ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ ނުރައްކާތެރި ބިރުވެރި ހާލަތުގައި ވެންޓިލޭޓަރުގެ މައްސަލައިގެ ބިތުފަންގި ނެގުމުން އެންމެންނަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ރޯމާ ދުވާލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޚިޔާނަތް ހިންގާލީ އެއްވެސް ބިރެއް ފިކުރެއް ނެތި ރައްޔިތުންނާއި ގައުމާއި މެދު ކުޑަވެސް ވިސްނާލުމެއް ނެތިއެވެ. މުޅިގައުމު ބަލިމަޑުކަމަށް ބޮޑު މުސީބާތެއް ކުރިމަތިވެފައިވާ މި ޚުތޫރަތްތެރި ދަނޑިވަޅުގައި މިފަދަ ޖަރީމާ އެއް ހިންގި މީހުން ދެން އެކަން ނުކުރާނީ ކޮންވަގުތަކުތޯ ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ. ނަސީބަކުން އެމީހުން އެކަން ކުރާން އެތާކު މިހާރަކު ނެތެވެ. ރައީސް ޞާލިހު އެންމެ ފުރަތަމަ ވެސް އެހެއްދެވީ އެމީހުންނަށް ދެން އަލުން އެވައްކަން ނުކުރެވޭނެ ގޮތެވެ.

ވެންޓިލޭޓަރުގެ ބޮޑު ޑީލްގެ މުއާމަލާތްތަކުގައި ހުރި އޮޅުވާލުމާއި މަކަރާއި ހީލަތާއި ވަގު ހެދިކަން ހާމަވި އޮޑިޓް ރިޕޯޓާއެކު ބިރުން ފިއްކަނޑައިގެން ގޮސް، ދިޔައީ ގައިން ހީބިހި ނަގައިގެންނެވެ. ވެންޓިލޭޓަރު މައްސަލައިގައި އަޑިނޭގޭ ސިއްރު މުއާމަލާތްތައް ހިނގާފައިވާކަމަށް ހޮޅުއަށި ތަކުގައި ދައްކަމުން އައި ވާހަކަތަކުގެ ހަގީގަތް ހާމަވެ ބުޅާ މިއޮތީ ހަމަ ރަނގަޅަށް ގޯނިން ބޭރުވެފައެވެ. ކޯވިޑްގައި ކެއިވަރުވެސް އެނގޭނީ ކޯވިޑްގެ ބިތުފަންގި ނެގީމާތާއެވެ.

ވެންޓިލޭޓަރުގެ ވާހަމައަކީ ކޯވިޑްގެ މި ނުރައްކާތެރި ވަބާގެ ތެރޭގައި އެންމެ ގިނައިން ދެއްކި އެއް ވާހަކައެވެ. އެސުވާލު ނޫސްވެރިން ކުރާލެއް ގިނަކަމުން މީސް މީޑިއާގައި މީހުން އެކަމަށް ޖޯކު ޖަހާވެސް އުޅެނެވެ. ތަރުޖަމާނުވެސް އެސުވާލަށް ވަރަށް ފަރިތަ ކަމާއެކު ޖަވާބު ދެއްވައެވެ. އޭރު ހަމަ ހީވަނީ އެސޮރު ވެންޓިލޭޓަރޭ ކިޔައިގެން އެހަދަނީ ހަމަ ސީދާ ތެދުކަމަށެވެ. އެސޮރުވެސް މިހާރު ބުނަނީ އެމައުލޫމާތެއް އެސޮރަށް ދިނީ މިނިސްޓްރީގައި ތިބި ބަޔަކު ކަމަށެވެ. މިފަހަރު ތަރުޖަމާނަށް ވެސް މިއޮތީ އޮޅުވާލާފައިތާއެވެ. ވަގުން ވައްކަށް ކުރާނީ ހިންޏަށް ވެސް އޮޅުވާލާފައެވެ.

އޭރު ވެންޓިލޭޓަރުތައްވީ ހަމަ އިބިލީހުގެ ކައިވެންޏަށެވެ. ކޮވިޑްގެ އާންމު ހާލަތުގައި ރާއްޖެއަށް އަންނާނެ ކަމަށް ބުނި ވެންޓިލޭޓަރުތައް ބަލީގެ އެންމެ ނުރައްކާތެރި ހާލަތާއި ހަމަޔަށް ފޯރިއިރުވެސް ލޮލު ކޮޅަށްވެސް ދައްކައެއް ނުލިއެވެ. އެތައް ދުވަހެއްގެ މަސައްކަތުން ބައެއް ވެންޓިލޭޓަރު ތައް ރާއްޖެ އާއި ހިސާބަށް ފޯރިއިރު އަސްތާ ސަހަރޯއެވެ.! ކަމަކު ދާކަށް ނެތެވެ. އޯޑަރު ކުރި ވެންޓިލޭޓަރުތައް ނުލިބުނުތާގައި ލިބުނީ އައިސީޔޫގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި ފެންވަރު ދަށް ވެންޓިލޭޓަރުތަކެވެ. 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އޮޑިޓުން ހަގީގަތް ބެލިއިރު ދުބާއީ ކުންފުންޏަށް އެއްބަސްވުމުގެ އަގަށްވާ 90 ޕަސެންޓް ފައިސާ ސަރުކާރުން ދޫކުރީ ވެންޓިލޭޓަރުތައް ފޯރުކޮށްދޭނެ ކަމަށް ބާރުދޭ އެއްވެސް ގެރެންޓީއެއް ވެސް ނެތިއެވެ. މިޑީލްގައި އެކުންފުންޏަށް އެޑްވާންސްކޮށް ދީ ނިންމާލީ 30.9 މިލިއަން ރުފިޔާ އެވެ. ފައިސާ ދެއްކިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ވީވަރަކީ ހަމަ މީއެވެ. ކާލިއްޔާ ކާލިމީހަކު ބަނޑު ދައްކާލުން ފިޔަވައި ވީކަމެއް ލިބުނު އެއްޗެއް ހަތް ހަރާމުން ހަރާމެވެ. އޭރު ކޮންމެ ރެއަކު ތަސްބީހައެއް ހެން "ވެންޓިލޭޓަރު، ވެންޓިލޭޓަރު" ކިޔުން ނޫން ކަމެއް ނޯވެއެވެ.

ދެން އޮތީ އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން ދެއްކި ވާހަކައެވެ. އެހެން ނަމަވެސް އެއީ ކަނޑައެޅިގެން ރޯމަރު، ބުހުތާނު ދޮގުކަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުން ހާމަވިއެވެ. ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެއީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލާނުލިތާގައި އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް ބަލާނުލީއެވެ.

ތެޅިފޮޅިގަނެގެން އަވަސްއަރުވާލައިގެން ކަންތައް ކުރިނަމަވެސް މިދެން ތަންފުކެއް ބޮޑުވަރެވެ. މިދައްކަނީ އަމިއްލަ ކުންފުންޏެއްގެ ވާހަކަ އެއްނަމަ އެންމެ ރަނގަޅެވެ. މިދައްކަނީ ތަސައްރަފު ފުދިފައި އޮތް ގައުމެއްގެ ސަރުކާރެއްގެ ވާހަކަވިއްޔާއެވެ. ވެންޓިލޭޓަރު ގަތުމުގައި ބީލަމަށް ނުލައި އެގްޒެކިއުޓާސްއާ ހަވާލުކުރުމުގެ ހުއްދަ އަށް ފިނޭންސް މިނިސްޓްރީގައި އެދުމުން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެންގުމުން އެކަންވެސް ކުރީ ކަން ފަސޭހަކޮށެވެ.

އެ ކުންފުންޏަކީ ވެންޓިލޭޓަރުތައް ގެނެވިދާނެ ފަދަ ގާބިލްކަމެއް ހުރި ބައެއްތޯ ބިޑް ކޮމިޓީން ވެސް ބަލާވެސް ނުލިއެވެ. އެންމެ ފަހުން ކަން ނިމުނުއިރު އާޚިރުގައި ދުބާއީގެ އެގްޒެކިއުޓާސްގެ ވެރިޔާވީ ހަމުގެ ކްލިނިކެއް ހިންގާ މީހަކަށެވެ. އެމީހުންނަކީ ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމުގެ ވިޔަފާރީގެ އެއްވެސް ތަޖުރިބާއެއް ހުރި ބައެއްވެސް ނޫނެވެ. އާޚިރުގައި ހުރިހާ ގެއްލުމަކާއި ކޮޅުކެއްސާއި ލަނޑު މިލިބުނީ ދިވެހި ރައްޔިތުންނަށެވެ. އިސްރާފުވީ ދިވެހި ރައްޔިތުން ލޯބޯ ފިއްސައިގެން ހޯދި ޓެކްސް ފައިސާ އެވެ. ހުރިހާ މޮޅެއް ލިބުނީ އަމިއްލަ ކުންފުންޏަށެވެ. ސަރުކާރަށް ވަދެ ހާލިހަދައިގެން ތިބެ ވައްކަން ކުރާން ދިމާކޮށްފައި ތިބި ބަޔަކަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް އޭރުވެސް ހެލްތް މިނިސްޓްރީ އަށް އަމާޒުވިއެވެ. އެކަމާ ގުޅިގެން ރައްޔިތުން ރަތަށް އަރައި އެތިވަރު ގޮވައި ނޫސްވެރިން ވެންޓިލޭޓަރުގެ ޚަބަރެއް ނުވެގެން ކޮޅުކޮޅު މައްޗަށް ދުވެ އެތަށް ސަކަރާތެއް ޖެހިއިރުވެސް އޭސީސީ ހަމަ ކަހާތަން ހިރުވާވެސް ނުލިއެވެ. އެންމެ ފަހުން ބޮލަށް ނުކުޅަދާނަ ވެެގެން ފާޑެއްގެ ޚުލާސާ ރިޕޯޓެއް އޭސީސީ އިން ނުނެރޭ ވާހަކަ އެއް ނޫނެވެ. އެމައްސަލައިގައި އޭސީސީ އިން ނެރުނީ ފިނި ރިޕޯޓެކެވެ. އޭރު އެއްވެސް ގޯހެއް އޮތް ކަމަކަށް އެވެރިންނަށް ފެނުނު ކަމަކަށް ނުވިއެވެ.

ރިޕޯޓުން އެއްވެސް އެއްޗެއް އޮޅުމެއް ނުފިލިއެވެ. އެހެން ނަމަވެސް އެންމެ ފަހުން ވެންޓިލޭޓަރު މައްސަލައިގައި އޮޑިޓް ރިޕޯޓުން ފެންމަތި ކުރި ބޮޑެތި މަކަރާއި އޮޅުވާލުންތަކާއި އެކު، ބިތުފަންގި ނެގުމާއި އެކު އޭސީސީ ވެސް ކުއްލިއަކަށް ނިދިން ހޭލައިފިއެވެ. ކެޔޮކޭވަރުގެ އެގޭނީ ބިތުފަންގި ނެގީމަތާއެވެ. އޭސީސީ އިން މިހާރު ބުނަނީ އަދި މަައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށާއި، ވަކިގޮތެއް ނުނިއްމާ ކަމަށެވެ. އެކަމުގައި އެންމެ ފަހުން ގޯސް ހެދި ކަމަށްވީ ނޫސްވެރިންނެވެ. ޒިންމާދާރު ކަމުގެ ލާމަސީލު މިސާލެއް އެހެން ނޫންތޯއެވެ!

ވެންޓިލޭޓަރުގެ މައްސަލަ އާއި ހިސާބުން މިކަން އަދި ނިމުނީއެއް ނޫނެވެ. ތިންލައްކައަށްވުރެ ގިނަ ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިއިރު އެތަކެއްޗަށް ވީގޮތެއް އެގޭމީހަކު ހުރި ކަމަކަށްނުވިއެވެ. މިފަހަރު ރާއްޖެއަށް ފޯރާވަރުވީ އެންމެ2،000 ސާޖިކަލް ކެޕް އެކަންޏެވެ. އެވެސް ބޭނުންކުރެވޭ ނުވަތަ ނުކުރެވޭ ހާލަތުގައި ހުރި އެއްޗެއް ކަމެއް ނޭގެއެވެ. ބޭނުންކުރެވޭ ހާލަތުގައި ހުރި ނަމަ އެއީވެސް ނަސީބެކެވެ. އެކަަމަކު 32 މިލިއަން ރުފިޔާ ތަޅާ ބުރުވާލިއިރު ދެން ހުރި ސާމާނަށްވީ ކިހިނެއްކަމާއި ފައިސާއަށް ހެދިގޮތެއް އެގެންވާނެއެވެ.

އެހެން ނަމަވެސް އެފައިސާ އިން ގަތް އެއްޗެހި އެރީ މައްޗަށް ކަމެއް ދިޔައީ އަޑިއަށް ކަމެއް ގާ ފޮރޮޅަ ފޮރޮޅާވެސް އަދި ހަމަހިލާ ނޭނއެވެ. އެންމެފަހުން މިކަން ބައްލަވަން މިޖެހިވަޑައިގަތީވެސް ރައީސް ސޯލިހަށެވެ. ވަޒީރުން ހާވާ ހުރިހާ ހަޑިއެއްގެ ހުތުރު ނަމާ ބަދުނާމު މިއެޅެނީ ރައީސްމީހާގެ އިސްތަށިފުޅުގައެވެ. ކޮރަޕްޝަން ޒީރޯ ޓޮލަރަންސްގެ ދަށުން ރައީސް މަސައްކަތް ފައްޓަވައި ފުލުހުންނާއި އޭސީސީ އަށް މައްސަލަ ބަލަން އެންގެވުމާއެކު ހުން އަންނާނެ ކަމަށް ބަލައި ހެލްތް މިނިސްޓަރ ކުރީބައިގައި ރަޖާ އަޅުއްވައިފިއެވެ. ތަހުގީގް ކުރިއަށްދާތީ ވެންޓިލޭޓަރު މައްސަލައިގައި ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން އިޚުތިޔާރު ކުރެއްވީ އަމިއްލަފުޅަށް މަސްއޫލިއްޔަތުތަކުން ދުރަށްވަޑައިގެން ގޭގައި ކަރަންޓީނުވެވަޑައިގެންނެވުމަށެވެ. އެއާއެކު ރައީސް އޮފީހުން ކޮންޓެކްޓް ޓްރޭސިންވެސް މިހާރު ފައްޓަވައިފިއެވެ. ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވުނު ތިން ބޭފުޅަކު މިހާތަނަށް ގޭގައި އައިސޮލޭޓް ވެސް ކުރައްވައިފިއެވެ. ކުރުގޮތަކަށް ދަންނަވާނަމަ ކޮވިޑްގެ މި ބޮޑު ޕެންޑަމިކް ތެރޭގައި މުޅި ހެލްތް މިނިސްޓްރީ މިހާރު އޮތީ ވެންޓިލޭޓަރުގައި ވާނުވާގައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ާާްކާކު

19-Aug-2020

ތަފާތު މޮޅު ލިޔުމެެެ



ޓްރެންޑިން