ދިވެހިން ޓިކްޓޮކު ބޭނުން ކުރަނީ މީހުންގެ އަބުރު ކަތިލުމަށް- ގޫގުލް އިމޭޖެސް
ދިވެހިން ޓިކްޓޮކު ބޭނުން ކުރަނީ މީހުންގެ އަބުރު ކަތިލުމަށް- ގޫގުލް އިމޭޖެސް
ޓިކްޓޮކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ގިނަ މީހުން ބޭނުންކުރާ މީސްމީޑިއާގެ އެންމެ މަގުބޫލު މަންސައެވެ. ޚާއްޞަކޮށް އެންމެ ގިނަ ޒުވާނުން ބޭނުންކުރާ މަންސައެވެ. މިއީ ރާއްޖޭގައިވެސް ކުދިބޮޑު އެންމެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ މަންސައެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެމީހުންގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އާމްދަނީ ހޯދުމުގެ ގޮތުން ބޭނުން ކުރަމުން އަންނަ މަންސައެއްވެސް މެއެވެ. ރާއްޖޭގައިވެސް މި ޕްލެޓުފޯމު ބޭނުންކޮށްގެން ވިޔަފާރިތައް ކުރިއަރުވާ މީހުންނާއި، މީހުންނަށް އެހީ ހޯދުމަށް މަސައްކަތް ކުރާ މީހުން އުޅެއެވެ.

ޓިކްޓޮކަކީ މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ބޭނުން ކުރެވޭނެ މީސް މީޑިއާގެ ވަރަށް މުހިންމު މަންސައެކެވެ. ނަމަވެސް ގިނަ ޒުވާން ދިވެހިން މި މަންސައިގެ ބޭނުންކުރަނީ އެމީހުން ޒުވާބުކޮށް ހަނގާ ކުރުމުގެ ހޮޅުއަށްޓެއްގެ ގޮތުގައެވެ.

ޓިކްޓޮކުގައި 24 ގަޑިއިރު ލައިވްތައް ހުޅުވައިގެންތިބެ މިފަދަ މީހުން ދަނީ އެތައް ބައެއްގެ އަބުރު ކަތިލަމުންނެވެ. ކުދި ބޮޑު އެންމެން ބޭނުން ކުރާ މި އަށީގައި މިބައި މީހުން ދަނީ އަވަގުރާނަ ގޮވައި ހަޑިމުޑުދާރު އަމަލުތައް ހިންގަމުންނެވެ. މި ޕްލެޓުފޯމުގައި މީހުންގެ އަބުރު ކަތިލަމުންދާކަމުގެ އެތައް މައްސަލަތަކެއް ފާއިތުވި އަހަރެއްހާ ދުވަހު ވެސް ވަނީ ފެންމަތިވެފައެވެ.

މިއަދު ޓިކްޓޮކު އެޕް ހުޅުވާލުމުން ފެނުނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ދާދި ފަހުން ރާއްޖޭގައި ރަހީނުކޮށް މަރާލަން އުޅުނު އަންހެން މީހާގެ އަބުރު ކަތިލުމަށް ބައެއް މީހުން މަސައްކަތްކުރާ ތަނެވެ. އެގޮތުން ޓިކްޓޮކްގައި ފޭކު އެކައުންޓެއް ހަދައި އެމީހާއާއި އޭނާއަށް އަނިޔާވެރިވި ފަރާތުގެ ފޮޓޯ ދައުރުކޮށް، އެދެމީހުންނާ ބެހޭ ގޮތުން ހަޑި މުޑުދާރު ވާހަކަަތައް ދެކެވޭ ތަން ވަނީ ފެނިފައެވެ. އަދި ހަމަ އެހެންމެ އެ އަންހެން މީހާ ކުށްވެރިކޮށް، ބަޔަކު މީހުން އޭނާއަށް ފުރައްސާރަ ކުރަމުންދާތަންވެސް ވަނީ ފެނިފައެވެ. އެ އަންހެން މީހާގެ ވަނަވަރު އާންމުކޮށް، އޭނާއާ ބެހޭ ޒާތީ އެތައް ކަންތައްތަކެއް އެތައް ބަޔަކު ބޭނުންކުރާ މި އަށީގައި ހިއްސާކޮށް ބަޔަކު މީހުން ދަނީ އޭނާއަށް އެކި ގޮތްގޮތަށް ފުރައްސާރަ ކުރަމުންނެވެ.

މިއީ ވަރަށްވެސް ދެރަ ކަމެކެވެ. މިކަމުގެ ސަބަބުން އަންހެން މީހާއަށްވެސް، ހަމަ އެހެންމެ އޭނާއަށް އަނިޔާވެރިވި ފަރާތުގެ އާއިލާއަށްވެސް އެތަކެއް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ރަހީނުކޮށް ބިރު ދެއްކި މައްސަލައިގައި އަންހެން މީހާއަށް އެ ލިބުނު ނަފްސާނީ އަނިޔާއިން އަރައި ނުގަނެވެނީސް އަނެއްކާވެސް މީހުންގެ ނުރުހުމުގެ ބަސްތައް އޭނާއަށް ރައްދުވާނެއެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް ބޭރަށްނުކުމެ އުޅުމަށްވެސް ދަތިވާނެއެވެ. މީހުންގެ ޒާތީ ވާހަކަތައް މިހެން މީސް މީޑިއާގައި ބަޔަކު މީހުން ފަތުރަމުން ދިޔަ ނަމަވެސް މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މިއީ އެފަރާތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

މީގެ އިތުރުންވެސް މިފަދަ އެތައް މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ބަލާއިރު، ޓިކްޓޮކް ލައިވުތައް ހުޅުވައިގެން މީހުންގެ އަބުރާއި އިއްޒަތް ކަތިލުމަށް އެތައް ވާހަކައެއް ފަތުރަމުންދާ މީހުންވެސް މި ރާއްޖޭގައި މަދެއް ނޫނެވެ. މީހުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމާއި، އެމީހުންގެ ކިބައިގައި ހުންނަ އައިބު ސިފަތައް ފާހަގަކޮށް އެތައް ބައެއްގެ މެދުގައި އެވާހަކަތައް ދައްކައި، އެމީހުންނަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގެ ޓިކްޓޮކް "ކޮމިއުނިޓީ" ގައި އާންމު ކަމެކެވެ.

ދާދި ފަހުން ޓިކްޓޮކުްގައި މިގޮތަށް ލައިވް ހުޅުވައިގެން އިނދެ ވާހަކަ ދައްކަމުން ދިޔަ މީހަކު ވަނީ ރާއްޖެޓީވީގެ ނޫސްވެރިއަކަށްވެސް ފުރައްސާރަ ކޮށްފައެވެ. އެ ނޫސްވެރިޔާއަށް ފުރައްސާރަ ކޮށްފައިވަނީ ރާއްޖޭގެ ޓިކްޓޮކް ކުޅޭ މީހުންގެ އުޅުމާ ބެހޭގޮތުން ލިޔުނު ޚަބަރަކާ ގުޅިގެންނެވެ. އެގޮތުން އޭނާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި، އޭނާގެ އާއިލާ މީހުންނަށްވެސް ޓިކްޓޮކް ލައިވްތަކުގައި ވަނީ ފުރައްސާރަ ކޮށްފައެވެ. އަދި މިމައްސަލަ އެ ނޫސްވެރިޔާ ފުލުހައް ހުށަހަޅާފައިވާއިރު، މިހާރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ޓިކްޓޮކުގައި ވަރަށް މަޝްހޫރު ފަރާތެއް ކަމަށްވާ ޓިކްޓޮކް ރާނީވެސް ވަނީ އެތައް ބަޔަކު ތިބި ލައިވް އެއްގައި މިދިޔަ އީދުތެރޭގައި ރާއްޖެއަށް މަޝްހޫރުވި ކަމަދޫ ޒާރާއަށް ވެސް ފުރައްސާރަ ކޮށްފައެވެ. އެގޮތުން ޒާރާއާ ބެހޭ ގޮތުން އެކިކަހަލަ ބޭ އަދަބީ ވާހަކަތައް ދައްކައި، އޭނާ ސަން ސިޔާމާއި ކައިވެނި ކުރަން އުޅޭތީ އެކަމާބެހޭ ގޮތުންވެސް މިމީހުން ވަނީ އެތަކެއް ވާހަކަތަކެއް ދައްކާފައެވެ.

މީހުންގެ ޒާތީ ކަންކަމާ މިފަދަ ބީދައަކުން ބެހުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އަދި މީހުންނަށް ފުރައްސާރަކޮށް އެމީހުންގެ އަބުރު ކަތިލުމުގެ ހައްގުވެސް އެއްވެސް މީހަކަށް ލިބިފައެއް ނުވެއެވެ. މިއީ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް އަދި ރާއްޖޭގެ ގާނޫނުތައްވެސް ހުއްދަކުރާ ކަމެއް ނޫނެވެ.

މިފަދަ ކަންތައްތައް ޓިކްޓޮކުގައި އާންމު ވަމުންދާއިރު، ވަރަށް ގިނަ މީހުން ދަނީ ރާއްޖެއިން ޓިކްޓޮކް 'ބޭން' ކުރަންޖެހޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ނަމަވެސް މިކަން މިހެން ވެއްޖެނަމަ އެއީ ޓިކްޓޮކް ރަނގަޅު ގޮތުގައި ބޭނުން ކުރަމުން އަންނަ މީހުންނަށް ލިބޭ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟ ރާއްޖޭގައި ޓިކްޓޮކް ބޭނުންކޮށްގެން ވިޔަފާރި ހިންގާ ފަރާތްތަކަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އަދި ހަމަ އެހެންމެ ޓިކްޓޮކް ބޭނުން ކޮށްގެން އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަންޑްރައިޒް ކޮށްދޭ މީހުންނަށްވެސް މިކަން މިހެން ވެއްޖެނަމަ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. އަދި މުހިންމު މައުލޫމާތު ފަތުރާ މީހުން ހޭލުންތެރި ކުރުމުގެ ނިޔަތުގައި ޓިކްޓޮކް ބޭނުން ކުރާ ފަރާތްތަކަށް ވެސް މިއީ ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ.

މައްސަލައަކީ "ޓިކްޓޮކް" އެއް ނޫނެވެ. ބައެއް ދިވެހިންގެ އުޅުން ބައްޓަންވެފައިވާ ގޮތެވެ. ބައެއް ދިވެހިންގެ ވިސްނުމާއި އަޚުލާގެވެ. ބައެއް ދިވެހިން ދެކޭ ގޮތުގައި އެބަޔަކު ހިތްހަމަ ނުޖެހޭ ގޮތަކަށް މީހަކު ކަމެއް ކޮށްފިނަމަ އެފަރާތެއްގެ ފުށުން ބަދަލު ހިފަން ޖެހެއެވެ. އެހާހިސާބުން އެވީ ލައިވްތައް ހުޅުވައިގެން އެމީހަކު ބޭޒާރު ކޮށްލައި ގަނާކޮށް އަގުވައްޓާލާށެވެ. މިކަން މިހެން ވުމަށް ފުރުސަތު ދެނީވެސް ހަމަ މި މުޖުތަމައުގެ މީހުންނެވެ. ބަޔަކު ތަނަކަށް އަރާތިބެ ޒުވާބު ކުރާނަމަ އެތަނަކަށް މީހުން ދާވަރު ގިނަވަނީއެވެ. އަދި މިފަދަ ބޭއަދަބީ އަމަލުތައް ކޮށްގެން އެތައް ބަޔަކު މިދަނީ މަޝްހޫރުވަމުންނެވެ. މިކަން މިހެންވަނީވެސް ހަމަ މިކަން ބަލަން ތިބޭ މީހުންގެ ޢަދަދުވެސް ގިނަވާތީއެވެ. އެކަން ހުއްޓުވުމުގެ ބަދަލުގައި އެއީ މަޖާކަމެއް ކަމަށް ދެކި ހީ ސަމާސާކޮށް އެމީހުންނަށް އެއްބާރުލުން ދޭތީއެވެ.

ޓިކްޓޮކް ބޭން ކުރިއަކަސް މިފަދަ މައްސަލަތަކަށް ހައްލެއް ނުލިބޭނެއެވެ. ޓިކްޓޮކް ނޫންނަމަ ދެން އެހެން މީޑިއާގެ ވަސީލަތެއް ބޭނުން ކޮށްގެން ވެސް އެފަދަ މީހުން މިކަންތައް ތަކުރާރު ކުރާނެއެވެ. އެހެންކަމުން މިކަންތައް ހުއްޓުވަން ކޮންމެވެސް އެހެން ގޮތެއް ހޯދަން ޖެހެއެވެ. ފުލުހުންނާއި، ސަރުކާރުގެ އިދާރާތަކުން ގުޅިގެން މިފަދަ ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރަން ޖެހެއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އެމީހުންގެ ހައްގުތައް ހޯދައިދޭން ޖެހެއެވެ. މީސް މީޑިއާގައި މީހުންގެ އަބުރު ކަތިލަމުން ދުވާ މީހުންނަށް އަދަބު ދީގެން ނޫނީ މިކަންކަން ނުހުއްޓުވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން