ރައީސް ނަޝީދު ވިދާޅުވަނީ މިހާރު މުޅިދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއަށް ނާންނާނެ ކަމަށް ބަލައިގެން ނުވާނެކަމަށެވެ. އެއީ އެކަމާއި ބިރުން އަޅުގަނޑުމެންގެ ދިރިއުޅުން ހުއްޓާލައި ކުރަމުންދާ މަސައްކަތްތައް ހުއްޓާލަިގެން ނުވާނެ ކަމުގެ ވަރުގަދަ މެސެޖެކެވެ. އަދި ސަރުކާރުން ކުރަމުން ގެންދާ ކަންކަން ނުހުއްޓޭނެ ކަމުގެ އިޝާރާތެއްވެސް އެމަނިކުފާނު ކުރައްވައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިވާހަކަފުޅު މިގޮތަށް ދެއްކެވުމުން އެކަމާއި ކޮންމެވެސް ވަރަކަށް ޚިޔާލުތަފާތުވެ ފާޑުކިޔުން ވެސް އަމާޒު ވިއެވެ.

ހަޤީގަތުގައި ރައީސް ނަޝީދަކީ ވަގުތާއި ޙާލަތާއި ގުޅޭގޮތުން ވަރަށް ހައްސާސް މައްސަލަތަކުގައިވެސް ވަރަށް އަވަހަށް ވަރަށް ސާދާކޮށް ވިސްނުންފުޅު ގެންގުޅުއްވާ ވަރަށް އަވަހަށް ވަރަށް ތަފާތު އިރުޝާދުތައް ނެރުއްވާ ބޭފުޅެކެވެ. ތަފާތު ކަންކަމުގައި އާންމު ގިނަ ރައްޔިތުން ވިސްނާ ވިސްނުމާއި ރައީސް ނަޝީދުގެ ވިސްނުންފުޅާއި ތަފާތުވާތަން ގިނަ ފަހަރަށް އަންނަނީ މި ސަބަބުތަކާއި ހުރެ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް މިހާރު ހަލުއިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް 19 އާއި ބެހޭގޮތުން ރައީސް ނަޝީދު އެ ނެރުއްވި ރަޢުޔަކީ ރައްޔިތުން “ހާސްވެ ކަންބޮޑުވެގެން” މިއުޅޭ ދަނޑިވަޅާ އެންމެ ގުޅޭ ވަރަށް ވިސްނުންތެރި ރަޢުޔެކެވެ. މިކަމާއި މެދު ޚިޔާލުތަފާތުވާ މީހުން ނޫޅޭނެއެކޭ ދަންނަވަނީކީ އެއްނޫނެވެ. އެކަމަކު ރައީސް ނަޝީދު އެވިދާޅުވާ ބަސްފުޅުގެ ހަގީގީ މަޤުޞަދާއި މެދު ފުންކޮށް ވިސްނަވާލައްވަމާ ހިންގަވާށެވެ.

އަޅުގަނޑުމެންގެ ރާއްޖެއަށް ކޮލެރާއާއި ޝިގެއްލާ ވެސް އައިކަން މިހާރު އުމުރުން 50 އަހަރުވެފައިވާ ގިނަ މީހުން ހަނދާން ހުންނާނެއެވެ. މިއީ އޭރުގެ ޙާލަތަށް ބަލާއިރު ވަރަށް ނުރައްކާ ދެ ރޯގާއެވެ. އަޅުގަނޑުމެން މިބަލިތައް އޭރު ސިފަކުރީވެސް ހަމަ ވަބާއެއްގެ ގޮތުގައެވެ. އޭރު އޮތީކީ މިއަދު މިއޮތް ޞިއްޙީ ޙާލަތެއް ނޫނެވެ. ޑޮކްޓަރުންނެއް، ބޭހެއް، ހޮސްޕިޓާ ތަކެއް ނުވަތަ ޞިއްޙީ މަރުކަޒުތަކެއްވެސް ނެތެވެ. ހޭލުންތެރި ކަމެއް ނެތެވެ. ނަމަވެސް އެ އެދުވަސްވެސް އަޅުގަނޑުމެންނާ ބައްދަލު ކުރިއެވެ.

އިއްޔެ ވެސް މިފަދަ އެތައް ބައްޔެއް ދުނިޔެއަށް އުފަންވެ ފެތުރި، އެތައް ބައެއްގެ ފުރާނަ ގެންދިޔައެވެ. ސާސް އާއި މާސް އާއި އެބޯލާއާއި އިންފްލުއެންޒާ ފަދަ ނަންތަކަކީ މިއަދު އަޅުގަނޑުމެންނަށް ބާ ނަންތަކެވެ. ހަމަގައިމުވެސް އެޗްއައިވީއޭ ނުވަތަ އެއިޑްސް އޭ ބުނުމުން އެއީ ކިހާ ނުރައްކާތެރި ގައިންގަޔަށް އަރާ ބައްޔެއްކަން ނޭނގޭ ހަމަ އެކަކުވެސް އަޅުގަނޑުމެންގެ ތެރޭގައި ހުންނާނެއެކޭ ހިއެއްނުވެއެވެ.

ދުނިޔޭގައި އެޗްއައިވީ ފެތުރެންފެށި ދުވަސްވަރުވެސް އެޚަބަރުތައް އައިލެއް ބާރުކަމުންނާއި އެބަލި ޖެހޭ މީހުންނާއި އެބަލީގެ ނުރައްކާތެރިކަން ބޮޑުކަމުން އަޅުގަނޑުމެންގެ ރައްޔިތުން ހާސްވެ ކަންބޮޑުވިއެވެ. މިއަދުވެސް އެބަލީގެ ހާލަތުވެސް ދުނިޔޭގައި އޮތީކީ ރައްކާތެރި ހާލަތެއްގައެއް ނޫނެވެ. މިހެންގޮސް މިދެންނެވި ފަދަ ނުރައްކާތެރި ބަލިތަކުގެ ލިސްޓު ދިގުކުރާން އެވާހަކަ މިތާގައި ލިޔުމުގެ ބޭނުމެއް ނެތެވެ.

އަޅުގަނޑުމެން މި ދުނިޔޭގައި، މިރާއްޖޭގައި ދިރުއުޅެމުން މިއައީ މިހުރިހާ ބަލިތަކާއި ރޯގާތަކާއި ވައިރަސްތަކާއި އެކުގައެވެ. އަދި އަޅުގަނޑުމެން މިތިބީ ބަވަނަވެފައިވާ މިދުނިޔެއާއި ވަތްކަކުންވެސް ނޫނެވެ. ވަކިވެގެން ބާކީވެގެން ބޮޑުފާރުރާނާ ބަންދުކޮށްގެން އެއްވެސް ގައުމަކަށް މިއަދު ދުނިޔެއަކު ނޫޅެވޭނެއެވެ. އެހެންކަމުން ދުނިޔޭގައި ހިނގާ ހަނގުރާމަތަކުގެ އަސަރުވެސް ދިވެހިރާއްޖެއަށް ކުރާނެއެވެ. ދުނިޔޭގެ އިޤުތިޞާދަށް އަންނަ ލޮޅުންތަކުގެ އަސަރުވެސް އަޅުގަނޑުމެންނަށް ނުކޮށް ނުދާނެއެވެ. އަދި ދުނިޔެއަށް އުފަންވާ ނުވަތަ ފެތުރޭ ރޯގާ ބަލިމަޑުކަންވެސް މިތަނަށް ނައިހެއް ނުދާނެއެވެ. އަޅުގަނޑުމެންނަށް މިއަދު ދިރިއުޅެވޭން އޮތީ މިހުރިހާ ކަންކަމަކާއި ކުރިމަތިލައިގެންނެވެ. މިހުރިހާ ކަންކަން ތަޖުރިބާ ކޮށްގެންނެވެ.

ރޯގާ ބަލިމަޑުކަމެއް ފެތުރެން ފަށައިފިނަމަ އަޅުގަނޑުމެން އަޅަން ޖެހެނީ ޞިއްހީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެވެ. ބަލި ފެތުރުނަ ނުދިނުމާއި ބަލި ކޮންޓްރޯލް ކުރުމާއި ބައްޔަށް ބޭސްފަރުވާ ކުރުމެވެ. އެފަދަ ބަލިތަކުން ރައްކާތެރިވާނެ ގޮތްތައް ދެނެގަނެ އެފަދަ ބަލިތައް ޤައުމަށް އެތެރެވުން ހުއްޓުވޭނެ ގޮތްތައް ހޯދުމެވެ. އަދި ބައްޔަށް ބޭހާއި ވެކްސިނެއް އީޖާދު ކޮށްފިނަމަ އޭގެ ބޭނުން ކޮށްގެން ރައްކާތެރިކަން އިތުރު ކުރުމެވެ. މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ފުރިހަމަ ކުރަން ޖެހޭނެ ކަންކަމެވެ. އަޅުގަނޑުމެން ސަރުކާރެއް ހޮވައި ވެރިން އައްޔަންކޮށް އެމީހުންނާ ޤައުމުގެ ކަންކަން ހަވާލު މިކުރަނީ އެކަންކަން ފުރިހަމަކޮށް ބެލެހެއްޓުމަށެވެ.

ދެން ނިކަން ވިދާޅުވެބައްލަވާށެވެ؟ ކޮރޯނާވައިރަސް މިޤައުމަށް އަރާފާނެތީ އަޅުގަނޑުމެން އެންމެން މަސައްކަތް ހުއްޓާލާފައި، ސަރުކާރުން ވެސް އެހެން އެއްވެސް ކަމެއް ނުކޮށް މުޅި ޤައުމުގެ ހިންގުން ހުއްޓާލާ މުޅި ޤައުމު ބަންދުކޮށް ތަޅުލައިގެން ތިބެގެން މިޤައުމަށް އެވައިރަސް އެތެރެނުވެ މިޤައުމުގެ މީހަކަށް އެބަލީގެ އަސަރު ކުރިޔަ ނުދީ ނޫނީ ބަލި ޖެހުނަ ނުދީ ހިފެހެއްޓިދާނެ ހެއްޔެވެ؟ ނޫނީ މި ޤައުމުގެ ދޮރާށިތައް ބަންދު ކޮށްލުމުން ބަލި ވަނަ ނުދީ ހިފެހެއްޓިދާނެ ހެއްޔެވެ؟ މުޅި ޤައުމު ތަޅުލައިގެން ބަލީގެ ވާހަކަ ނޫން އެހެން ވާހަކައެއް ނުދައްކައި ބަލި ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތް ނޫން އެހެން މަސައްކަތެއް ނުކޮށް ތިބެގެން މިބަލި އަރާ ފައިބައިގެންދާއިރު ޤައުމުގެ އިޤުތިޞާދު ފުނޑި ޤައުމުގެ ރައްޔިތުން އަނގަޔާ އަތާ ދިމާނުވާ ހާލަތަށް ދިޔައިމާ ދެން ހަދާނީ ކިހިނަކުންބާވައެވެ؟

ހަޤީގަތުގައި ރައީސް ނަޝީދު އެވާހަކަފުޅު އެގޮތަށް އެދައްކަވަނީ، އެ އިޝާރާތްކުރައްވަނީ މިކަންކަމަށެވެ. ރައީސް ނަޝީދު އެދައްކަވާ ވާހަކަފުޅަކީ ކޮރޯނާވައިރަސްގެ ވާހަކަ އެކަނި ދައްކައިގެން އެބިރުވެރިކަމުގެ ތެރެއަށް ރައްޔިތުން މުޅިން ގެނބި ހާސްކަން މަތީގައި މުޅި ޤައުމު ހުއްޓުމަކަށް ގެނަސްގެން ތިބެވޭން ނެތް ކަމުގެ ވާހަކައެވެ. ބަލިމަޑުކަމުން ސަލާމަތްވެ ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމާއެކު ޤައުމުގެ އެހެންކަންކަން ވެސް ކުރިއަށް ހިނގަންޖެހޭނެ ވާހަކައެވެ. ރައްޔިތުން ހާސްވެ ގޮތް ހުސްވެ އާމްދަނީ ހޯދަން ކުރާ މަސައްކަތްތައް ހުއްޓާލާފައި ނުކުމެ ބައްޔާއި ހަނގުރާމަ ކުރަން އެކަނި ތިބެގެން ފަރުޖެއްސޭން ނެތް ވާހަކައެވެ.

އެވިދާޅުވަނީ އެއްގޮތަކަށްވެސް ކޮރޯނާވައިރަހުގެ ބިރުވެރިކަން އެމަނިކުފާނުގެ ވެސް ނެތް ވާހަކަފުޅެއްނޫނެވެ. އަދި އެބަލިން ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާށެކޭ ވެސް ނުމެނޫންމެއެވެ. އެކަމަކު މީގެ ބައިޤަރުނު ކުރީގައި ކަންކުރާ ބީދައިން ނުވަތަ މިދިޔަ ސާސްކަފުގެ ކުރީކޮޅު ކަންކޮށްއުޅުނު ބީދައިން ރޯގާބަލިމަޑުކަމެއް އަންނަ އިރަށް ރައްޔިތުން ރަށުގައިބަންދުކޮށް ޤައުމު ބަންދުކޮށް މުޅި ޤައުމުގައި އެނޫން އެހެން ކަމަކާއި މެދު ނުވިސްނާ، އެނޫން އެހެން ކަމެއް ނުކޮށް، އަތް އުރާލައިގެން ތިބެގެން މިއަދު ފަރުޖެއްސެން ނެތް ވާހަކައެވެ.


ކިޔުންތެރިންގެ ހިޔާލު


19

ކޮވިޑް20

19-Mar-2020

ކޮވިޑް 19 އަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތި 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއް ފާއިތުވެއްޖެނަމަ އެވައިރަސް މަރުވީ ކަމަށް ބަލަންވީ,, ކަމާއިބެހޭ ޞިއްޙީ ފަރާތްތަކުން މަޢުލޫމާތު ދެނީ އެހެން,, ބަލިފެތުރޭ ތަންތަނުން މީހުން ރާއްޖެ އައުން ހުއްޓުވަންވީ,, ހަމަ ކިރިޔާ ޝައްކެއްވިޔަސް ކަރަންޓީނަށް ލާންވީ,,, އެހެންވީމާ ޤައުމު ހުއްޓުމަަށް އަޔަސް އަންނާނީ 14 ދުވަހަކައްނު.. ދޯ..???



ޓްރެންޑިން