(މިއީ ހިޖުރައިން 1320 / މީލާދީން 1902 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ތާރީޚު ދިވެހި ބަހުން ލިޔުމަށްޓަކައި، އައްސުލްޠާން އަލްޙާއްޖު މުޙައްމަދު ޢިމާދުއްދީން އިސްކަންދަރުގެ އަމުރުފުޅަށް އެކުލަވާލެވުނު ކޮމިޓީން ލިޔުނު 'ދިވެހި ތާރީޚު' ފޮތުން ނަގައިގެން މިޒަމާނުގެ ބަހުރުވަޔަށް ބަދަލުކޮށްގެން ލިޔާ ސިލްސިލާ މަޒުމޫނުތަކެކެވެ.)

ގޯވާގެ ޕޯޗުގީޒުން ދިވެހިރާއްޖެއަށް ދިން އެންމެ ފަހު ހަމަލާގައި ދިވެހީންނަށް ލިބުނު ނަޞްރާ ގުޅިގެން، ދިވެހިރާއްޖެއިން ގޯވާ މީހުންނަށް (ޕޯޗުގީޒުންނަށް) ދީ އުޅުނު ތަކެއްޗާއި، ކަންނަންނޫރު އަލީރާޖާއަށް ދޭ ތަކެތި އެ ދެބައިމީހުންނަށް ދިނުން އިސްކަންދަރު ރަސްގެފާނު ހުއްޓަވާލެއްވިއެވެ. އެތަކެއްޗަކީ ގޯވާއަށް ވަޑައިގެންނެވި ޙަސަން ރަސްގެފާނުގެ ކާފާފުޅު، ކަޅު މުޙައްމަދު ރަސްގެފާނުގެ ޒަމާނުއްސުރެން ފަށައިގެން ދިވެހިރާއްޖެއިން ދެމުން އައި ތަކެއްޗެވެ. މި ހަނގުރާމަ ހިނގައި މިތަކެތި ދިނުން ހުއްޓާލީ ހިޖުރައިން 1059 (މީލާދީން 1649) ވަނަ އަހަރުގެ ތެރޭގައެވެ.

ދެން އަލީރާޖާއަށް ދެމުން އައި ތަކެތި ދިނުން ހުއްޓާލީމާ، އެކަމާ ރުޅިއަރައިގެން ހަތިޔާރު ލައި ހަނގުރާމައަށް ތައްޔާރުކޮށްފައިވާ ގުރާބުތަކެއްގައި އޭނާގެ ސިފައިންގެ ތެރެއިން ބަޔަކު ދިވެހިރާއްޖެއަށް ފޮނުވިއެވެ. މިބައިމީހުން ރާއްޖޭގެ ސަރަހައްދަށް ވަން ޚަބަރު އައްސަވާފައި އިސްކަންދަރު ރަސްގެފާނު ދިވެހި ސިފައިންގެ ބަޔަކު ހަނގުރާމައަށް ތައްޔާރުކުރައްވާފައި ފޮނުއްވިއެވެ. އަދި ޚުދު ރަސްގެފާނު ވެސް އެމީހުންނާއެކު ހަނގުރާމައަށް ވަޑައިގެންނެވިއެވެ.

ރަސްގެފާނާއި ދިވެހި ސިފައިންނަށް ދުޝްމަނުންނާ ބައްދަލުވީ އެމީހުން ރާއްޖޭގެ ބައެއް ރަށްރަށަށް އަރައި މީސްމީހުންގެ މުދާ ފޭރި، މީސްމީހުންނަށް އަނިޔާކޮށް އުޅެނިކޮށެވެ. ދެން ރަސްގެފާނުގެ ލަޝްކަރު އެބައިމީހުންނާ ހަނގުރާމަކުރައްވައި، އެމީހުން ބަލިކޮށް، ފައްސަވައި ފޮނުއްވައިލެއްވިއެވެ. އެއަށްފަހު ރަދުން ލަޝްކަރާއިގެން މާލެ ވަޑައިގެންނެވިއެވެ.

ދެން އަނެއްކާ ވެސް ދުވަސްކޮޅަކުން އަލީރާޖާ އޭނާގެ ސިފައިންގެ ބަޔަކު ދިވެހިރާއްޖެއާ ހަނގުރާމައަށް ފޮނުވިއެވެ. މި ޚަބަރު ލިބިވަޑައިގަތުމުން އިސްކަންދަރު ރަސްގެފާނު ދިވެހި ސިފައިންގެ ލަޝްކަރެއް އެބައިމީހުންނާ ހަނގުރާމައަށް ފޮނުއްވެވިއެވެ. ދިވެހި ލަޝްކަރަށް އެމީހުން ތިބި ހިސާބަށް ދެވުނު އިރު އެ މީހުން ވަނީ (މާޅޮސްމަޑުލު އުތުރުބުރީ) ކުޑަފުއްޓަށް އަރައި އެރަށު ހުކުރު މިސްކިތް އަންދާލައިފައެވެ. ދެން ދިވެހި ސިފައިން ބޮޑުބަޑި ޖަހައި އެމީހުން ބަލިކޮށް، ފައްސާލިއެވެ.

ދެން އެ ގޮތަށް މަލާބާރީންގެ މީހުން (އަލީރާޖާގެ ސިފައިން) ދިވެހިރާއްޖެއަށް އައިސް ރަށްރަށަށް އަރައި ނިކަމެތި ރައްޔިތުންގެ މުދާތައް ފޭރި، މީހުންނަށް އަނިޔާކޮށް އުޅޭލެއް ގިނަވެގެން، އެކަމާ ރަދުން ފިކުރުފުޅުކުރައްވައި، އަލީރާޖާގެ ފިތުނަވެރިކަން ނައްތަވާލެއްވުމަށް ނިންމެވިއެވެ. އެގޮތުގެ މަތީން ދިވެހި ސިފައިންގެ ތެރެއިން، ހަނގުރާމަތަކުގައި ނަޞްރުލިބި, ތަޖުރިބާލިބިފައިވާ ބަޔަކު، އަލީރާޖާއާ ހަނގުރާމައަށް ފޮނުއްވެވިއެވެ. މި ލަޝްކަރު ގޮސް، އަލީރާޖާގެ ދަށުގައި އޮތް ދީވަންދުރޯގެ (މަލިކުގެ އުތުރުން ހުންނަ ލަކްޝަދީބުގެ) ރަށްރަށަށް ހަތިޔާރު ހިފައިގެން އަރައި، އެރަށްރަށުގެ މީހުން ބިރުގެންނެވިއެވެ. އަދި އެތަނުގައި ތިބި އަލީރާޖާގެ ސިފައިން ފައްސާލައި، އަލީރާޖާގެ ސިފައިން ރާއްޖޭގެ ރަށްރަށަށް އަރައި ކަންތައްކުރާ ފަދައިން، އެރަށްތަކުގެ މީހުންގެ މުދާތައް ފޭރި، ގޭގެ އަންދައި، އެމީހުންގެ މައްޗަށް ނަޞްރުލިބިގެން މާލެ އައެވެ. ދެން ރަސްގެފާނު އެކަމާ އުފާފުޅުކުރައްވައި އިއްޒަތުގައި އެ ލަޝްކަރުގެ ސިފައިން މާލެއަށް ބޭލުއްވިއެވެ.

އޭގެ ފަހުން (އަލީރާޖާގެ ދަށުގައި އޮންނަ ދިވެހި ރަށެއް ކަމުގައިވާ) މަލިކުގެ ރަށުވެރީންނާއި، އެ ރަށުގެ ބޮޑުން މާލެ ގެންނަވައި، އެތައް ދުވަހަކު ހައްޔަރުކޮށްފައި ބޭތިއްބެވިއެވެ. އަދި އެއަށްފަހު މަލިކުގެ ވާރު (ޓެކްސް)، އަހަރަކު 12 ލާރީގެ ގޮތުގައި ހަމަޖައްސަވާފައި އެމީހުން އަނބުރައި މަލިކަށް ފޮނުއްވެވިއެވެ. މިކަންތައް މިހެން ކުރެއްވީ ދިވެހިރާއްޖޭގެ ރަސްގެފާނު އަލީރާޖާގެ ރަށެއް ހިއްޕަވައިފިއޭ ބުނެވޭނެ ފަދަ ގޮތަކަށެވެ.

ދެން މިކަމާ އަލީރާޖާ ހައިރާންވެ ހަނުހުރެއްޖެއެވެ. ދިވެހިރާއްޖެއާ ހަނގުރާމަ ކުރާކަށް ވެސް، އަދި (އިސްކަންދަރު ރަސްގެފާނު ދެއްވުން ހުއްޓަވާލެއްވި) އެއްޗަކަށް އެދިގެން ވެސް ބަޔަކު ނުފޮނުވައެވެ. އަދި މިއަށް ފަހު ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ކަންނަންނޫރުގެ ވެރީންނާ މެދު އޮންނަ އަދާވާތްތެރިކަން ނިމި ދެބައިމީހުން ސުލްހަވެގެން ތިބެއްޖެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން