އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނެގުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ކުރައްވާ މަސައްކަތުގެ މަންޒަރު މުޅިން ބަދަލުކޮށްލައި ފައްޔާޒުގެ އިތުބާރު އޮތްކަން ނުވަތަ އެއީ ހުސް "ހޮޅިވާހަކަ" ކަން ދޭހަވާ ފަދަ މަންޒަރުތަކެއް ފެނިގެން ހިނގައްޖެއެވެ. ރައީސް ނަޝީދު ފައްޔާޒު ސައިޒުކޮށްލައްވައި ކުޑަކޮށްލެއްވި ވަރުން ގިނަ ބަޔަކު ގަބޫލުކޮށްގެން ތިނީ ދެން ފައްޔާޒަށް ރައީސް ނަޝީދުގެ ކުރިމައްޗަށް އަރާވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. ނަމަވެސް އެ މަންޒަރު ބަދަލުކޮށްލީ ހަމަ އެންމެ ފޮޓޯ ގަނޑަކުންނެވެ. ރައީސް ނަޝީދު އެއްލަވާ ބޯޅަ ކިތަންމެ ބާރުވެފައި ޖައްސަވަން އުނދަގުލަސް ފައްޔާޒު މިފަހަރު އެބޯޅަ ޖެއްސެވީ ސީދާ ހަޔަކަށެވެ.

ސަރުކާރުގެ ތެރޭގަައި "ބްރޯ" ހެދިގެން ވަޒީރަކަށް ނޫޅުއްވޭނެކަމަށް ވިދާޅުވެ މީގެ ހަފުތާއެއްހާ ދުވަސްކުރިން ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން މިނިސްޓަރ ފައްޔާޒް އިސްމާއިލް "ސައިޒު" ކޮށްލައްވައި ފައްޔާޒުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ވޯޓުނަގައި މަގާމުން ދުރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސިޔާސީ ގޮތުން އަބަދުވެސް ހަކުޅި ކުރިއަށް ކުޅުއްވާނެކަމަށް ވިދާޅުވާ ރައީސް ނަޝީދަށް މިކަމުގައި އަދި ކުރިއަށް ކުޅުއްވުނު ކުޅިއެއް ނުފެނެއެވެ.

މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް އަދިވެސް ހުއްޓަވާ ނުލައްވާކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންވެސް ވިދާޅުވެއެވެ. ނަމަވެސް މިކަމުގައި ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅު ފަރާތްތަކުން ފައްޔާޒު ސަލާމަތް ކުރުމުގައި މާދުރަށްވިސްނައި މިކަން ނާކިޔާބްކޮށްލެވޭނެ ހުރިހާ ކުޅިއެއް ކުޅެމުންދާކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

މިވަގުތު ސަރުކާރުގެ ތެރޭގައި ހުންނެވި، ރައީސް ނަޝީދުގެ އެންމެބޮޑު ހަތުރަކީ މިނިސްޓަރ ފައްޔާޒުކަމަށް ގިނަބަޔަކަށް ސިފަކުރެވުނު ނަމަވެސް ރައީސް ނަޝީދުގެ ތާރީޚީ "ދެރަދުން" ފޮތާއިއެކު މުޅި މަންޒަރު މިވަނީ ބަދަލުވެފައެވެ. ރައީސް ނަޝީދުގެ ފޮތާއި، ފައްޔާޒާއި ނަޝީދުގެ އޮތް ހަތުރުވެރިކަން ބަދަލުވާ ހިސާބަކީ ނުވަތަ މަންޒަރު ބަދަލުކޮށްލާ ހިނދުކޮޅަކީ ފައްޔާޒު އެފޮތް ބައްލަވައިގަނެ، ފޮތުގެ މުސައްނިފުގެ ގަލަންކޮޅުން ތާރީޚު ޖައްސަވައި ދެއްވާ އަގުހުރި މެސެޖު ލިއުއްވި ވަގުތު ކޮޅެވެ. އެވަގުތުކޮޅަކީ ހަމަ ހަގީގަތުގައިވެސް ކަޅުހިލަދައިގެ ސީދާ މެދަށް މަސްވަޅި ޖަހާލެވުނު ވަގުތުކޮޅުގެ ގޮތުގައި ވެސް ސިފަ ކުރެވިދާނެއެވެ. މިއީ މިކަން ހިނގުމާއިހަމަޔަށް އެމްޑީޕީގެ އެއްވެސް މެމްބަރަކުވެސް އަދި ސިޔާސީ މަސްރަހާއިމެދު ފިކުރު ހިންގާ އެއްވެސް މީހަކުވެސް، ހިނގާފާނެކަމަށް ހީކުރި ކަމެއް ނޫނެވެ. އެހާ އަވަހަށް އަންނާނެ ކަމަށް ގަބޫލުކޮށްގެން ތިބި ސާޢަތެއް ނޫނެވެ. މާއަވަހަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ތިބި މަންޒަރެއްވެސް ނޫނެވެ.

ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ވިދާޅުވަނީ މިއީ ސިޔާސީ ގޮތުން މިނިސްޓަރ ފައްޔާޒު ޖެއްސެވި މޮޅު "ރޮކެޓް" އެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ފައްޔާޒުގެ ވޯޓުގެ ވާހަކައަކީ މުޅިން އެހެން ކަމެކެވެ. އެފަދަ ފަރާތްތަކުން ބުނަނީ މިއީ އެމްޑީޕީގެ އެތެރޭގައި ޑިމޮކްރެސީ އޮތްކަން ދައްކާލުމަށް ކުޅުނު ޑްރާާމާއެކެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ރައީސް ޞާލިޙުގެ ބަލިކަށިކަން ދައްކާލުމަށް ރައީސް ނަޝީދުކުރިއަށް ގެންދަވާ ސިލްސިލާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބޮޑު މަންޒަރެކެވެ. ނަމަވެސް މިމަންޒަރުގެ ސަބަބުން އާންމު މެމްބަރުންގެ މެދުގައި ފައްޔާޒުގެ އިތުބާރު ބޮޑުވެ، ފައްޔާޒު ބޭނުންވާ ރަނގަޅު މެސެޖެއް ދެވިއްޖެ ކަމަށް ގިނަބަޔަކު ދެކެއެވެ. އަދި މިމަންޒަރަކީ ރައީސް ނަޝީދުވެސް އުންމީދު ކުރެއްވި މަންޒަރެއްނޫންކަމަށް ރައީސް ނަޝީދާއި އަރިސް ބައެއް ބޭފުޅުންވެސް ވިދާޅުވެއެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވަނީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަޔަކީ ސިޔާސީ "ގޭމް" އެއް ކަމަށެވެ. މިއީ ސަރުކާރުން ހިންގާ ބައެއް ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން އޮއްބާލައި ހެޑްލައިން ހިފަހައްޓާލަން ޖެއްސި މޮޅު "ގޭމް" އެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަ ކުރެއެވެ. އަދި މިއީ ސަރުކާރުގެ ތެރޭގައި ތިއްބެވި ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ރުއްސަންވެގެން ކޯލިޝަންގެ ވަޒީރުން ގުރުބާން ކުރަން މަތިކުރި މައްސަލައެއް ކަމަށް ވެސް މިހާރު ބައެއް މީހުން ގަބޫލުކުރެއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިދިކޮޅުން ބުނެފައިވަނީ މިމައްސަލަޔަކީ ސަރުކާރުން ނަގަމުންދާ ބޮޑެތި ލޯނުތަކާއި ކުރަމުންދާ ވައްކަންތަކާއި، ނޭއްގާނީ ކަންކަން އޮއްބާލުމަށް ރޭވިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ. އަދި މިއީ އިދިކޮޅުން އެއްވެސް ސަމާލުކަމެއް ދޭ މައްސަލައެއް ނޫންކަމަށް ބުނެފައިވެއެވެ.

މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ. މިހާތަނަށް 22 މެމްބަރުންގެ ސޮއި ލިބިފައިވާކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕްގެ ތެރޭގައި ހުއްޓުމަކަށް އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިކަމުގައި ހުންނެވި ގޮތް ނުވަތަ ވިސްނާ ވަޑައިގަންނަވާ ގޮތް، އަރާ ހުންނެވި ކޮޅު ހާމަކުރެއްވި ހިސާބުންނެވެެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ފުރިހަމަ އިތުރުބާރު އޮތްކަމަށާއި، ވަޒީރު ދިފާއު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަރަށް ފާޅުގައި ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފައްޔާޒު މަގާމުން ވަކިކުރާ ވަރުގެ އެއްވެސް ކަމެއް މިހާތަނަށް ހިނގާފައި ނެތް ކަމަށެވެ. އަދި އެއީ ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ވަޒީރެއްކަމަށް ވެސް، ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެންވީމާ ރައީސް ނަޝީދު އެވިދާޅުވާ ގޮތަށް ފައްޔާޒަކީ މި ސަރުކާރުގެ "ބްރޯ" އަށް ހަމަ ވުން ވަރަށް ގާތެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައީސް ނަޝީދަށް ނާކާމިޔާބުބެ ކުޅުއްވަން އުޅުއްވި ހަކުޅި އެއްފަހަރާ ފައްޔާޒު ބައްދާލައި ފައްޔާޒާއި ރައީސް ޞާލިހު މިފަހަރު ކުޅިފަސް ހޯދައިފި ކަމަށް ވެސް މިހާރު އެއްބަޔަކު ތިބީ ނިންމައިގެންނެވެ. ރީކޯ މޫސަ ވިދާޅުވާ ފަދައިން މިކަން ކާމިޔާބު ނުވުން ވެގެންދާނީ ރައީސް ނަޝީދުގެ ބާރު އެމްޑީޕީގެ ތެރެއިން ބަލިކަށިވެ ރައީސް ނަޝީދު ބޭނުންހާ ގޮތަކަށް އެމްޑީޕީ މިހާރު އަނބުރާ ނުލެވޭނެ ކަމުގެ ސާފު ބޮޑު މަންޒަރު ފެނިގެންދާނެ ކަމަކަށެވެ. އެކަމަކު ރައީސް ނަޝީދަކީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރައްވައި ގޮތް ދޫކުރައްވާނެ ވެސް ބޭފުޅެއް ނޫނެވެ. ރައީސް ނަޝީދުގެ އެއް މޮޓޯއަކީ ވެއްޓުނީމާ ވެލި ފޮޅާލާފައި އަވަހަށް ތެދުވެ އެއަށްވުރެ ބާރަށް ދުއްވައި ގަތުމެވެ. ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާ އެއް ބަސްފުޅަކީ "މިއޮޑިއެއް ނުފެތޭނެ" ކަމަށް ވިދާޅުވާ ބަސްފުޅެވެ. "އަދި ވެސް އެނބުރި އަންނާނެ" ކަމުގެ ވަޢުދެވެ.


ކިޔުންތެރިންގެ ހިޔާލު


1

މޫނު

22-Aug-2020

ފައްޔާޒު މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ, އެހެންނޫނީ މި ފަސްއަހަރު އިބޫގެ ވައުދު ތަންފީޒު ނުކުރެވޭ ތަނުގައި ދައުލަތް އިދެޖައްސާލާތަން ފެންނާނީ ޑީއާރުޕީ ޓިކެޓު ގައި ސާހިދު ވެރިކަމަށް މިއަންނަ ދައުރުގައި ނެރެން ފައްޔާޒު އަޑީގައި ހުރެގެން ލާރިހޯދަމުން އެދަނީ އިބޫ މިކަމާ ވިސްނަޖެހޭ


17

އަބޫމުޙައްމަދު

21-Aug-2020

ބަލަ އަހަރެމެން ބުނަމުން އައީމެއްނު. ދައްޕަރާއި ހަނިމާދޫ އިންޑިއާއަށް ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކޮށް ރާއްޖެއަކީ "ނަމުގައި މިނިވަން" ހަގީގީ އަޅުވެތި ގައުމެއް ކަމުގައި ހަދާން ކުރި މަސައްކަތުގެ ފޯކަސް ގެއްލުވާލަން ހުރިހާ ވަގުންތައް ގުޅިގެން ކުޅުނު ޑްރާމާއެކޭ. ރަސް. އެމްވީ އަކީ ވެސް ސަރުކާރުން މި ހިންގާ ޖަރީމާތައް އޮމާންކޮށްދޭ ނޫހެއް. ރައީސް އޮފީހުން ބޮޑު މުސާރަ ދީފައި ތިބި ބަޔަކު ޕްރޮޕެގެންޑާ ހިންގާން ނެރޭ ނޫހެއް ތީ.



ޓްރެންޑިން