ކާރިސާގެ ވަގުތުގައި މުޖްތަމަޢުގެ ޢާއްމު މަޞްލަޙަތަށް އިސްކަންދީ، ކާބޯތަކެތިން އިސްރާފް ނުކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

ކާބޯތަކެތިން އިސްރާފްކޮށް، އެހެން މީހުންގެ މުހުތާދުތަކަށް ބެލުމެއް ނެތި، ތިމާއަށް ބޭނުން ނުވާވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުމުން ދުރުހެލިވުމަށްވެސް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ދިއުން ދީން ހުއްދަނުކުރާކަން ފާހަގަކުރަމުން، މިއަދުގެ ޚުޠުބާގައި ވަނީ ހޭދަ ކުރުމާއި، ކެއިންބުއިމާއި، ފޭރާން އެޅުމުގައިވެސް މެދުމިންވަރުގައި ހިފުމަށް ލޮބުވެތި މާތް ނަބިއްޔާ ދެއްވާފައިވާ އިރުޝާދުގެ ހަނދާން މުސްލިމުންނަށް އާކޮށްދީފައެވެ.

އިސްރާފަކީ ކޮންމެ ކަމެއްގައިވެސް ހައްދު ފަހަނައަޅައި ދިއުންކަން ފާހަގަކުރަމުން، އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފްރުވުމާ ހަމައަށް ހިނގައްޖެނަމަ އެއީވެސް އިސްރާފް ކުރުން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މިދުވަސްވަރަކީ އެންމެންވެސް ގޭގައި ތިބެން ޖެހޭ ދުވަސްތަކަކަށް ވުމުން، ކެއިންބުއިން ގިނަކުރުމުގެ ބަދަލުގައި މިފަދަ ތަދުމަޑުކަމުގެ ވަގުތުގައި، ކެއިންބުއިން މަދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، މާގިނައިން ކެއުމަކީ ތަފާތު އެކި ބަލިތަކުގެ ސަބަބެއް ކަމުގައި ވެސް މިއަދުގެ ޚިޠުބާގައި ފާހަގަކޮށްފައި ވެއެވެ.

އަދި މިފަދަ ދަނޑިވަޅުތަކުގައި ގޭގައި ތިބޭއިރު، އަނބިދަރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އެކަކު އަނެކަކަށް ދަތިކޮށް، ޖެއްސުންކޮށް ނުހެދުމަށާއި، ބޭކާރު ކަންކަމާދުރުހެލިވެ، ފަރްޟު ފަސް ނަމާދަށް ރައްކާތެރިވެ، ދުޢާކޮށް، އިސްތިޣްފާރު ކުރުން ގިނަކޮށް، ގިނަގިނައިން ޤުރުއާން ކިޔެވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން