ހުކުރު މިސްކިތުގެ ފޮޓޯއަކީ 1894 ގައި އެޗް.އެމް.އެސް ބްރިސްކްގެ ފަޅުވެރިއަކު ނަގާފައިވާ ފޮޓޮއެކެވެ. މިހާރު މި ފޮޓޯ އޮތީ އިނގިރޭސިވިލާތުގެ ނެޝަނަލް މެރިޓައިމް މިއުޒިއަމްގައެވެ.
ހުކުރު މިސްކިތުގެ ފޮޓޯއަކީ 1894 ގައި އެޗް.އެމް.އެސް ބްރިސްކްގެ ފަޅުވެރިއަކު ނަގާފައިވާ ފޮޓޮއެކެވެ. މިހާރު މި ފޮޓޯ އޮތީ އިނގިރޭސިވިލާތުގެ ނެޝަނަލް މެރިޓައިމް މިއުޒިއަމްގައެވެ.
(މިއީ ހިޖުރައިން 1320 / މީލާދީން 1902 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ތާރީޚު ދިވެހި ބަހުން ލިޔުމަށްޓަކައި، އައްސުލްޠާން އަލްޙާއްޖު މުޙައްމަދު ޢިމާދުއްދީން އިސްކަންދަރުގެ އަމުރުފުޅަށް އެކުލަވާލެވުނު ކޮމިޓީން ލިޔުނު 'ދިވެހި ތާރީޚު' ފޮތުން ނަގައިގެން މިޒަމާނުގެ ބަހުރުވަޔަށް ބަދަލުކޮށްގެން ލިޔާ ސިލްސިލާ މަޒުމޫނުތަކެކެވެ.)

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުން 8 ވަނަ އަހަރު ހުކުރު މިސްކިތް ބިނާކުރައްވަން ގަސްދުކުރެއްވިއެވެ. މި ހުކުރު މިސްކިތަކީ ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި މިސްކިތް ބާވެގެން، ޝިހާބުއްދީން ރަދުން އާކުރެއްވި މިސްކިތެވެ. ދެވަނަ ފަހަރަށް ބާވެގެން އަލުން ބިނާކުރައްވަން ނިންމެވީއެވެ. ދެން މިސްކިތުގެ ބިންގާ ކޮނެ ނަންގަވައި، ކުރިން ހުރި ތަނުގައި، އެއަށްވުރެ ރަނގަޅަށް ބޮޑުކޮށް ހެއްދެވިއެވެ. ބިނާކުރެއްވީ ހިރިގަލުންނެވެ. މިސްކިތް ބިނާކޮށް ނިމުނީ މި ރަދުންގެ ރަސްކަމުން 10 ވަނަ އަހަރުގައެވެ. އެއީ ހިޖުރައިން 1068 ވަނަ އަހަރެވެ.

ދެން މި ރަސްގެފާނާ އެއްބަނޑު ދޮއްޓަށް ހުންނެވި މުޙައްމަދު ދޮށިމޭނާ ކިލަގެފާނު ހިޖުރައިން 1071 ވަނަ އަހަރުގެ ރަމަޟާން މަހުގެ ދެވަނަ ދުވަހު އަވަހާރަވެއްޖެއެވެ.

ދެންފަހެ ހިޖުރައިން 1078 ވަނަ އަހަރު އިސްކަންދަރު ރަސްގެފާނު ޙައްޖަށް ވަޑައިގަންނަވައި، ޙައްޖުގެ ފަރުޟު އަދާކުރައްވައި، ޢުމްރާގެ ފަރުޟު އަދާކުރެއްވުމަށްފަހު ސަލާމަތުން އެނބުރި ދިވެހިރާއްޖެއަށް ވަޑައިގެންނެވިއެވެ. އެއީ އެ ރަދުންގެ ރަސްކަމުން 20 ވަނަ އަހަރުއެވެ.

އިސްކަންދަރު ރަސްގެފާނު ޙައްޖުން ވަޑައިގަތުމަށްފަހު ހުކުރު މިސްކިތުގެ ދެކުނު ދޮރޯށި ބިނާކުރެއްވިއެވެ. އަދި އެތަނަށް ކުދީންނަށް ޤުރުއާން ކިޔަވައިދީ، ފަރުޟު ޢިލްމު އުނގަންނައިދޭން ފިޤުހުވެރިޔަކު އައްޔަނުކުރެއްވިއެވެ. އަދި އެމީހާއަށް ބައިތުލްމާލުން އުޖޫރައެއް ދެއްވިއެވެ.

އެއަށްފަހު ހުކުރު މިސްކިތުގެ މުންނާރު ބިނާކުރެއްވިއެވެ. މުންނާރު ހައްދަވައި ނިމުނީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުން 29 ވަނަ އަރުގައެވެ. އެއީ ހިޖުރައިން 1085 ވަނަ އަހަރެވެ. އަދި މުންނާރުން ފަސްވަގުތު ނަމާދަށް ގޮވާނޭ މީހަކު ހަމަޖައްސަވައި އެމީހާއަށް ބައިތުލްމާލުން މުސާރައެއް ދެއްވިއެވެ. އޭރު މުންނާރުން ފަސްވަގުތު ގޮވައި އުޅުނީ "اَلصَّلَاةُ بَارَكَ اللهُ فِيْكُمُ اَلصَّلَاةُ" މިހެންނެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ފަނޑިޔާރުކަމުގައި ފުރަތަަމަ ހުންނެވީ އެރަދުންގެ ބައްޕާފުޅުގެ ރަސްކަމުގެ ފަހުކޮޅުގައި ފަނޑިޔާރުކަން ކުރެއްވި ހައްދުންމަތީ ފޮނަދޫ ޙަސަން ނާއިބު ތަކުރުފާނުގެ ދަރި މުޙައްމަދު ފަނޑިޔާރު ކަލޭގެފާނެވެ. މިއީ ކަލާފާނުގެ ދުވަސްވަރު ވެސް ހުންނެވި ފަނޑިޔާރެވެ. އޭނާ ނިޔާވީމަ ފަނޑިޔާރުކަން ދެއްވީ އޭނާގެ ދަރި މުޤްރީ އަޙްމަދު ކަލޭގެފާނަށެވެ. މި ފަނޑިޔާރު ކަލޭގެފާނު ވެސް ހިޖުރައިން 1070 ވަނަ އަހަރު ނިޔާވެއްޖެއެވެ. ދެން އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރި ޙުސައިން ތަކުރުފާނަށް ފަނޑިޔާރުކަން ދެއްވައިފިއެވެ. މި ތަކުރުފާނުވެސް ހިޖުރައިން 1072 ވަނަ އަހަރު ނިޔާވެއްޖެއެވެ.

ދެން އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރި އިބްރާހީމް ނާއިބު ފަޑިއަތް ތަކުރުފާނުގެ ދަރި ޙަސަން ތަކުރުފާނަށް ފަނޑިޔާރުކަން ދެއްވައިފިއެވެ. ދެން އޭގެ އަހަރެއް ފަހުން އޭނާ ފަނޑިޔާރުކަމުން ވަކިކުރައްވާފައި މަޙްމޫދު ކަލޭގެފާނަށް ފަނޑިޔާރުކަން ދެއްވައިފިއެވެ. މި މަޙްމޫދު ފަނޑިޔާރު ކަލޭގެފާނުގެ ބައްޕައަކީ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދޮންދަރި ދޮންބޮއި ނާއިބު ތަކުރުފާނެވެ. މުޙައްމަދު ސިރާޖުއްދީން ފޮނަދޫ ޚަޠީބު ތަކުރުފާނަކީ މި ދެންނެވި މަޙްމޫދު ފަނޑިޔާރު ކަލޭގެފާނުގެ ދަރިއެކެވެ. މި ކަލޭގެފާނު ފަނޑިޔާރުކަމުގައި 15 އަހަރު ހުންނެވުމަށްފަހު ހިޖުރައިން 1089 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 15 ވަނަ ދުވަހު ނިޔާވެއްޖެއެވެ.

ދެން އެއަށްފަހު އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރި ދެއްވަދޫ ޙާޖީ ޢަލިތުއްކަލާގެ ދަރި މުޙައްމަދު ޚަޠީބު ތަކުރުފާނަށް ފަނޑިޔާރުކަން ދެއްވައިފިއެވެ. (މި މުޙައްމަދު ފަނޑިޔާރު ތަކުރުފާނަކީ ފަހުން ދެއްވަދޫ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެ ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި ރަސްކަލެކެވެ.) މި ފަނޑިޔާރުކަން ދެއްވީ މަޙްމޫދު ފަނޑިޔާރު ކަލޭގެފާނު ނިޔާވީ އަހަރުގައެވެ.

ހިޖުރައިން 1080 ވަނަ އަހަރުގެ ރަޖަބު މަހުގެ 28 ވަނަ ދުވަހު އިސްކަންދަރު ރަސްގެފާނުގެ އަނބިކަނބަލުން ޅައިމަގު އާމިނާ ކަނބާފާނު އަވަހާރަވިއެވެ. މި ކަނބާފާނު އަވަހާރަވީމަ ރަދުން ކައިވެނިބެއްލެވުން ހުއްޓަވާލެއްވިއެވެ. އަދި ރަދުން، ރަދުންގެ ޖާރިޔާއިންގެ ތެރެއިން ރޭކުރެއްވުމަށްޓަކައި 8 މީހަކު ޚާއްޞަކުރެެއްވިއެވެ. މި އަށް މީހުންގެ ތެރޭގައި މާލިމީ ޙުސައިނުގެ ދަރިކަނބަލުން މަރިޔަމް އޭ ކިޔުނު ހިންދުކަރައިގެ ބޭކަނބަލަކު އިންނެވިއެވެ. ކުރިން ބުނެވުނު 8 ޖާރިޔާއިންގެ ތެރެއިން ރީތިކަމާއި ފުރިހަމަކަން ލިބިފައިވަނީ މިކަމަނާއަށެވެ. ރަސްގެފާނު ބޮޑަށް ހިތްޕުޅާ ވަނީ ވެސް މިކަމަނާއާއެވެ.

ދެން ދުވަސްކޮޅަކުން މިކަމަނާ އާލާސްވެ އިންނަވައި ފިރިހެން ދަރިކަލަކާއިގެން ރައްކާވެއްޖެއެވެ. މިކަމަނާ ރައްކާވީ ހިޖުރައިން 1091 ވަނަ އަހަރުގެ ރަޖަބު މަހުގެ 28 ވަނަ ދުވަހުގެ މެންދުރާއި އަސުރާއި ދެމެދުގެ ވަގުތެއްގައެވެ. އެއީ ރަދުންގެ ރަސްކަމުން 33 ވަނަ އަހަރުގައެވެ. އޭރު ރަސްގެފާނުގެ ޢުމުރުފުޅުން 62 އަހަރުފުޅެވެ.

އިސްކަންދަރު ރަސްގެފާނު، އެ ރަދުންގެ ދަރިކަލުންނަށް ދޮޅުއަހަރުފުޅު ވުމަށްފަހު ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ގެފާނުންގެ ޒިޔާރަތްފުޅުކުރެއްވުމަށް މަދީނާއަށް ވަޑައިގަތުމަށް ހީފުޅުކުރެެއްވިއެވެ. އަދި ބޮޑުންނާއި، ވަޒީރުންނާއި، އަމީރުންނާއި، ސިފައިންނާއި، ފަނޑިޔާރު ތަކުރުފާނާ އެންމެންގެ ކިބައިން އެ ރަދުންގެ ދަރިކަލުންނަށް ރަސްކަމުގެ އަހުދު ހިއްޕެވިއެވެ. ދެން ރަސްކަމުގެ ކަންތަކާއި، ދަރިކަލުންގެ ކަންތަކާއި، ދަރިކަލުންގެ މައިކަމަނާގެ ކަންތަކާ ދެއްވަދޫ ފަނޑިޔާރު ތަކުރުފާނާ ޙަވާލު ކުރެއްވިއެވެ. އެއަށްފަހު ހިޖުރައިން 1093 ވަނަ އަހަރުގެ މުޙައްރަމް މަހުން 27 ވީ ބުރާސްފަތި ދުވަހު ބޮޑު އޮޑީގެ ތިން އޮޑިއާއި ހަތަރު ނަވާއެކު ހަތް އުޅަނދު ގެ އަރުމާދެއްގައި ރަސްގެފާނު ފުރާވަޑައިގެންނެވިއެވެ. އެއީ އެ ރަދުންގެ ރަސްކަމުން 35 ވަނަ އަހަރެވެ.

އިސްކަންދަރު ރަސްގެފާނު ދަތުރުފުޅުކުރައްވައި ސަލާމަތުން ޖިއްދާގެ ބަނދަރަށް ވަޑައިގެންނެވިއެވެ. ދެން ޖިއްދާއަށް ފައިބައިވަޑައިގެންފައި މަދީނާއަށް ވަޑައިގެންނެވިއެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ގެފާނުންގެ ޒިޔާރަތްފުޅުކުރައްވައި މަދީނާގައި ހުރި އަޞްޙާބު ބޭކަލުންގެ ޒިޔާރަތާއި ޝަހީދުންގެ ޒިޔާރަތްކުރައްވާފައި ރަދުންގެ އަރިހުގައި ދިޔަ އެންމެނާއިގެން މައްކާއަށް ވަޑައިގެން ގެފުޅަށް ވެދެވަޑައިގެންނެވިއެވެ. ދެން ޢުމްރާވެވަޑައިގެން، ޠަވާފުކުރައްވައި، ޞަފާ މަރްވާގައި ހިންގަވައި، ވަދީޢަތުއްޠަވާފު ކުރައްވައި މައްކާއިން ނުކުމެވަޑައިގެންނެވިއެވެ. ދެން ޖިއްދާއަށް ވަޑައިގަންނަވާފައި ޖިއްދާ ބަނދަރުން މަޚާގެ ބަނދަރަށް ވަޑައިގެންނެވިއެވެ.

ޝަޢުބާން މަހުގެ 15 ވަނަ ދުވަހު އިސްކަންދަރު ރަސްގެފާނުގެ އަރުމާދު މަޚާގެ ބަނދަރުން ފުރައިގެން މާލޭގެ ބަނދަރަށް އާދެވުނީ ފިޠުރު ޢީދު ވިލޭރޭގައެވެ. ދެން ރަދުންގެ އަރުމާދާ ބައްދަލުކޮށް ރަދުންނަށް މަރުހަބާ ދެންނެވުމަށް މާލޭގެ އަހުލުވެރިން ދޯނިފަހަރުގައި ދިޔައެވެ. އެރޭ ރަދުން ވަޑައިގެންނެވިކަމަށްޓަކައި މުޅި ރަށް ޒީނަތްތެރި ކުރިއެވެ. ދެން އެ ދުވަހުގެ ޢީދު ނަމާދު ވަގުތުގައި ރަދުން މާލެއަށް ފައިބައިވަޑައިގަންނަވާފައި ޢީދު ނަމާދަށް ވަޑައިގެންނެވިއެވެ. އެއީ ދިވެހިރާއްޖެއަށް ދެ ޢީދު އެކުގައި އައި ދުވަހެކެވެ. އަދި މިއަށް ފަހު ވެސް ޢަދުލުވެރިކަމާއެކު ރަސްކަންކުރައްވަން 4 އަހަރާއި 6 މަހާއި 15 ދުވަހު ހުންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން