ރާއްޖޭގެ ބާ ކައުންސިލުގެ މެމްބަރު ކަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މި ގޮތަށް ފާސްކޮށްފައި ވާއިރު ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ބާ ކައުންސިލުން ބަންޑާރަ ނައިބު އުނިކުރަން ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ހުށައެޅީ ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ) އެވެ.

މެންބަރު ހުސެއިން ހުށައެޅުއްވި މި ބިލް ކޮމިޓީން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް ފޮނުވި ގޮތަށެވެ. އަދި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖު ވަނީ މި ކަމާއި ގުޅިގެން ހުށަހެޅިފައިވާ އިސްލާހުތަކާއި ގުޅިގެން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ސިރާޖު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން އެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާތީ، ބާ ކައުންސިލުގެ އެކްސްކޯގައި ބަންޑާރަ ނައިބު އިންނެވުމުން އެހެން މެންބަރުންނަށް މިނިވަންކަން ގެއްލޭ ކަަމަށް އެ ކައުންސިލުގެ މެންބަރުން ދެކިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ސިރާޖު އިތުރަށް ވިދާޅުވީ ބާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ބަންޑާރަ ނައިބު އިންނެވުމުން އެ ކައުންސިލުގައި ތިއްބަވާ އެހެން މެންބަރުންނަށް ފުރިހަމަ މިނިވަންކަމާއެކު ރައުޔު ހާމަ ކުރަން ދަތިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ގިނަ ބައްދަލުވުންތަކަށް ވަގުތު ނުދެވޭކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އުނިކުރުމުން، އެ ކޮމިޓީ އެކުލެވޭނީ ހަމައެކަނި ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ފަސް މެމްބަރުން ނެވެ. މިހާރު ބަންޑާރަ ނައިބާއެކު އެ ކޮމިޝަންގައި ހަ މެމްބަރުން ތިއްބަވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން