ރާއްޖެއަކީ ބަސް ބުނަން ކެރޭ ގައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވައިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލް ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގެންނެވީ މިއަދުއެވެ.

ގާސިމް މިއަދު އެކްސްގައި ވަނީ އދ. ގައި ރާއްޖެ ތަމްސީލު ކުރެއްވުމުން ރައީސް މުޢިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި ވިދާޅުވީ ޖިއޮގްރަފީގޮތުން ރާއްޖެ ކިތަންމެ ކުޑަނަމަވެސް، އދ ގެ އާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރީގައިވެސް ރާއްޖޭގެ ބައެއް ވެރީން ބައިވެރިވެވަޑައިގަންނަވައި ރާއްޖެ ތަމްސީލް ކުރައްވާ ރާއްޖެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި، އަދި މުޅިދުނިޔެއަށް ދިމާވެފައިވާ އެކި އެކި ކަންތައްތަކާއި ގުޅޭ ގޮތުން މުނާސަބުގޮތެއްގައި އަޑުއުފުއްލަވާފައިވާ ކަމަށެވެ.

ނަމަވެސް ޝައްކެއްނެތް ގޮތުގައި، މި ގައުމުގެ ވެރިޔަކު އދ ގައި ދިވެހި ގައުމު ތަމްސީލް ކުރުމުގައި އަދުގެ ރައީސް މުޢިއްޒު ރާއްޖެ ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށެވެ

އެހެންކަމުން ރާއްޖެއަކީ ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަަސައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން އެމަނިކުފާނު ދައްކުވައިދެއްވާފައިވާ ކަމަށެވެ.

ރައީސްއަށް އިތުރަށް ތައުރީފްކުރައްވަމުން ގާސިމް ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސް ދެއްވި ތަގުރީރަށް ދުނިޔޭގެ ސަމާލުކަން ވެސް ލިބިގެންދިޔަ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ޚާއްޞަކޮށް ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގެންނަމަވެސް އދ ގައި ރާއްޖެ ތަމްސީލް ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުޢިއްޒުގެ ތަގުރީރު އޮޅުން ފިލާވަޑައިނުގަތް ނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީގައި އެމަނިކުފާނުގެ ތަގުރީރް އެވަނީ ހިމެނިފައެވެ. މީގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަގުރީރުކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސް އަކީވެސް އެމަނިކުފާނު ކަމަށް އެވަނީ ތާރީޚުގައި ލިޔެވިފައެވެ." ގާސިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން