަދި ނުވެއެވެ. މިފަދަ ބައްޔަކަށް ބޭހެއް ހޯދުމާއި ވެކްސިނެއް ހޯދައިގެން ޓެސްޓްކޮށް އާންމުކޮށް ބޭނުން ކުރުމަށް އަހަރު ތަކެއް ނަގާނެތީ ބޭސްވެރިކަމާ ބެހޭ ސައިންސް ވެރިންގެ މިހާރުގެ އެންމެ ބޮޑު އެއް މަސައްކަތަކީ މިހާރު އުފައްދާފައިވާ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ ބޭސްތަކުން ކޯވިޑް-19 އަށް ފަރުވާދެވޭނެ ބޭހެއް ނުވަތަ ބޭސް ތަކެއް ހޯދުމެވެ. އެގޮތުން އޭޑްސް ބައްޔަން ދޭ ބައެއް ބޭސްތަކާއި މެލޭރިއާ ފަދަ ބަލިތަކަށް ދޭ ބައެއް ބޭސްތައް އެއްކޮށްގެން ވެސް ނަތީޖާއެއް ލިބޭތޯ ސައިންސްވެރިން މަސައްކަތް ކުރެއެވެ.

މިހާރު މީހުން ދިރިއުޅޭ ހުރިހާ ގައުމަކުން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވާއިރު، ބައްޔަށް ފަރުވާ ނުލިބި މަރުވަމުންދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން