ބަލީގެ އާލާމާތްތައް ހުރެގެން ޓެސްޓް ކުރި ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކު ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ހާމަކުރައްވައިފި އެވެ.

އެމަޖެންސީ ރެސްޕޮންސް ސެންޓަރުން ދަރުބާރު ގޭގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ކުރެއްދޫ ރިސޯޓުން ޓެސްޓްކުރި ދެ މީހަކު ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދެމީހުންނަކީ މެނޭޖްމަންޓްގައި މަސައްކަތް ކުރާ ދެ ބިދޭސީން ކަމަށެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖެއިން ކޯވިޑް 19 އަށް ޕޮޒިޓިވް ދެ ކޭސް ފެނުމާ އެކު ރާއްޖޭގެ ހާލަތު ޔެލޯ އެލާޓަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ކުރެއްދޫ ރިސޯޓްގެ ހާލަތު އޮރެންޖުގައި އޮތް ކަމަށާއި އެ ރަށަށް މީހުން އަރައިފޭބުން މަނާވާނެ ކަމަށެވެ.

އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒަރއެއް ބޭނުން ކޮށްގެން ގިނަ ގިނައިން އަތް ސާފު ކުރުން ހިމެއެވެ. ރޯގާގެ އަލާމާތެއް ފެނި ކެއްސާ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ނިވާކުރުމާއި އެހެން މީހުންގެ ރައްކަލަށްޓަކައި އެފަދަ މީހުން މާސްކް އަޅައިގެން ނޫނީ އާންމުންގެ ތެރެއަށް ނުކުމެ ނޫޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދީފައިވެއެވެ. މީގެއިތުރުން އަތް ދޮވެ ސާފުކޮށްގެން ނޫނީ އަނގައާއި ނޭފަތާއި ލޯ ނުވަތަ މޫނުގައި އަތް ނުލުމަށާއި ކަރުތެރެ ހިކުނަނުދީ އަވަސް އަވަހަށް ފެން ބުއިމަށާއި ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށްވެސް ލަފާދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން