ރާއްޖެއަކީ ބޭރު ފައިސާ އެންމެ ފަސޭހައިން އެންމެ ގިނައިން ވަންނަ އެއް ގައުމޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ބައި ވަންނަނީ ބޭރު ފައިސާ އިންނެެވެ. ޑޮަލަރާއި ޔޫރޯ އިންނެެވެ. ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީ.ޑީ.ޕީގައި ސީދާގޮތުންނާއި ނުސީދާގޮތުން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށްވާއިރު އެސިނާއަތުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާ އެއް ލިބެނީ ބޭރު ފައިސާ އިންނެެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޑޮލަރާއި ޔޫރޯ އިންނެެވެ.

ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތުން އަހަރަކު ބިލިއަނުން ގައުމަށް ޑޮލަރު ނުވަތަ ބޭރު ފައިސާ ވަނތް ނަމަވެސް މިއަދު ރާއްޖެ ވެފައިމިވަނީ ނިސްބަތުން ޑޮލަރުގެ ތާށިކަން އެންމެ ބޮޑު ގައުމަށެވެ. ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވިޔަސް ޑޮލަރުގެ އަސްލު ރޭޓް މިއަދު ކަނޑައަޅަނީ ޑޮލަރުގެ ކަޅު ބާޒާރުންނެވެެ. އެހެންކަމުން ޑޮލަރުގެ އަގުގެ ކޮންޓްރޯލް މިއަދު އޮތީ ކަޅު ބާޒާރުގައެެވެ. އެކަން ވެފައި އޮތީ ބަޔަކު ކުރާ ވަރަށް ބޮޑު ވިޔަފާރިއަކަށެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް އުޅެނީ 19 ރުފިޔާ އާއި ހަމައިގައެވެ. ނުވަތަ ބައެއް ފަހަރު އެއަށްވުރެވެސް މަތީގައެވެ.

ވޭތުވެ ދިޔަ ތިން ސަރުކާރަށް ވެސް ޑޮލަރު މައްސަލަ ހައްލުކުރުމަށް އެދެވޭ މަސައްކަތެއް ކުރެވުނު ތަނެއް ފެންނާކަށް ނެތެވެ. އަދި އެ ސަރުކާރުތަކަށް ޑޮލަރުގެ އަގު ކަނޑައެޅުމުގައި ބާރެއް ނެތި އަގު ކޮންޓްރޯލް ނުކުރެވި ޑޮލަރުގެ އަގު އިންތިހާއަށް އަރައިގެންދިޔައިރު އެމައްސަލަ ހައްލުކުރަން ހަރުދަނާ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރާކަށް ވެސް ނުކެރުނެވެެ. ނުވަތަ އެކަން ކުރާނެ ހިތްވަރު ނެތީއެެވެ.

ކޮންމެއަކަސް ޑޮލަރުގެ މައްސަލަ އަކީ އިއްޔެ އަކު މިއަދަކު ދިމާވި މައްސަލަ އެއް ނޫނެވެ. ނުވަތަ ރާއްޖެއަށް އަލަށް އުފަންވި މައްސަލަ އެއްވެސް ނޫނެެވެ. މާޒީ އަށް ނަޒަރު ހިންގައި ތަންކޮޅެއް ދުރަށް ޖެހިލާއިރު ޑޮލަރުގެ މައްސަލައާ އެންމެ ފުރަތަމަ ކުރިމަތިލައްވަން ޖެހިވަޑައިގަތީ އާ ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދާއެވެ.

އޭރު ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތީ ޑޮލަރުގެ އަގު ކޮންޓްރޯލް ނުވެ އޮތީ ރައީސް ނަޝީދުގެ ނާގާބިލް ކަމުން ކަމަށެވެ. ޑޮަލަރުގެ މައްސަލަ ހައްލުކޮށް ކޮންޓްރޯލް ހޯއްދަވަން ރައީސް ނަޝީދު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ޑޮލަރުގެ އަގު 15.42 އަށް ބޮޑު ކުރެއްވުމެެވެ. ނަމަވެސް ރައީސް ނަޝީދަށް ޑޮލަރުގެ މައްސަލަ ހައްލުނުވެގެންއުޅޭ އަސްލު މައްސަލަ އެނގިވަޑައިގެން އެކަން ހާމަކުރަން ކެރިވަޑައިގަތީ ކަންކަން ގޯހުން ގޯހަށް ދިޔުމުންނެެވެ. އެގޮތުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ނުވަންނަ ވާހަކަ އާއި ރާއްޖޭގެ ބޭންކުތަކުން ޑޮލަރު މާރުނުކުރާ ވާހަކަ ރައީސް ނަޝީދު އޭރު ދެއްކެވިއެވެ.

އެހެން ނަމަވެސް އެމައްސަލަ ހައްލުކުރަން މަސައްކަތް ކުރުމުގެ ބަަދަލުގައި ރައީސް ނަޝީދު ގެންގުޅުއްވީ ތަފާތު އުކުޅެކެެވެ. އޭރު ސަރުކާރުގެ ސިޔާސަތަކަށް ނަޝީދު ހެއްްދެވީ ޑޮލަރު ފަހައި ދުވުމެެވެ. ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ޑޮލަރު ފަހައި ދުވެ އަތުލުމެެވެ. ނަމަވެސް އެއީ މާ ކާމިޔާބު ފޯމިއުލާއަކަށް ނުވިއެވެ. އެއިން ނިކުތް ނަތީޖާއެއް ނެތެވެ. ނުވިތާކަށް ތިން އަހަރު ވެރިކަން ކުރަށްވާފައި ނަޝީދު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު ޑޮލަރު ފަހަައި ދުވެގެން ވެސް އެކަށީގެންވާ އަދަދެެއް އަތު ޖެހޭގޮތެއް ހަމަ ނުވިއެވެ.

2018 ވަނަ އަހަރުގެ ރައީސް ޔާމިން ވެެރިކަމުގައި ކޮންމެ ވެސް ވަރަކަށް ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވުނު ނަމަވެސް އަސްލު މައްސަލަ އޮތީ ހައްލު ނުވެއެެވެ. ބިލިއަނުން ޑޮލަރު ލިބޭ ސިނާއަތުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި ދައުރުނުވާ ސަބަބާއި މެދު އޭރުވެސް އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެެވެ. ރާއްޖޭގައި 173 ރިސޯޓު މިވަގުތު ހިންގާއިރު އެހުރިހާ ރިސޯޓަކުން ލިބޭ ބޭރު ފައިސާގެ ބޮޑު ބައެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ނުވަންނަ ކަމީ ކަށަވަރުވެ ޔަގީންވާކަމެކެެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރިސޯޓުތަކުން ޑޮމެސްޓިކް ބޭންކުތަކަށް ވަދެފައިވަނީ އެންމެ 68 މިލިއަން ޑޮލަރެެވެ. ގަވަރުނަރު ވިދާޅުވަނީ އެއީ ރާއްޖެއަށް ލިބޭ ޑޮލަރުގެ އެންމެ ތިނެއް އިންސައްތަ ކަމަށެވެ. އެހެންވީމާ ބޭންކްތަކަށް ޑޮލަރު ވިއްކަން ޖެހެނީ ސަރުކާރަށް ވަންނަ އެއްޗަކުންނެވެ. ސަރުކާރަށް ޑޮލަރު ލިބެނީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއިންނެވެ.

ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރު އިތުރު ކުރަން ސަރުކާރުން ވަނީ މުހިންމު ނިންމުންތަކެއް ނިއްމާފައެވެ. މިހާރު އެކުލަވާލާފައިވާ އާ ގަވާއިދާއެކު ރިސޯޓަކަށް އަންނަ ކޮންމެ ގެސްޓަކަށް 500 ޑޮލަރުގެ މަގުން ޑޮމެސްޓިކް ކޮންމެވެސް ބޭންކަކަށް އެ ފެސިލިޓީއަކުން ޑޮލަރު މާރުކުރަން ލާޒިމްކުރާއިރު ގެސްޓްހައުސްތަކުން ކޮންމެ ގެސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކުން ޑޮލަރު މާރު ކުރަންޖެހެ އެވެ.

އެނިއްމުމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ ނުވަތަ މަޓީ އިން ދެކޮޅެެވެ. އެހެން ނަމަވެސް ޝޯޝަލް މީޑިޔާގައި ގިނަ ރައްޔިތުންގެ ޚިޔާލު ހުރިގޮތަށް ބަލާއިރު ގިނަ ރައްޔިތުންގެ ތާއިދު އެކަމަށް އެބައޮތެެވެ. އެކްސްގައި ޚިޔާލު ފާޅުކުރި ބައެއް ރައްޔިތުން ބުނާގޮތުގައި ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުވުމަކީ، ރައްޔިތުން އަދި ގައުމަށް ފައިދާ ހުރި މުހިންމު ނިންމުމެކެެވެ. ގިނަ ރައްޔިތުންގެ ނަޒަރުގައި އެއީ ގެންނަންޖެހި، ނުގެނެވި ލަސްވެފައި އޮތް ބޮޑު ބަދަލެކެެވެ. ބައެއް ރައްޔިތުން ބުނީ ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ބްލެކް މާކެޓަކީ ވެސް ރިސޯޓުތަކުން "އުފައްދައިގެން އުޅޭ" އެއްޗެއް ކަމަށެވެ. ރާއްޖޭގެ ރަށްތަކާއި ރީތިކަން ވިއްކައިގެން ހޯދާ އާމްދަނީ މި ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރުވާންޖެހޭ ކަމަށް ބައެއް ރައްޔިތުން ދެކެއެެވެ. ރިސޯޓުތަކަށް ދައުލަތުން ދެމުން އަންނަ ލުޔާ އެއްވަރަށް، ރިސޯޓުތަކުން ދައުލަތަށް އަދި އާންމުންނަށް ފައިދާ ނުވާ ކަމަށް ޝޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވެއެވެ.

ރާއްޖޭގައި ނެތް އެއްޗެއް ކަޅު ބާޒާރުން މިލިއަނުން ގަންނަން ލިބެނީ ކީއްވެތޯ މިއީ ޖަވާބު ލިބެންޖެހޭ ސުވާލުތަކެެވެ. ބޭނުން މީހަކަށް ބޭނުން އަދަދަކަށް ކަޅުބާޒާރުން ޑޮލަރު ގަންނަން ލިބުމަކީ ބޮޑުވެގެންވާ އަޖާއިބެކެވެ. އަރަތެކެވެ.

ރާއްޖެއަށް ވަންނަ ޑޮލަރު ގައުމުގެ ތެރޭގައި ހިފެހެއްޓޭނެ ގޮތްތައް އިތުރުވުމަކީ މުހިންމު ކަމެކެވެެ. މިފަހުން ޑޮލަރުގެ އަގު އުފުލިފައި ވަނީ ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެގެންނެވެެ. އެހެންކަމަށްވާއިރު ފަތުރުވެރިކަމުން ވަންނަ ޑޮލަރު އިގުތިސާދުގެ ތެރޭގައި ދައުރުވާނަމަ ޑޮލަރު ރޭޓު ހިފެހެއްޓި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެގޮތުން ސިއްހީ ބޭނުންތަކަށާއި ހައްޖާއި އުމްރާއަށް ދަތުރުކުރާއިރު ދިވެހީން ޑޮލަރު ގަންނަން ޖެހޭއިރު، ބޭންކިން ނިޒާމުގައި ޑޮލަރު ހުންނަ ނަމަ ޑޮލަރު ގަންނަން ރައްޔިތުން ގަނަތެޅެންޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެއެވެެ. އެހެންކަމުން ވިޔަފާރިވެރިންގެ ފިއްތުންތަކާއި ޕްރެޝަރު ސަރުކާރަށް މިވަގުތު އޮތް ނަމަވެސް ކޮންމެފަދަ ހިތި ބޭހެއް ބޮއިގެން ނަމަވެސް ޑޮލަރު ގައުމު ތެރޭގައި ހިފެހެއްޓޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަކީ މިއަދު ގައުމުގެ ހާލަތު އޮތްގޮތުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެެވެ.

ގަވަރުނަރު ވިދާޅުވަނީ އައު އުސޫލާއެކުވެސް ބޭންކުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ވަންނާނީ އެސިނާއަތަށް ލިބޭ އާމްދަނީގެ އެންމެ 10 ޕަސެންޓު ކަމަށެވެ. މިއީ ގައުމުގެ ރަށްތަކާ ބިންތަކާ ފަޅުތަކާ ކަނޑުތައް ވިއްކައިގެން ލިބޭ އާމްދަނީން އޭގެ އަސްލު ހިއްސާދާރުންނަށް ހައްގުވާ އެއްޗެއްގެ ވަރަށް ކުޑަ މިންވަރެކެވެ.

ނަމަވެސް މިކަމާ ދެކޮޅަށް ހަމަދައްކައި ހިސާބުޖަހާ މީހުން ބުނަނީ އައު އުސޫލުގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރި ފުނޑޭނެ ކަމަށެވެ. ޓެކްސް ތައާރަފުކޮށް ޓެކްސް ނަގަން ފެށުމުން ވެސް ބުނީ ވިޔަފާރިތައް ފުނޑޭނޭ ކަމަށެ. އެކަމަކު އެހެނެއް ނުވެއެވެ. މިފަހަރަކުވެސް އެހެނެއް ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން