ފަލަސްތީނުގެ ނޫސްވެރިޔާ ބިސާން އޮއުޑާ- ގޫގުލް އިމޭޖެސް
ފަލަސްތީނުގެ ނޫސްވެރިޔާ ބިސާން އޮއުޑާ- ގޫގުލް އިމޭޖެސް
އޭޖޭ ޕްލަސް ރިޕޯޓްސްގެ ދަށުން ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ ބިސާން އޮއުޑާ އުފެއްދި ޑޮކިއުމެންޓަރީއަށް އެމީ އެވޯޑެއް ލިބިއްޖެއެވެ.

މި ޑޮކިއުމެންޓަރީ އަކީ "އިޓްސް ބިސާން ފްރޮމް ގާޒާ، އައި އެމް ސްޓިލް އެލައިވް" ގެ ނަމުން ނަން ދެވިފައިވާ ޑޮކިއުމެންޓްރީއަކަށްވީއިރު، މީގައި ފެނިގެންދަނީ ގާޒާގައި އޭނާ ދިރިއުޅެމުންދާ ގޮތެވެ.

މި ޑޮކިއުމެންޓަރީ އަކީ ގާޒާގައި ހިނގަމުންދާ ކަންކަން މުޅި ދުނިޔެއަށް ހާމަކުރުމަށްޓަކައި ކުރިއަށް ދިޔަ ޑޮކިއުމެންޓަރީއަކަށް ވީއިރު މި ޑޮކިއުމެންޓަރީ ގައި އޭނާ ވަނީ ގާޒާގެ ރައްޔިތުން ދިރިއުޅެމުންދާ ހާލާއި، ކުރިމަތިލަމުންދާ އެކިކަންކަމުގެ ވާހަކަތައް ދައްކާފައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި، އެކަމުގެ ސަބަބުން މީހުން ތަހައްމަލު ކުރާ ކަންކަންވެސް މި ޑޮކިއުމެންޓަރީ އިން އެނގެއެވެ.

ބިސާން އަދިވެސް ގާޒާގައި ތާށިވެފައި ހުރުމުން އޭނާގެ ފަރާތުން މި އެވޯޑާ ހަވާލުވީ އޭޖޭ ޕްލަސްގެ ސީނިއާ އެގްޒެކެޓިވް ޕްރޮޑިއުސަރު ޖޯން ލޮރެންސް އެވެ. އޭނާ ވަނީ މި ފުރުސަތުގައި އެކަނި މާއެކަނި އައި ފޯނެއްގެ ޒަރިއްޔާއިން ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ބިސާން ފަލަސްތީނުގެ ހާލަތު ފޯރުކޮށްދިނުމަށް ކުރަމުން އައިސްފައިވާ ބުރަ މަސައްކަތްތައް ފާހަގަ ކޮށްްފައެވެ.

ގާޒާގައި މިހާތަނަށް 100 އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އަލް ޖަޒީރާގެ ނޫސްވެރިން ހިމެނޭ ކަމަށްވެސް ޖޯން ވަނީ ފާހަގަ ކޮށްފައެވެ. އަދި ފަލަސްތީނުގައި ހުރި އަލްޖަޒީރާގެ ބިއުރޯވެސް ބިރު ދައްކައިގެން ބަންދު ކޮށްފައިވާކަން އޭނާ ވަނީ ހާމަ ކޮށްފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ނޫސްވެރިކަމަކީ ކުށެއް ނޫން ކަމަށާއި، އިސްރާއީލުން ނޫސްވެރިންގެ އަޑު ކަނޑުވަން އުޅުނަސް އެކަން ނުވާނެ ކަމުގެ ހެއްކަކަށް މި އެވޯޑު ޥާނެ ކަމަށެވެ. އަދި މި އެވޯޑު ބިސާން އަށާއި އޭޖޭ ޕްލަސް އަށް ލިބުމަކީ އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކުރާ ކަމުގެ ހެއްކެއް ކަމަށާއި، އެކަމަށް ޖާނަލިޒަމް ކައުންސިލަށް ޝުކުރުވެރިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބިސާނަށް މި އެވޯޑު ލިބުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ވަނީ މިކަމާމެދު އުފާކޮށް މީސް މީޑިއާ ޕްލެޓްފޯމުތަކުގައި މިވާހަކަ ހިއްސާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން