ރާއްޖޭގެ ބޭންކުތަކަށް ވަކި ވަރަަކަށް ބޭރު ފައިސާ މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅާއެކު ޑޮލަރުގެ ބްލެކް މާކެޓް ފެބްރުއަރީ މަހު ނިމެނޭކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ރިސޯޓް ވިޔަފާރިތައް ހިންގަވާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑީއާއަކުން ރޭ ގެނެސްދިން ޕްރޮގްރާމްގައި ޖާބިރު ވަނީ ސަރުކާރުގެ ނިންމުމަށް ތައުރީފް ކުރައްވާފައެވެ.

އަދި ރާއްޖޭގެ ރައްޔިތުންނަށް ބޭރު ފައިސާ ލިބޭނެ ގޮތް ހޯދައިދިނުމަށްޓަކައި ސަރުކާރުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ފިޔަވަޅުކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ އޭނާ ވެސް އުޅުއްވާ ތަނެއް ކަމަށެވެ. އަދި އެ އެސޯސިއޭޝަންގައި ރާއްޖޭގެ އެހެން ބޮޑެތި ވިޔަފާރިވެރިންވެސް އުޅުއްވާކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.

ޖާބިރު އެފަދައިން ވިދާޅުވި އިރު ސަރުކާރުގެ ނިންމުމާމެދު މަޓީން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ޖާބިރު ވިދާޅުވީ ބްލެކްމާކެޓް ދުއްވާލަން ޖެހޭ ކަމަށެވެ.

"އެކަމަކު ރާއްޖެ ކުރިއެރުވުމަށްޓަކައި ބޭނުންވާ އިގުތިސާދީ ހަކަތައަކީ މި ރާއްޖޭގެ ބްލެކް މާކެޓް ދުއްވާލުން. އަޅުގަނޑު ހިތަށް އަރަނީ ރައީސްގެ މި ފިޔަވަޅުގެ ސަބަބުން މި ބްލެކް މާކެޓް ނިމޭނެ ފެބްރުއަރީ މަހު. މި އަންނަ 'ހައި ސީޒަން' ގައި ރާއްޖެއަށް ވަރަށް ގިނަ ލާރި ލިބޭނެ ޑޮލަރުން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ވެސް އޭނާ ރާއްޖެއަށް 15 މިލިއަން ޑޮލަރު ވައްދާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން