ރައީސުލްޖުމްހޫރިއްޔާ، ކޯވިޑް-19 އަަާއި ގުޅިގެން އުފައްދަވާފައިވާ ޓާސްކްފޯސް ޓީމާއެކު
ރައީސުލްޖުމްހޫރިއްޔާ، ކޯވިޑް-19 އަަާއި ގުޅިގެން އުފައްދަވާފައިވާ ޓާސްކްފޯސް ޓީމާއެކު
ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ދޭން ނިންމި އެހީގެ އަދަދު 17.3 މިލިއަން ޑޮލަރަށް އަރައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޞިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށް ވެދޭ އެހީއެއްގެ ގޮތުން 10 މިލިއަން ޑޮލަރު އެބޭންކުންވަނީ ރާއްޖެއަށް ދީފައެވެ. އަދި އަވަސް އެހީގެ ގޮތުގައި 7.3 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް މިހާރު ނިންމާފައިވާކަން އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ބަލި ޖެހޭ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ އާލާތްތަކާއި ޞިއްހީ ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި ހޯދުމަށާއި، ބާރުބޮޑުވާ ހާލަތްތަކުގައި ވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދެވޭކަން ކަށަވަރުކުރުމަށް ހޮސްޕިޓަލްތަކަށް އެހީތެރިވުމާއި، ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، އަދި ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޞިއްހީ ޚިދުމަތްތެރިން ތަމްރީންކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވެދެވޭނެ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނީ، ކޯވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވެމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ވާލްޑް ބޭންކް ގްރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ވާލްޑް ބޭންކުން ދިވެހިރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫޢުތަކުގައި ޝާމިލްވާ ފަރާތްތަކުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ހެލްތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން