އެމެރިކާގެ ރައީސް ޓްރަމްޕް (ކަނާތުން 3 ވަނަ)
އެމެރިކާގެ ރައީސް ޓްރަމްޕް (ކަނާތުން 3 ވަނަ)
ކޮރޯނާވައިރަހާއި ގުޅިގެން ވަޒީފާގެއްލޭ ފަރާތްތަކުގެ އަދަދު ގިނަވުމާއެކު އެމެރިކާގައި ވަޒީފާ އަދާކުރާ ތަންތަނުން މުވައްޒަފުންނަށް ދީފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ބޭނުން ހިފަމުންދާ 3.5 މިލިޔަން މުވައްޒަފުން ޞިއްޙީ ފަރުވާއިން މަހުރޫމްވެދާނެކަމުގައި އެމެރިކާގެ އިކޮނޮމިކް ޕޮލިސީ އިންސްޓިޓިއުޓް (އީޕީއައި) އިން ބުނެފިއެވެ.

ފާއިތުވެދިޔަ 2 ހަފްތާގެ ތެރޭގައި އެމެރިކާގައި ވަޒީފާ ގެއްލިގެން ރިޕޯޓުކުރި މީހުންގެ އަދަދު 10 މިލިއަނަށް އަރާފައިވާއިރު، ކޮރޯނާވައިރަސް ކޮންޓްރޯލުނުވެއްޖެ ނަމަ އޭޕްރިލް މަހުގެ ނިޔަލަށް މިއަދަދު 20 މިލިއަނަށް އަރާނެކަމަށް އީޕީއައި އިން ލަފާކުރެއެވެ.

ފާއިތުވި ހަފްތާގައި އެކަނިވެސް ވަޒީފާ ގެއްލުމުގެ 6.6 މިލިއަން މައްސަލަ ކަމާބެހޭ ވުޒާރާތަކަށް ލިބިފައިވާއިރު، ނައިބު ރައީސް ޕެންސް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންނާއި މުހާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިންޝުއަރެންސް ނެތް ފަރާތްތަކަށް ކޮރޯނާވައިރަސްގެ ފަރުވާ ލިބޭނެ އިތުރުގޮތެއް ސަރުކާރުން ހޯދައިދޭނެ ކަމަށެވެ. އަދި މިކަމުގެ އިތުރު މައުލޫމާތު މިއަދުގެ ވަގުތެއްގައި ހާމަކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

އިންޝުއަރެންސްގެ ޚިދުމަތް ނުލިބޭ ފަރާތެއްނަމަ ކޮރޯނާވައިރަހުގެ ފަރުވާއަށް އެންމެ މަދުވެގެން 74,310 އެމެރިކާ ޑޮލަރު ހަރަދުކުރަން ޖެހެއެވެ.

އީޕީއައިއިން ދަނީ އިންޝުއަރެންސްގެ ޚިދުމަތް ލިބުނަސް ނުލިބުނަސް އެމެރިކާގެ ކޮންމެ ރައްޔިތަކަށްވެސް ކޮރޯނާވައިރަހުގެ ފަރުވާ ހިލޭ ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މިފަދަ ދަތި ދަނޑިވަޅެއްގައި ރައްޔިތުންނަށް ވާގިވެރިވުމަށް ބާރުއަޅަމުންނެވެ.

މިވަގުތު އެންމެ ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާ އެއްގައުމަކީ އެމެރިކާކަމަށް ވީއިރު، އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވުމަށް އަންގަވާފައެވެ. އެމެރިކާއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް 245,373 ކޭސް ފެނި 6,095 މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން