ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އިންސާނިއްޔަތާއި ސުލްހައާއި އިންސާފުގެ ފަޅީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތަދައްޚުލްވުމަށް ނިންމުމާއި ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް ޖަވާބުދާރީކުރުވަންޖެހޭ ކަމަށާއި އަދި ގާނޫނުގެ ވެރިކަން ނަގަހައްޓާ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އަދި ރާއްޖެ އަބަދުވެސް އޮންނާނީ އިންސާނިއްޔަތާއި ސުލްހައާއި އިންސާފުގެ ފަޅީގައި ކަމަށާއި އެމަގުން ކުރިއަށްދާއިރު ރާއްޖެއިން ކުރިއަށް ދާނީ ފަލަސްތީނުގެ މުސްލިމުންނާއިއެކު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ޕޯސްޓްގައި ވަނީ، ފަލަސްތީނުގެ ދައުލަތް ގާއިމު ކުރެވެންވާނީ އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

އެފްރިކާއިން ހުށަހެޅި މައްސަލައަށް ތަދައްޚުލްވާން ނިންމުމަށްފަހު ރާއްޖެއިން ހުށަހަޅަންޖެހޭ "ޑިކްލެރޭޝަން އޮފް އިންޓަރވެންޝަން،" މި މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަ ނައިބު އަލްއުސްތާޒް އަހުމަދު އުޝާމްގެ ފަރާތުން މިއަދު އައިސީޖޭއަށް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން