މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފަ
މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފަ
މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފަށް ޙަމަލާދިން މީހާއަށް ޖޫރިމަނާ ޙުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

އައްޑޫ ޝަރީފަށް ޙަމަލާ ދީފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކުރިޔަށްދިޔަ ދުވަހުގެ މެންދުރު މަންހަޓަން ބިޒްނަސް ހޮޓެލް ތެރޭގައި ހުންނަވަނިކޮށެވެ.

ޝަރީފަށް ޙަމަލާދިން މައްސަލާގައި ދަޢުލަތުންވަނީ ސ. ހުޅުދޫ ހެޕީބާރޑް އަޙްމަދު ލައްމާޙު ނިޡާމްގެ މައްޗަށް 3 ދަޢުވާއެއް އުފުލާފައެވެ. އެއީ އަނިޔާއެއް ދިނުމުގެ ދަޢުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާ އާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާއެވެ.

ލައްމާޙުގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައިވަނީ 30 ސެޕްޓެމްބަރު 2023 ވަނަ ދުވަހު އިބްރާހިމް ޝަރީފް، ގަލޮޅު މެންހެޓަން ބިޒްނަސް ހޮޓެލްސްގެ ރޫމެއްގައި ހުއްޓައި އެތަނަށްވަދެ ޝަރީފުގެ ވާއަތު ލޯމަތީގައި ޖަހައި އަނިޔާ ކޮށްފައިވާތީއެވެ. އަދި މުދަލަށް ގެއްލުންދިނުމުގެ ދައުވާ ކޮށްފައިވަނީ، ޝަރީފް އަޅައިގެންހުރި އައިނު ހަލާކު ކޮށްލުމުންނެވެ. އޭގެއިތުރުން ހުއްދަ ނެތް ތަނަކަށް ވަނުމުގެ ދައުވާ ކޮށްފައިވަނީ، ޝަރީގެ ބެލުމުގެ ދަށުގައި ހުރި ގަލޮޅު މެންހަޓަން ބިޒްނަސް ހޮޓެލްގެ ކޮޓަރިއަށް ޝަރީފްގެ ހުއްދަނެތި ވަދެފައިވާ މައްސަލައިގައެވެ.

ލައްމާޙުގެ އިތުރުން ލ. ގަން-ތުނޑި އުރަހަ އިބްރާހީމް ޔުނައިސްގެ މައްޗަށް މި މައްސަލާގައި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދަޢުވާ ދަޢުލަތުން އުފުލާފައިވެއެވެ. އޭނާއަށް މި ދަޢުވާ އުފުލާފައިވަނީ ހޭއަރުވާލާނެ ކަމަށްބުނެ ޝަރީފަށް އިންޒާރުދިން މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަތަކުގައި ކޮށްފައިވާ ޙުކުމްތަކުގައި ބުނެފައިވަނީ މިމީހުން ދަޢުލަތާއެކު އިޢުތިރާފް އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން އެމީހުންގެ މައްޗަށް އިއްވާފައިވަނީ ޖޫރިމަނާ ޙުކުމްތަކެކެވެ.

އެގޮތުން އަނިޔާއެއް ދިނުމުގެ ދައުވާގައި ކްރިމިނަލް ކޯޓުން ލައްމާޙަށް އިއްވާފައިވަނީ 2400 ރުފިޔާގެ ޖޫރިމަނާ ޙުކުމެކެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާގައި އިއްވާފައިވަނީ 1800 ރުފިޔާގެ ޖޫރިމަނާ ޙުކުމެކެވެ. ހަމައެއާއެކު އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާގައި އިއްވީ 800 ރުފިޔާގެ ޖޫރިމަނާ ޙުކުމެކެވެ.

އޭގެއިތުރުން ކްރިމިނަލް ކޯޓުން ޔުނައިސްގެ މައްޗަށް އިއްވާފައިވަނީ 2400 ރުފިޔާގެ ޖޫރިމަނާ ޙުކުމެކެވެ.

އަދި އެ ފައިސާ 3 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ޤާޟީ ޢާއިޝަތު ނުޒުހާ އިއްވެވި ޙުކުމްތަކުގައި އެމީހުންނަށް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން